ދަނޑުގައި ހިންގި ހަމަ ނުޖެހުމެއްގައި ފުޓްބޯޅަ މެޗު ބަލަން ގޮސްހުރި ސަޕޯޓަރަކު މަރުވި ހާދިސާއާ ގުޅިގެން އާޖެންޓިން ފުޓްބޯލް އެސޯސިއޭޝަން (އޭއެފްއޭ) އިން ރަށުންބޭރު ޓީމުގެ ސަޕޯޓަރުން ދަނޑަށް ވެއްދުން މަނާ ކޮށްފި އެވެ.

އޭއެފްއޭއިން އެގޮތަށް ނިންމާފައިވަނީ މިދިޔަ ހޯމަދުވަހު އާޖެންޓީނާގެ ފުރަތަމަ ޑިވިޝަންގައި އެސްޓޫޑިއަންޓޭސްގެ ދަނޑުގައި އެޓީމާއި ލާނުސް ބައްދަލު ކުރި މެޗު ހިނގަމުން ދިޔަ ގަޑީގައި އެތަނުގައި ކުޅިބަލަން ގޮސްތިބި ދެ ކުލަބުގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ލާނުސްގެ ސަޕޯޓަރެއް ކަމަށްވާ އުމުރުން 42 އަހަރުގެ ހާވިޔާ ގެރޭޒް ނަމަކަށް ކިޔާ މީހަކު މަރުވުމާއި ގުޅިގެންނެވެ. އަދި އެފްއޭގެ އެ ނިންމުން އާޖެންޓީނާގެ ހުރިހާ ތަނެއްގައި ހުރިހާ ޑިވިޝަނެއްގެ ފުޓްބޯޅަ މުބާރާތް ތަކުގައިވެސް ތަންފީޒު ކުރެވޭނެ އެވެ.

ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގަން ފެށުމުން ލާނުސްގެ ގިނައަދަދެއްގެ ސަޕޯޓަރުންވަނީ ގޮނޑިތައް ދޫކޮށް އެ ހަމަނުޖެހުމުގައި ބައިވެރިވުމަށް ދަނޑުން ބޭރަށް ނުކުމެފަ އެވެ. އަދި ގެރޭޒް މަރުވެފައި ވަނީ، އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރި ފުލުހުންނާއި ލާނުސްގެ ސަޕޯޓަރުންނާ ދެމެދު ހިނގި ކުރިމަތިލުންތައް ކޮންޓްރޯކް ކުރުމަށް ފުލުހުން ރަބަރު ވަޒަން ބޭނުން ކުރުމުން ކަމަށް ވެއެވެ.

އެހާދިސާގައި ވަރަށް ބޮޑަށް ޒަހަމްވި އިތުރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާއިރު، ލާނުސްގެ ފަރާތުންވަނީ ފުލުހުންގެ އެ ލާއިންސާނީ އަމަލުތައް ކުއްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އަދި ފުލުހުން ވަނީ އެ ހާދިސާއާ ގުޅިގެން ފުލުންގެ ތިން އޮފިސަރަކު ހައްޔަރު ކޮށްފަ އެވެ.

ސްޓޭޑިއަމްގައި ހިންގި ހަމަނުޖެހުމުގެ ސަބަބުން އެސްޓޫޑިއަންޓޭއާއި ލާނުސް ބައްދަލު ކުރިމެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުމުން އެ މެޗު ވަނީ ކެންސަލް ކޮށްފަ އެވެ.

އާޖެންޓީނާގެ ވެރިރަށް ބިއުނޮސް އެއިރީޒްގެ ލަ ޕްލާޓޭގެ ހަމަނުޖެހުމަށްފަހު ފުލުހުން ބުނެފައިވަނީ، އެ ގައުމުގައި ބޮޑެތި ފުޓްބޯޅަ މެޗުތައް ކުޅޭ ގަޑީގައި އެތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެތައްހާސް ފުލުހުންނެއް ފޮނުވާ ކަމަށެވެ. އެކަމަކު މިހާރު އެ ނިންމުމުގެ ސަބަބުން ދެން އެފަދަ ހަމަނުޖެހުންތަކަށް ނިމުމެއް އަންނާނޭ ކަމަށާއި ފުލުހުންގެ ޒިންމާއަކަށް ހަދަންވީ ކުޅިވަރުތައް ބަލަންގޮސްތޮބޭ މީހުންގެ މެދުގައި ހިންގާ ހަމަނުޖެހުން ކޮންޓްރޯލް ކުރުން ނޫން ކަމަށާއި، މުޖުތަމައުތެރޭގައި ހިނގާ އެހެނިހެން ކަންކަން ހައްލުކުރުމަށް ފުހުން މަސައްކަތްކުރުން މާ ރަނގަޅުވާނޭ ކަމަށެވެ.

ބިއުނޮސް އެއިރީޒްއަކީ އާޖެންޓީނާގެ ބޮޑެތި ފުޓްބޯޅަ ކުލަބުތައް ކަމަށްވާ ބޮކަ ޖޫނިއާޒް، ރިވަ ޕްލޭޓް، އަދި ރޭސިން ފަދަ ކުލަބުތައް ނިސްބަތްވާ ސިޓީއެވެ.

އާޖެންޓީނާގައި 2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް 70 ވަރަކަށް ސަޕޯޓަރުން، އެފަދަ ހަމަ ނުޖެހުންތަކުގައި މަރުވެފައިވާ އިރު މިއީ އެ ގައުމުގެ ފުޓްބޯޅައިގެ ތާރީހުގައިވެސް ހަމަ އެކަނި ރަށު ޓީމުގެ ސަޕޯޓަރުން އެކަނި ދަނޑަށް ވައްދައިގެން މެޗުތައް ކުޅެން ނިންމި ފުރަތަމަ ފަހަރެވެ.