މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމަށް ރާވައި އެކަމަށް ޚަރަދުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހުމާމް ދީފައިވާ ބަޔާން ލީކުވެއްޖެ އެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ހުމާމް އިއުތިރާފުވުމުން ގާޒީ ވަނީ އެކަން ހިނގައި ދިޔަ ގޮތުގެ ތަފްސީލު ޝަރީއަތަށް ކިޔައިދިނުމަށް ހުމާމަށް އަންގާފަ އެވެ.

ގާޒީ އެގޮތަށް އެންގެވުމުން ހުމާމް ބުނީ ބަޔާނުގައި އެކަން ކިޔައިދީފައިވާނެ ކަމަށާއި އެ ބަޔާން ޝަރީއަތަށް އިއްވައިދިނުމަށް އެދޭ ކަމަށެވެ. ހަމައެއާ އެކު ދައުލަތުގެ ވަކީލާ ވަނީ އެ ބަޔާން ޝަރީއަތަށް އިއްވާފަ އެވެ. އެ ބަޔާން ޝަރީއަތަށް އިއްވުމުން ހުމާމް ބުނެފައި ވަނީ އެއީ އޭނާ ދީފައިވާ ދެތު ބަޔާނެއް ކަމަށެވެ.

އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހަށް ދައުލަތުގެ ވަކީލު ބަޔާން އިއްވިއިރު ރީކޯ މޫސަ އެކަމަށް ޚަރަދުކުރި ކަމަށް ބުނެ އެ ބަޔާނުގައި ހުމާމް ބުނެފައިވާ ކަންތައް ކިޔައިދީފައެއް ނުވެއެވެ.

އެ ބަޔާނުގައި ހުމާމް ބުނެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލައިފި ނަމަ ހަތަރު މިލިއަން ރުފިޔާ ލިބޭނެ ކަމަށް ރީކޯ މޫސަގެ ދަނބިދަރި އަބްދުﷲ ޖާވިދު (ޖާ) އޭނާގާތު ބުނި ކަމަށެވެ. އަދި އެކަމަކީ ރީކޯ މޫސަ ރޭވި ކަމެއް ކަމަށާއި އެކަމަށް ޚަރަދުކުރަނީ ވެސް ރީކޯ މޫސަ ކަމަށް ޖާ އޭނާގާތު ބުނެފައިވާ ކަމަށް ވެސް ހުމާމް ވަނީ އެ ބަޔާނުގައި ބުނެފަ އެވެ.

"... އަދި ޖާ އެތަނުގައި އިނދެފައި'މިކަންތައް ރޭވިފައި އިންކަން އެނގޭ ނޫންހޭ. އަޒުލިފް ރައޫފް މެން ފަރާތުން ޚަބަރު އައިސްފަ ނޫންހޯ އޮތީދޯ. އެހެންވެ މިކަންތައްތައް ކުރިއަށްދާ ގޮތް އެނގޭހޭ ކިހާވަރެއްކަމެއް ލިބެނީ. ހުވާކޮށްފައޭ މި ބުނަނީ ހަތަރު މިލިއަން ރުފިޔާ ދޭނަމޭ ކަލޭ މިކަން ކޮށްފިއްޔާ' މިހެން އަޅުގަނޑު ގާތުގައި ޖާ ބުންޏެވެ. އަދި މިކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ރީކޯ މޫސާ މަނިކު ރޭވި ކަމެކޭ. ރުފިޔާގަނޑު ލިބޭނީ ރީކޯ މޫސާ މަނިކުގެ ފަރާތުން ކަމަށާއި މިކަމަށް އިންވެސްޓްކުރަނީ ރީކޯ މޫސާ މަނިކު ކަމަށް ޖާ ބުންޏެވެ." ހުމާމު އިނގިލީގެ ނިޝާން ދީފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

މިކަމާ ގުޅޭ ގޯތުން ރީކޯ މޫސައަށް ގުޅާލުމުން އޭނާ ވިދާޅުވީ އެ މައްސަލައިގައި "އެއްވެސް ދިމާލެއްގައި" އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމަކީ އޭނާއާ ގުޅުން ހުރި ކަމެއް ނޫން ކަމަށާއި އެހެންކަމުން އެކަމުގައި ކޮމެންޓެއް ދޭން ބޭނުން ނުވާ ކަމަށް ވެސް ރީކޯ މޫސަ ވިދާޅުވި އެވެ.

"ތިޔަ މައްސަލައާ ގުޅިގެން އަޅުގަނޑު އެއްވެސް ވާހަކައެއް އެއްވެސް ދިމާލެއްގައި ދައްކާކަށް ބޭނުމެއް ނޫން. އަޅުގަނޑަކީ އަސްލު ބަޔަކު މީހުން ކުރަންއުޅޭ އެއްވެސް ކަމަކާ އަޅުގަނޑު ތިކަހަލަ މަޅިމަޅީގައި ޖެހޭ މީހެއް ނޫން. އެހެންވީމަ އަޅުގަނޑު ބޭނުންމެއް ނޫން ތިޔަކަމާ އެއްވެސް ވާހަކައެއް ދައްކާކަށް. އަޅުގަނޑާ ގުޅުން ހުރި ކަމެއް ނޫނިއްޔާ އަޅުގަނޑު ބޭނުމެއް ނެތޭ ކޮމެންޓެއް ދޭކަށް،" ރީކޯ މޫސަ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އެ ބަޔާނަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެ ކޯޓުގެ މުއްދަތު މަޖިލީހަށް ހުމާމް ދީފައިވާ ބަޔާނެއް ކަމަށެވެ. އަދި އެ ބަޔާނުގެ ކޮޕީ ހުމާމް އަށާއި އޭނާގެ ދިފާއީ ވަކީލަށާއި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ކޯޓުން ހަވާލުކޮށްފައިވާނެ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.