12 Jun 2013, 11:40
ވަގު ބިލެއް ހުށަހަޅައިގެން ދައުލަތުގެ ބަޖެޓުން އެ ބިލް ތަކަށް ފައިސާ ހޯދަން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުތު ކުރެވޭތީ ގއ. ދާނާދޫ ކައުންސިލްގެ ރައީސް ޝުއައިބު އަބްދުﷲގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދި އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ދާންދޫ ކައުސިލުން ނިންމައިގެން ބަލިމީހަކު ގޮވައިގެން 2011 ވަނަ އަހަރުގެ ތެރޭގައި ގދ. ތިނަދޫއަށް ގޮސް ހުރުމުގައި ގެއެއް ކުއްޔަށް ހިފައިގެން ހުރި ކަމަށް ބުނެ ދާންދޫ ކައުންސިލްގެ އިދާރާއަށް ޝުއައިބު ބިލެއް ހުށަހަޅާފައިވާ ކަމަށެވެ.
ތިނަދޫ ގެއްގެ ނަމުގައި ހަ ދުވަހުގެ ހުރުމަށް ދުވާލަކަށް 300ރ. ގެ ރޭޓުން ޖުމްލަ 1800ރ. ގެ ބިލެއް އޭނާ ހުށަހެޅި އިރު އެ ފަދަ ބިލެއް ޝުއައިބުއަށް ދޫކޮށްފައި ނުވާނެ ކަމަށް އެ ބިލުގައި ސޮއިކޮށްފައިވާ ފަރާތުން ބުނާކަމަށާއި އަދި އެ ދަތުރުގައި ޝުއައިބު އެ ގޭގައި ނުހުންނަ ކަމަށް ގޭގައި ދިރިއުޅޭ ފަރާތްތަކުން ބުނެފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އެ ދަތުރުގައި ޝުއައިބު އަށް އެކޮމޮޑޭޝަން ހަމަޖައްސާފައިވަނީ ގދ. އަތޮޅު ގެއިން ކަމަށް ހެކީންގެ ހެކި ބަހުންނާއި މަތިދެކުނު ސަރަހައްދުގެ ގައުމީ އިދާރާގެ ލިޔުން ތަކުން އެނގޭ ކަމަށެވެ.
"ޝުއައިބު އަބަދުﷲ ގދ. ތިނަދޫ އަށް ފުރުމުގެ ކުރިން ގދ. ތިނަދޫގައި ހުންނަ ގދ. އަތޮޅު ގޭގައި ހުރެވޭނެކަން ގއ. އަތޮޅު ކައުންސިލްގެ ފަރާތުން ޝުއައިބް އަބްދުﷲ އަށް އަންގާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާތީ އާއި މި މައްސަލައިގައި ޝުއައިބް އަބްދުﷲ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ މަސައްކަތް ކޮށްފައިވާތީ މި މައްސަލައަކީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ގައިވާ ގޮތުގެމަތިން ކޮރަޕްޝަންގެ ކުށެއް އެކުލެވޭ މައްސަލައެއް ކަމަށް ކަނޑައަޅައި ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 23 ވަނަ މާއްދާ އަށް ރިއާޔަތްކޮށް އެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ގއ. ދާންދޫ، ކަކާގޭ، ޝުއައިބް އަބްދުﷲ ގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފަ އެވެ،" އޭސީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.