ސައުދީ އަރަބިއްޔާ އިން އުމްރާއަށް ދޫކުރާ ވިސާގެ މުއްދަތު 15 ދުވަހަށް ކުޑަކޮށްފައި ވަނީ ހަރަމްފުޅު ބޮޑުކުރުމަށް މި އަހަރު ފަށާފައިވާ މަޝްރޫއުގެ ބައެއް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށް އެގައުމުން ބުނެފި އެވެ.

އެގައުމުގެ މިނިސްޓްރީ އޮފް ހައްޖު އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ބުނެފައި ވަނީ މީގެ ކުރިން 30 ދުވަހުގެ މުއްދަތަށް ދޫކުރަމުން އައި އުމްރާ ވިސާ 15 ދުވަހުގެ މުއްދަތަށް ކުރުކޮށްފައިވާ ކަމަށެވެ.

މިމުއްދަތު 15 ދުވަހަށް ކުޑަކުރުމުން އުމްރާއަށް އެންމެ ގިނަ މީހުން ދާ ދުވަސްވަރު ކަމަށްވާ ރޯދަ މަހުގެ 30 ދުވަސް ސައުދީ އަރަބިއްޔާގައި ހޭދަކުރުމުގެ ފުރުސަތު އުމްރާ އަށް ދާ ފަރާތްތަކަށް ގެއްލިގެންދާނެ އެވެ.

ރޯޔަލް ކޮންސުލޭޓް ޖެނެރަލް އޮފް ސައުދީ އަރަބިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވިސާގެ މުއްދަތު ކުޑަކުރަން ނިންމާފައި ވަނީ މައްކާގައި ހުންނަ ކައުބަތުﷲ ގެފުޅު ވަށާ ތަވާފުކުރާ ސަރަހައްދު މަރާމާތުކޮށް، އެސަރަހައްދު ބޮޑުކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީވެ ކަމަށް ކަމަށެވެ.

އިންޑިއާގެ ޓައިމްސް އޮފް އިންޑިއާ އިން ބުނީ އިންޑިއާގެ ޓްރެވަލް އެޖެންޓުންނަށް ސައުދީ ކޮންސުލޭޓުން ފޮނުވާފައިވާ ސިޓީގައި ވެސް ވިސާގެ މުއްދަތު ކުރުކޮށްފައި ވަނީ މިސަބަބާ ހެދި ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ސައުދީ ގެޒެޓުން ބުނެފައި ވަނީ "ހަރަމް އެކްސްޕެންޝަން ޕްރޮޖެކްޓް 2013" ނުވަތަ ހަރަމްފުޅު ބޮޑުކުރުމުގެ މަޝްރޫއު 2013 މިއަހަރު ކުރިއަށްދާ ކަމަށާއި މިމަސައްކަތާ ގުޅިގެން އުމްރާ ވިސާގެ މުއްދަތު ކުޑަކޮށްފައިވާ ކަމަށެވެ.

އުމްރާ ވިސާގެ މުއްދަތު ކުޑަކުރުމުން ސައުދީ އަރަބިއްޔާގެ އިގުތިސާދަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް އެގައުމުގެ ނެޝަނަލް ކޮމިޓީ ފޯ ހައްޖު އެންޑް އުމްރާއިން ބުނެ އެވެ. އެކޮމިޓީ އިން ބުނީ 15 ދުވަހަށް ވިސާ ކުޑަކުރުމުން ލިބޭ ގެއްލުން ފަސް ބިލިއަން ސައުދީ ރިޔާލަށް އަރާނެ ކަމަށެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖުން ބުނީ މިހާތަނަށް އުމްރާއަށް 3.1 މިލިއަން ވިސާ ދޫކޮށްފައިވާ ކަމަށެވެ.