12 Jun 2013, 12:03
ގައުމީ ޕާޓީގެ ޒުވާނުން ގޮފީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރުގެ ނާއިބު މުހަންމަދު މަލީހު ޖަމާލާއި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގައުމީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަމީން ޕީޕީއެމްއާ ގުޅުމަށް ނިންމައިފި އެވެ.
އެ ދެ ބޭފުޅުން ޕީޕީއެމްއާ ގުޅުމަށް ނިންމާފައިވާ އިރު އެ ދެ ބޭފުޅުން ކުރިން އުޅުއްވި ގައުމީ ޕާޓީ އިން ވަނީ އެ ދެ ބޭފުޅުން މަގާމުން ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލިއުއްވައިފަ އެވެ. އެ ދެ ބޭފުޅުން މަގާމުން ވަކިކުރެއްވުމަށް ހުށަހެޅުއްވީ ގައުމީ ޕާޓީން ރައީސް ޑރ. ވަހީދާ އެކު ކޯލިޝަން ހެދުމަށް ނިންމާފައި ނިންމުމަށް އަމަލު ކުރެއްވުމަށް އެ ބޭފުޅުންނަށް އެކަށީގެންވާ ވަގުތު ދެއްވުމަށް ފަހު، އެ ބޭފުޅުން އެ މަގުން މަސައްކަތް ކުރެއްވުމަށް ބޭނުން ފުޅުނުވުމުން ކަމަށް ގައުމީ ޕާޓީ އިން ވަނީ ބުނެފަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަމީން ވިދާޅުވީ އެ ދެ ބޭފުޅުން ޕީޕީއެމް އާއި ގުޅުމަށް ނިންމީ މިއަދު ރާއްޖެ އަށް ދިމާވެފައިވާ ގޮންޖެހުންތަކުން ސަލާމަތް ކުރެވޭނެ ޕާޓީ އަކީ ޕީޕީއެމް ކަމަށް ވާތީ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޕީޕީއެމްއާ ގުޅި އެ ޕާޓީގެ ހަރަކާތްތަކުން ފެނިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"އެމްޑީޕީގެ ނުރައްކާ ރޭވުންތަކުން ގައުމު ސަލާމަތްކޮށް މި ގައުމު އަމާން އައްސޭރިއަކަށް ގެންދެވޭނެ ހަރުދަނާ ސިޔާސީ ޕާޓީއަކީ ޕީޕީއެމް ކަމަށް އަޅުގަނޑަށް ގަބޫލް ކުރެވޭތީ، އަދި އެމްޑީޕީގެ ނުރައްކަލުން ގައުމު ސަލާމަތް ކުރުމުގައި ރޭވުންތެރި ރޭވުންތަކާއި ވިސްނުންތެރިކަން ބޭނުންކުރުމުގެ އެންމެ ބޮޑު ފުރުސަތު އޮތް ޕާޓީއަކީ [ޕީޕީއެމް] ކަމަށްވާތީ،" އަމީން ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަލީހު ވިދާޅުވީ އެބޭފުޅާ ޕީޕީއެމްއާއި ގުޅުމަށް ނިންމާފައި ވަނީ މިއަދު ރާއްޖެ އަށް ބޭނުން ވަނީ އިގްތިސާދީ ހަމަޖެހުން ކަމަށާއި އެކަން ކުރެވޭނެ ޕުލެޓްފޯމެއް އޮތީ ޕީޕީއެމްގައި ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ޓޫރިޒަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެކަން ހުއްޓުވުމަށް ބޮޑު ޕުލެޓް ފޯމެއް ބޭނުންވާ ކަމަށާއި އެކަން ވެސް ކުރެވޭނީ ޕީޕީއެމް އަށް ކަމަށެވެ.
އެ ދެ ބޭފުޅުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. ވަހީދަށް ތާއީދުނުކުރުމަށް ނިންމާ ޕީޕީއެމްއާ ގުޅުމަށް ނިންމީ ކީއްވެގެންތޯ "ސަން" އިން ސުވާލުކުރުމުން އަމީން ވިދާޅުވީ ރާއްޖޭގެ ޑިމޮކުރަސީގެ ވެރިކަމުގެ ނިޒާމުގައި ސިޔާސީ ޕާޓިތައް ވެރިކަމުގައި ހަރަކާތްތެރިވާންޖެހޭ އިރު ރައީސް ވަހީދާއި ތަސްމީންގެ ވެސް ވިސްނުން ހުރީ އަމިއްލަ ނަމުގައި އެއިންތިހާބަށް ކުރިމަތިލުމަށް ކަމަށެވެ. އަދި ރާއްޖެ ހަމައަކަށް އެޅުއްވޭނީ ހަރުދަނާ ސިޔާސީ ޕާޓީއެއް ރާއްޖޭގެ ވެރިކަމުގައި އޮވެގެން ކަމަށާއި އެ ޕާޓީއަކީ ޕީޕީއެމް ކަމަށް ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ ވަޒީފާގެ ބިރުދައްކައިގެން މިއަދު ޒުވާނުންގެ ވިސްނުން ބަދަލުނުވާނެ ކަމަށާއި މިހާރު ހުރި އިސްމަގާމުން ވަކިކުރިޔަސް ނުކުރިޔަސް ޕީޕީއެމްއާ އެކީ ކުރިއަށްދާނެ ކަމަށެވެ.
އެ ދެ ބޭފުޅުންގެ ވާހަކައިގައި ވަނީ ކޯލިޝަނަށާއި ޑީއާރްޕީގެ ލީޑަރު ތަސްމީން އަލީއަށް ވެސް ފާޑުކިޔައިފަ އެވެ. އަދި ޑީއާރްޕީއަކީ ސިޔާސީ ހީވާގިކަމެއް އޮތް ޕާޓީއެއް ނޫން ކަމަށް ވިދާޅުވި އެވެ.