01 Nov 2010, 07:09
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިޔަ ނުދިނުމަށް އެމްޑީޕީގެ މެންބަރުން ހުރަސްއެޅުއްވީ، މިހާރު ތިއްބެވި ވަޒީރުންނާ މެދު މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ތަހައްމަލުކުރަން އުނދަގޫވެ، މަޖިލީހުގެ ތަޅުމުން އެކަން ނިންމިޔަ ނުދެއްވުމަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ މެންބަރުން ހުރަސް އެޅުއްވުމާ ގުޅިގެން ހިޔާލުތަފާތުވުން އުފެދި ތަޅުން ހޫނު ވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހުއްޓާލަން ޖެހުނު މައްސަލައާ ބެހޭ ގޮތުން މަޖިލީސް ކުރާ ގޭ ކައިރީ ތަސްމީން ދެއްވި ނޫސްކޮންފަރެންސެއްގައި ވިދާޅުވީ، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މަޖިލީހުގެ ހިޔާލު އޮތްގޮތް ބެލުމަށް އެމްޑީޕީ މެންބަރުން ބިރުން އުޅުއްވާތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށެވެ.
"އެމްޑީޕީން އަޑުގަދަކޮށްގެން މިއަދުގެ ޖަލްސާ ނިންމާލުމަކީ، އަޅުގަނޑުމެން ހައިރާންވާ ކަމެއްނޫން. މިހާރު އައްޔަންކޮށްފައިވާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ ހިޔާލު އޮތީ ކިހިނެއްތޯ ބަލަން ބިރުން އުޅުއްވާތާ ކިތަންމެ ދުވަހެއް ވެއްޖެ. އެހެންވީމާ ކޮންމެސް ކަހަލަ އުކުޅެއް ބޭނުން ކުރައްވައިގެން އެކަން ލަސްކުރެއްވޭތޯ ބައްލަވަނީ. މިދޭތެރެއިން ހައިކޯޓަށް ވަޑައިގެން ހައިކޯޓުން ހުކުމް ކުރެއްވި. ދެން ކުރިއަށްދާނެ ގޮތަކާ ބެހޭ ގޮތުން ވާހަކަ ދައްކަން ފެށީމާ ކޮންމެސް އެހެން ބަހަނާއެއް ދައްކަވާނެ،"
ތަސްމީން ވިދާޅުވީ، ޑިމޮކްރަސީ އަށް ތާއީދު ކުރައްވައި އެކަން ދެމެހެއްޓުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވާ ޕާޓީގެ ބޭފުޅުންނަށް ޑިމޮކްރަސީގެ އުސޫލުން ކަންކަން ނިންމުމަށް ޖާގަ ދިނުމަށް ކެރިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނިމިގެންދާން ވާނީ، ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާކޮށްގެން ޑިމޮކްރެޓިކް އުސޫލުން ކަމަށާއި އެކަމުގައި މަޖިލީހުން ނިމިގެންދާ ގޮތަކަށް ޑީއާރުޕީން އަމަލު ކުރާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
ތަސްމީނު އަދި ވިދާޅުވީ، ވަޒީރުން ކޮމިޓީއަށް ހާޒިރުކޮށްގެން ސުވާލު ކުރުމަކީ ގާނޫނު އަސާސީއާ ތައާރަޒުވާ ކަމެއްކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ވާތީ، ރައްޔިތުންގެ މަޖިލީހަށް މިއަދު އެޖެންޑާކޮށްފައި އޮތީ، ދެން އެކަން ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް ކަމަށެވެ. ނަމަވެސް އެމްޑީޕީ މެންބަރުންގެ މުޅި ބޭނުމަކަށް ވެފައި އޮތީ ދުވަސްތަކެއް ގެއްލުވާލައިގެން ވަޒީރުންނަށް ރުހުންއޮތްތޯ ބެލުން ލަސްކުރުން ކަމަށް ވެސް ތަސްމީނު ވިދާޅުވި އެވެ.
"އެބޭފުޅުންނަށް ވެސް އެގިލައްވާނެ އެންމެ ފަހުން ވޯޓު ނަގަން ޖެހޭނެކަން. ފަހަރެއްގައި ވެދާނެ އެބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް ބައެއް މެންބަރުންގެ ވިސްނުން ބަދަލުވޭތޯ ބެލުމަށް މަޑުކުރައްވަނީ ކަމަށް. ނަމަވެސް އަޅުގަނޑު ދަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ، އެއަށްވުރެ ސާބިތު، ހަރުދަނާ، ރައްޔިތުންނަށް އިހްލާސްތެރި، ބޭފުޅުންނޭ. އެހެންވީމަ އަދި މީގެ މަހެއް ދޮޅުމަހެއް ވަންދެން ކޮންމެސް އުކުޅެއް ބޭނުން ކުރައްވައިގެން މައްސަލަ ލަސްކުރެއްވި ކަމަށް ވިޔަސް އެއަކުންނެއް އެދެވޭ ނަތީޖާއެއް ނުފެންނާނެ. މިކަމުގެ ހައްލަކަށް ވާނީ ޑިމޮކްރެޓިކް ޕްރޮސެސް ކުރިއަށް ގެންދިއުން. ގޮތެއް ނިންމުމުގެ ފުރުސަތު ދިނުން"
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރުގެ އިރުތުން ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ވެސް ލީޑަރު ތަސްމީން ވިދާޅުވީ، ޕާޓީތަކާ އެކު މަޝްވަރާ ކުރެއްވުމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު މިއަދުގެ ޖަލްސާ ހުއްޓަވާލެއްވި ނަމަވެސް އެކަމުގައި މަޝްވަރާ ކުރާނެ ޖާގައެއް ނެތްކަމަށެވެ. ނަމަވެސް މަޝްވަރާގެ މޭޒުދޮށަށް ޑީއާރުޕީން ހާޒިރުވާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިޔަ ނުދިނުމަށް އެމްޑީޕީ މެންބަރުން ހުރަސް އެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ (ވ) ސުޕްރީމްކޯޓުން އުވާލާފައިވާ ކަމަށާއި، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދެވޭނީ، މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނަސްގެން ކަމަށް ވިދާޅުވުމަށް ފަހުގަ އެވެ. ނަމަވެސް އިދިކޮޅު މެންބަރުން އެކަމަށް ރައްދު ދެއްވުމުގެ ސަބަބުން ތަޅުން ހޫނުވެ ޒުވާބަކަށް ބަދަލުވެގެން ދިޔަ އެވެ.