ދިވެހި ރާއްޖޭގެ ވެރިކަމަށް ވަކި މީހަކު ގެނައުމުގެ ނިޔަތެއް ދިވެހި ރައްޔިތުންގެ ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"އެމްޑީޕީ މެނިފެސްޓޯ އޮޑި"ގެ ނަމުގައި ރޭ ހއ. ހޯރަފުށީގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ވަކި މީހަކު ވެރިކަމަށް ގެނައުމުގެ ބަދަލުގައި ބޭނުން ވަނީ ރައްޔިތުންނަށް ފައިދާ ހުރި ސިޔާސަތުތަކެއް ތަންފީޒުކޮށް ގައުމު ތަރައްގީ ކުރާނެ ބޭފުޅަކު ވެރިކަމަށް ގެނައުން ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުން މިއެދެނީ ވެރިކަން ވަކި މީހަކަށް ހަވާލު ކުރާކަށެއް ނޫން. ރާއްޖޭގެ ރައްޔިތުންގެ ނެތް ވަކި މީހަކު ވެރިކަމަށް ގެނައުމުގެ ނިޔަތެއް. ރާއްޖޭގެ ރައްޔިތުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންގެ ބޭނުމަކީ އެމީހުންގެ އާންމު ހާލަތު ރަނގަޅުވާނެ ސިޔާސަތުތަކެއް މި ރާއްޖޭގައި ތަންފީޒް ކުރުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަ ގާނޫނު އަސާސީ އަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީ އަކީ ރައްޔިތުން ބަލައިގެންފައިވާ ގާނޫނު އަސާސީއެއް ކަމަށެވެ. އެގޮތުން އާ ގާނޫނު އަސާސީން ލިބެދޭ ހުރިހާ މިނިވަން ކަމެއްގެ ބޭނުން ރާއްޖޭގެ ރައްޔިތުން ވަރަށް ފުރިހަމަ އަށް ހިފަމުންދާ ކަމީ އޭގެ ހެއްކެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އާ ގާނޫނު އަސާސީއަކަށް އަމަލުކުރާން ފެށި ފަހުން ރާއްޖޭގެ ރައްޔިތުންގެ ވިސްނުން ވަރަށް ބާރަށް ކުރިއަރަމުންދާ ކަމަށާއި އެގޮތުން ދުނިޔޭގެ އެހެން ބޮޑެތި ޑިމޮކުރެސީތައް އޮންނަ ގައުމުތަކުގައި އޮންނަ ފަދައިން ރާއްޖޭގެ ރައްޔިތުންގެ ސިޔާސީ ވިސްނުން ވެސް ވަނީ ދެބަޔަކަށް ބެހިފައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު އަމަލުކުރަމުން މިދާ ގާނޫނު އަސާސީ 2008 ވަނަ އަހަރު އަޅުގަނޑުމެންނަށް ލިބުމާ އެކީގައި ރާއްޖޭގެ ރައްޔިތުން މިއައީ އެ ގާނޫނު އަސާސީ ވަރަށް ބާރަށް ބަލައިގަންނަމުން... އަޅުގަނޑުމެންގެ ރާއްޖެ ބަދަލުވަމުން ދަނީ ވަރަށް ބާރަށް. މި ބާރު ބަދަލުގައި ހާއްސަކޮށް އަޅުގަނޑުމެންގެ ރައްޔިތުންގެ ސިޔާސީ ވިސްނުން ދެ ޕާޓީ އަށް ބެހިގެން އެހެން ޑިމޮކުރެސީ އަށް ފައްކާވެފައިވާ ގައުމުތަކެކޭ އެއްފަދައިން ދެ ޕާޓީއަކަށް މަދަނީ ރަނގަޅަށް ބެހެމުން،" ރައީސް ނަޝީދު ވިދާށޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ފުޅާ ކޯލިޝަންއެއް ހަދައިގެން ވާނެ އެއްވެސް ފައިދާ އެއްނެތް ކަމަށާއި ރާއްޖޭގެ ރައްޔިތުން ވޯޓް ދޭނީ ދެ ޕާޓީއަކަށް ކަމަށެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމް ކަމަށެވެ.

"މިއީ އަޅުގަނޑު ކުރާ ވެސް ކަމެއް ނޫން އެހެން ޕާޓީއަކަށް ވޯޓު ލިބޭނެ ކަމަށް ދެންނެވުން. އެހެން ނަމަވެސް ރައީސް މައުމޫންގެ ދިގު 30 އަހަރާއި އެ ބޭފުޅާގެ ގުޅުންތަކާއި އަދި އެ ބޭފުޅާ ކޮށްދެއްވާފައި ހުރި ކަންކަމާ އަޅާބަލާފައި ކޮންމެވެސް މިންވަރެއްގެ ވޯޓުކޮޅެއް އެ ބޭފުޅުންނަށް ލިބޭނެ. އެކަމަކާ އަޅުގަނޑު ޝައްކެއް ނުކުރަން. އެހެން ނަމަވެސް އެއީ ]ޕީޕީއެމަށް ލިބޭނީ] މި އިންތިހާބުގައި އަގުލަބިއްޔަތަކާ ހަމައަށް ދެވޭނެ ވޯޓެއް ނޫން. އަޣުލަބިއްޔަތާ ހަމައަށް ދެވޭނީ އެމްޑީޕީ އަށް،" ނަޝީދު ވިދާޅުވި އެވެ.


ނަޝީދު ވިދާޅުވީ ކޯލިޝަން ހެދުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ކަމަށާއި ރާއްޖޭގެ ރައްޔިތުން ބަލަގެންފައި ވަނީ ރިޔާސީ ނިޒާމެއް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ރިޔާސީ ނިޒާމް އިހްތިޔާރް ކުރީ ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމަކީ ކޮބައިކަން ވަރަށް ރަނގަޅަށް އެނގިގެން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރެއްވި ދެ ރައީސުން ވެސް ގަބޫލު ކުރައްވަނީ އެ އުސޫލު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އެމްޑީޕީ އަށް ވެރިކަން ލިބިއްޖެ ނަމަ 2014 ވަނަ އަހަރު ނިމުމުގެ ކުރިން ހއ. އަތޮޅުގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށެވެ.