12 Jun 2013, 12:13
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަނުން ބޭރުގެ އެކައުންޓިން ފާމަކަށާއި ލޯ ފާމަކަށް ކުރި ހަރަދުތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކުރަން އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް އަންގަވައިފި އެވެ.
އޮޑިޓާ ޖެނެރަލް އިއްޔެ ނެރުއްވި އެޓާނީ ޖެނެރަލްގެ އޮފީހުގެ އޮޑިޓް ރިޕޯޓްގައި ވަނީ ރިޔާސީ ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކާ ގުޅިގެން ދައުލަތުގެ އެކިއެކި މުއައްސަސަތަކުން ކޮށްފައިވާ ހަރަދުތައް އިތުރަށް ތަހުގީގުކޮށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާ ނަމަ އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އަންގާފައިވެ އެވެ. އަދި އެއްވެސް ފަރާތަކުން އިހުމާލުން ދައުލަތަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ނަމަ، ލިބިފައިވާ ހުރިހާ ގެއްލުންތަކުގެ ބަދަލު މާލިއްޔަތު ގާނޫނުގައިވާ ގޮތުގެ މަތިން އެކަމުގައި ޒިންމާވާ ފަރާތްތަކުން ހޯދުމަށް އޮޑިޓާ ޖެނެރަލް އަންގަވާފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ އެ މުއާމަލާތްތައް ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެ މައްސަލައާ ގުޅޭ އެއްވެސް ކަމެއް ހިނގާފައިވޭތޯ ބެލުމަށް އެ މައްސަލަ އޭސީސީ އަށް ހުށަހަޅައިގެން ތަހުގީގުކުރުމަށް އަންގާ ކަމަށެވެ.
އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ވަނީ މޯލްޑިވްސް އެސެޓް ޓްރޭސިން ރިކަވަރީ އެންޑް ރިޕެޓްރިއޭޝަން އެންގޭޖްމަންޓްގެ ނަމުގައި އިނގިރޭސިވިލާތުގެ އެކައުންޓިން ފާމަކާއި ދިވެހި ސަރުކާރާ ދެމެދު 2010 ވަނަ އަހަރު އެންގޭޖްމަންޓް ލެޓާއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ ބޭނުމަކީ ނަމަހަ ގޮތުގައި ހޯދާފައިވާ ދިވެހި ދައުލަތުގެ މުދަލާއި ފައިސާ ވީތަނެއް ހޯދައި، އެ މުދަލާއި ފައިސާ އަނބުރާ ދައުލަތަށް ހޯދައިދިނުމާއި ކުރިން ރައީސްކަން ކުރެއްވި ބޭފުޅަކާއި އޭނާގެ އާއިލާގެ ބޭފުޅުންގެ އަމިއްލަ ވިޔަފާރިއާ ގުޅޭ ތަހުގީގެއް ހިންގެވުން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ އެ މައްސަލަ ތަހުގީގުކުރެއްވުމަށް އެންމެ ފުރަތަމަ އެއްބަސްވުމެއްގައި ސޮއިކުރައްވާފައި ވަނީ ކުރީގެ އޮޑިޓާ ޖެނެރަލް އިބްރާހިމް ނައީމް މާޗް 23، 2010ގައި ކަމަށެވެ. އަދި އޭގެ ފަހުން އަކުރެވުނު އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ކުރީގެ ދެ އެޓާނީ ޖެނެރަލަކު ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އިނގިރޭސިވިލާތުގެ އެކައުންޓިން ފާމުން 2010 އާއި 2012 ވަނަ އަހަރާ ހަމަޔަށް އެ ފާމުން އިންވޮއިސްކޮށްފައި ވަނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ކަމަށެވެ.
އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ވަނީ އެ އޮޑިޓް ފާމުގެ އިތުރުން ފެބްރުއަރީ 2011،25ގައި ސިންގަޕޫރުގެ ލޯފާމަކާއި ދިވެހި ސަރުކާރާ ދެމެދު އެންގޭޖްމަންޓް ލެޓާއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ބޭނުމަކީ އެސްޓީއޯ މޯލްޑިވްސް ސިންގަޕޯ އިން މިޔަންމާ އެކު ކޮށްފައިވާ ކަމަށް ތުހުމަތުކުރާ ތެލުގެ ވަގުވިޔަފާރިއާ ބެހޭ ހިޔާނާތުގެ މައްސަލަ ތަހުގީގުކުރުން ކަމަށް ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ވަނީ ނަމަވެސް އެ އެއޮޑިޓްފާމުން އިންވޮއިސްކޮށްފައި ވަނީ އެސްޓީއޯ މޯލްޑިވްސް ސިންގަޕޯ އަށާއި ރިޔާސީ ކޮމިޝަނަށް ކަމަށެވެ. އަދި އެ އެކައުންޓިން ފާމާއި ލޯފާމުން ކުރި ބައެއް އިންވޮއިސްތަކަށް މިދިޔަ އަހަރު އެޓާނީ ޖެނެރަލްގެ އޮފީހުން 4.8 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައި ވަނީ އެ ފާމުތަކުން އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ އިންވޮއިސްތަކަށް ފައިސާ ލިބުން ލަސްވަމުންދާތީ، އެ ފައިސާ ދައްކަން ޖެހޭނެ ކަމަށް ބަޔާންކޮށް އެޓާނީ ޖެނެރަލްގެ އޮފީހަށް އެފަރާތުގެ ވަކީލު ލެޓާ ބިލް ފޯ ކްލައިމެއް ފޮނުވާފައިވާ ކަމަށެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ލެޓާ ބިލް ފޯ ކްލެއިމްއަށް އިޖާބަ ނުދީފި ނަމަ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އިނގިރޭސިވިލާތުގެ ކޯޓުތަކަށް ހުށަހަޅާނެ ކަމަށް ބުނެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ މެންޑޭޓްގައި ތަހުގީގުކުރުމަކީ ހިމެނޭ ކަމެއް ނޫން ކަމަށާއި އެ އެންގޭޖްމަންޓް ލެޓާގައި ކުރީގެ ދެ އެޓާނީ ޖެނެރަލަކު ސޮއިކުރައްވައި އެ ދެ ބޭފުޅުން ޝާމިލްވެވަޑައިގެންފައިވާ ކަމަށެވެ. އަދި ނަން ވިދާޅުނުވެ، ދެ އެޓާނީ ޖެނެރަލުން މަގާމުން ވަކިވެޑައިގެންނެވި އިރު އެކަމާ ބެހޭ އެއްވެސް ރަސްމީ ލިޔުމެއް ފެންނަން ނެތް ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައި ވަނީ އެފާމްތަކުން ކުރި އިންވޮއިސްތަކަށް ފައިސާ ދައްކާފައި ވަނީ އެ އޮފީހުގެ މެންޑޭޓުން ބޭރުން ދައުލަތުގެ ބަޖެޓަރީ އުސޫލްތަކާ ހިލާފަށް ކަމަށެވެ.
އެ ރިޕޯޓުގައި ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުން 2012 ވަނަ އަހަރު އެ ފާމްތަކަށް 4.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކި އިރު އެ ފާމްތަކަށް 2010 ވަނަ އަހަރާއި 2011ވަނަ އަހަރު ދައުލަތުގެ ބަޖެޓުން 21.9 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.
އެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެ އެއްބަސްވުންތަކަށް ނިމުމަކަށް ގެނައުމާ ގުޅިގެން ދިވެހި ސަރުކާރުން އެ ފާމްތަކަށް ދައްކަން ޖެހޭ ކަމަށް ހުށަހަޅާފައިވާ އިންވޮއިސްތަކަށް ދައްކަން ޖެހޭ ފައިސާ ފިޔަވައި އެހާތަނަށް އެ ފަރާތްތަކުން ހުށަހެޅި އިންވޮއިސްތަކަށް އެޓާނީ ޖެނެރަލްގެ އޮފީހުން ފައިސާ ދެއްކުމަށް ފަހު، ދެ ފަރާތުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ހައްލުކޮށް އެއްބަސްވުން ނިމުމަކަށް ގެނައުމަށް މިއަހަރުގެ މާޗް 26،25 ވަނަ ދުވަހު ދުބާއީގައި ބޭއްވި މީޑިއޭޝަނަށްފަހު ސެޓްލްމަންޓް އެގްރިމަންޓެއްގައި މާޗް62 ވަނަ ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ މީޑިއޭޝަންގައި އެއްބަސްވެފައިވާ ގޮތަށް އެކައުންޓިން ފާމަށް ދައްކަން ޖެހޭކަމަށް އެއްބަސްވި ފައިސާގެ ތެރެއިން ބައެއް މިހާރު ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން މީޑިއޭޝަންގައި އެއްބަސްވެފައިވާ ގޮތުގެ މަތިން ސިންގަޕޫރުގެ ލޯފާމަށް ދައްކަން ޖެހޭ ފައިސާ މިއަހަރު ދައްކާ ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ދެ ފާމަށް މުޅި ޖުމްލަ ދެއްކި އަދަދެއް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ހާމަކޮށްފައެއްނުވެ އެވެ.