ސަރުކާރުން އެމްޓީޑީސީއާ ހަވާލުކޮށްގެން ކުރިން ހިންގި ކްލަބްފަރު ރިސޯޓުގައި ތިބި އެ ކުންފުނީގެ މުވައްޒަފުން ރިސޯޓުން ފައިބައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ވިޔަފާރި ކުންފުނިން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ ކްލަބްފަރު ހިންގުމަށް އެ ކުންފުންޏަށް ދިމާފައިވާ މުއްދަތު ހަމަވުމާ އެކު އެ ރަށް ހިންގުން ހުއްޓާލާފައިވާ ކަމަށެވެ. އެގޮތުން އެ ރަށުގައި ތިބި އެ ކުންފުނީގެ މުވައްޒަފުން ވެސް މިދިޔަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ފައިބާފައިވާ ކަމަށް އެމްޓީޑީސީން ބުންޏެވެ.

"މުވައްޒަފުން އެ ރަށުން ފޭބީ އެ ރަށުގައި އެއްވެސް އޮޕަރޭޝަނެއް ނުހިނގާތީ އަދި އެ ރަށް މި ކުންފުނިން ބެލެހެއްޓުމަކީ ހަރަދު ބޮޑު އަދި ދަތިކަމަކަށްވާތީ،" އެ ކުންފުނިން ބުންޏެވެ.

އެމްޓީޑީސީން ބުނީ އެ ރަށާ ހަވާލުވުމަށް ޓޫރިޒަމް މިނިސްޓްރީ އަށް ތަކުރާރުކޮށް އަންގާފައިވާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ އެ ރަށުގައި މިހާރު އެއްވެސް އޮޕަރޭޝަނެއް ނުހިންގާނެ ކަމަށެވެ.

ސަރުކާރުން މިހާރު ނިންމާފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ތެރޭގައި ހިމެނޭ ގޮތަށް ހިއްކުމަށް އެ ރަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރާ ގޮތަށެވެ. ނަމަވެސް އެ ރަށް އަދި އެ ކުންފުންޏާ ހަވާލެއް ނުކުރެ އެވެ.

އެމްޓީޑީސީން އެ ރަށް ހިންގަން ފަށާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެވެ.