12 Jun 2013, 10:53
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް) އާއި އަލަށް ގެނެވުނު ބަދަލާއެކު އެ އިދާރާ އިން މަސައްކަތް ކުރަމުންގެންދަނީ މިފަހަކަށް އައިސް ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ އަދި ކާމިޔާބު އެއްކުލަބު ކަމަށްވާ ވީބީ އައްޑޫ އެފްސީ ފުނޑާލުމަށް ކަމަށް އެކުލަބުގެ ކޯޗް މުހައްމަދު ނަޒީހު އާއި މެނޭޖަރު އިބްރާހީމް ރަޝީދު (ސަތޯ) ބުނެފި އެވެ.
އެފްއޭއެމްގެ ރައީސްކަމުގައި މިހާރު ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު، އެ ކުލަބެއްގެ ނަމުގައި އެފްއޭއެމްގެ ރައީސްކަމަށް ހޮވިވަޑައިގެންނެވި ކުލަބުގެ ކޯޗް ބުނީ، ލީގުގައި އެހެން ކްލަބްތައްވެސް އޮއްވައި އެފްއޭއެމްއިން މަސައްކަތް ކުރަނީ ސީދާ، ވީބީ ފުނޑާލުމަށް ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެފްއޭއެމްގައި ތިބެން ޖެހޭނެ ބޮޑު ވޯޓަކާއި އެތައް މިލިޔަން ރުފިޔާއެއް ހަރަދުކޮށްގެން ހޮވިފައި ތިބި އިރު މިވަރުގެ ގާބިލު ކަމެއް ހުރި މީހުން. އަޅުގަނޑު ގޭގައި އިނދެފައި ދުފާލައިގެން އައިސް ކުދިން ކޮޅެއް އެއްކޮށްލައިގެން ގަލޮޅު ދަނޑަށް އައިސް މެޗެއް ކުޅެނީކީ ނޫން. މިއީ މީހެއް އެތައް ޒަމާނެއް ވަންދެން ޕްލޭންތަކެއް ކޮށްގެން ކާމިޔާބު ހޯދުމަށް ގެނެސްފަ އޮތް ކުލަބެއް. އެހެންވީމާ މިހެން ބަޔަކު ނުކުމެ ފުނޑާލަން ގަސްދުކުރީމާ އަޅުގަނޑު ދަންނަވާނީ އެއީ ވަރަށް ބޮޑު ގޯހެކޭ،" ނަޒީހު ބުންޏެވެ. "އަޅުގަނޑު ލިޔުމެއް ވެސް ދީފާނަން ހަމަ ސީދާ، ވީބީ ދުއްވާލަން އެފްއޭއެމްއިން މަސައްކަތް ކުރަނީ،"
ދިރާގު ދިވެހި ލީގުގައި މި ދިޔަ ހޯމަ ދުވަހުގެރޭ މާޒިޔާ އަތުން 5-2 ލަނޑުން ވީބީ ބަލިވި މެޗަށް ފަހު ނަޒީހު ބުނީ، ވީބީ ދޫކޮށްލުމަށް ފަހު ލީގުގައި ހިމެނޭ އެހެން ކްލަބް ތަކެކޭ އެއް ހަމައިން ވީބީއާ ދޭތެރޭގައި ވެސް އަމަލު ކުރުމަށް އެފްއޭއެމް އަށް ގޮވައިލާ ކަމަށެވެ.
އެ ކްލަބެއްގެ ޗެއާމަން އެފްއޭއެމް ހިންގުމާއި ހަވާލުވެ ހުންނެވި ކްލަބްގެ މެނޭޖަރު ބުނީ، މިފަހަރުގެ ދިރާގު ދިވެހި ލީގު ފެށުނީއްސުރެން މިހާތަނަށް އައި އިރު ވީބީއަށް ޖެއްސުންކުރުމަށް އެފްއޭއެމް އިން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
"ދިރާގު ދިވެހި ލީގުގެ ހުރިހާ މެޗެއް ފެށުނީއްސުރެން ނިޔަލަން ތިބޭފުޅުންނަށް ހުންނާނީ ފެނިފައި. ހަމަ ބަލާލީމަ އެނގޭނެ ވީބީ ކުޅުނު ކޮންމެ މެޗެއް ދޭތެރެއަކުން މެދުކަނޑާލަން ޖެހޭނެ ސީދާ ރެފްރީންގެ މައްސަލައިގެ ސަބަބުން. އަދި ރެފްރީންގެ އިތުރުން އެހެނިހެން ކަންތަކުގައި ވެސް ވީބީއާ ދޭތެރާގައި މިކަހަލަ ގޮތަކަށް ކަންތައްތައް ދަނީ. އަޅުގަނޑު ދަންނަވާނީ މިފަހަރުގެ މެނޭޖްމަންޓާ އެކު އެފްއޭއެމް އަށް މި އައި ޗޭންޖާ އެއްކޮށް، ބަޔަކު އަޑީގައި ތިބެގެން ހަމަ ސީދާ ވީބީ ފުނޑާލުމަށޭ މަސައްކަތް ކުރަނީ،" ސަތޯ ބުންޏެވެ.
ސަތޯ ވަނީ އެފްއޭއެމްގެ ރެފްރީޒް ޑައިރެކްޓަރުގެ މަގާމުގައި ހުރި އެއިދާރާގެ ރައީސްގެ ކޮއްކޮ، އިސްމާއިލް އިޒްހާން އަކީ އެކަމަށް ގާބިލު މީހެއް ނޫންކަމަށް ބުނެ ހަމަ މިހާރު އޭނާ އެމަގާމުން އިސްތިއުފާ ދިނުމަށް ވެސް ގޮވައިލާފަ އެވެ.
ސަތޯބުނީ އެފްއޭއެމްގެ އެ އަމަލުތަކަކީ ހަމައެކަނި ވީބީ އަށް ދެވޭ ދެރައެއް ނޫން ކަމަށާއި އެއީ މުޅި ރާއްޖޭގެ ފުޓްބޯޅައަށް ދެވޭ ދެރައެއް ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ މީ ހަމައެކަނި ވީބީއަށް ދެވޭ ދެރައެއް ނޫނޭ. ވީބީ ރެލިގޭޓް ވިޔަސް ސެކަންޑް ޑިވިޝަނަށް ދިޔަޔަސް ވީބީ ފުޓްބޯޅަ ޓީމު މިނަމުގައި އަޅުގަނޑު ނޭވާ ލާހާ ހިނދަކު އިރާދަ ކުރެއްވިއްޔާ މިޓީމު އޮންނާނެ. އަޅުގަނޑު އެކަން ތިބޭފުޅުންނަށް ޔަގީންކަން މިދެނީ އަޅުގަނޑުމެންގެ އިންވެސްޓަރުން މި ތިބީކީ މިޓީމަށް އިންވެސްޓް ކޮށްލާފައި ދޫކޮށްލާކަށް ނޫނޭ. އެކަމަކު މީގެ ދެރަކަމަކީ މި ފުޓްބޯޅައަށް މިލިބޭ ގެއްލުން،" ސަތޯ ބުންޏެވެ.
"އަޅުގަނޑުމެން މާދަން މި ނުކުންނަން އުޅެނީ ސާފް ޗެމްޕިއަންޝިޕަށް. އެހެންވީމާ އަޅުގަނޑުމެންގެ ކުޅުންތެރިން އެބަޖެހޭ ރައްކާތެރި ކުރަން ވެސް އަދި އެޔަށް ތައްޔާރު ކުރުވަން ވެސް. އެހެންވީމާ މި ފެންވަރުގަ މެޗުތައް ކުޅުމުން މިފެންވަރުގައި ރެފްރީކަން ކުރަމުން ގެންދަންޏާ، އަޅުގަނޑު ދަންނަވާނީ މި ގަލޮޅު ދަނޑުގައި ވަރަށް ބޮޑު ލޭއޮހޮރުމެއް ހިގައިފާނެ ކަމަށް އަޅުގަނޑަށް ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތޭ،"
"ވީބީގެ ޓިކެޓްގައި އިލްހާމް ހޮވުނަސް އެހިސާބުން އެކަން ނިމުނީކީއެއް ނޫން. އެފްއޭއެމްގެ ކުރީގެ ވެރިކަން ކަމުނުދާތީ އަޅުގަނޑުމެން ބަދަލެއް ގެންނަން ބޭނުންވީ. އޭގެ މާނައަކީ އެބަދާލާ އެކު އަޅުގަނޑުމެން ދެއަތް އުރާލައިގެން ތިބެން ޖެހޭނެއެކޭ ނޫން. އަޅުގަނޑުމެންނަށް އެފްއޭއެމަށް މިގެނެވުނީ އުއްމީދު ކުރެވޭ ބަދަލެއް ނޫން،" ވީބީގެ މެނޭޖަރު ބުންޏެވެ.
އެފްއޭއެމް އަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން، ސަތޯ އާއި ނަޒީހު ވެސް ބުނީ އެފްއޭއެމްގެ ރައީސްކަމަށް އިލްހާމް ހޮވުމުން ކުލަބާއި އޭނާއާ ދޭތެރޭގައި ކުރިން އޮތް ގުޅުން އޮތް ކަމުގައި ވިޔަސް، އެފްއޭއެމްގެ ރައީސެއްގެ ހައިސިއްޔަތުން އިލްހާމް މަސައްކަތް ކުރައްވަން ޖެހޭނީ ހުރިހާ ކްލަބެއް ވެސް ހަމަހަމަވާ ގޮތަށް ކަމަށް ދެކޭ ކަމަށެވެ.