12 Jun 2013, 09:47
މޮސްކޯ (ޖޫން 12): ސޫރިޔާގައި އަހްލީ ހަނގުރާމައެއްގެ ހުޅުގަނޑު ރޯވި މައްސަލާގައި އެގައުމުގެ އެންމެ އެކުވެރި ގައުމު ކަމަށްވާ ރަޝިޔާގެ ރައީސް ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފި އެވެ.
ރަޝިޔާގެ އާރުޓީ ޓިވީ ޗެނެލް އަށް ދެއްވި ބަސްދީގަތުމެއްގައި ޕޫޓިން ވިދާޅުވީ ހަނގުރާމައަކުން ސޫރިޔާ ސަލާމަތް ކުރުމުގެ ފުރްސަތު ރައީސް ބައްޝާރުލްއަސަދަށް ލިބިވަޑައިގެންނެވި ކަމަށާއި ނަމަވެސް ބައްޝާރު އެފުރްސަތުގެ ބޭނުންކުރައްވާފައި ނުވާކަމުގަ އެވެ. ޕޫޓިން ވިދާޅުވީ ސޫރިޔާގެ ރައްޔިތުން އިސްލާޙަށް ގޮވާލައި މުޒަހަރާކުރި ވަގުތަކީ ސޫރިޔާއަށް އިސްލާޙީ ބަދަލުތައް ގެންނަން ޖެހޭ ވަގުތުކަމަށާ އެވަގުތު ސޫރިޔާގެ މުޖްތަމަޢު އޮތީ އެއިސްލާޙްތައް ބަލައިގަތުމަށް ފައްކާވެފައި ކަމުގަ އެވެ.
ނަމަވެސް ރައީސް ބައްޝާރު ސޫރިޔާ އަށް އިސްލާޙީ ބަދަލުތައް ގެނައުން ލަސްކުރައްވައި އިސްލާޙީ ބަދަލުތަކަށް ގޮވާލި ރައްޔިތުންނަށް ބީރުކަންފަތެއް ދެއްވައި އަދި މުޒާހަރާ ކުރި ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުން ކުރެއްވުމަކީ އޭނާ ހެއްދެވި ގޯހެއް ކަމަށާއި އިސްލާޙީ ބަދަލުތައް އެކަމަށް އެކަށޭނަ ވަގުތުގައި ގެންނެވި ނަމަ އަހްލީ ހަނގުރާމައަކުން ސޫރިޔާ ސަލާމަތް ކުރެވުނީސް ކަމަށް ޕޫޓިން ވިދާޅުވި އެވެ.
ނަމަވެސް ޕޫޓިންގެ ވާހަކާގައި ބޮޑަށް ކުށްވެރިކޮށްފައި ވަނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާއި އެހަނގުރާމަވެރިންގެ ފަހަތުގައިވާ ހުޅަނގުގެ ބާރުތަކެވެ. މިގޮތުން ސޫރިޔާގައި މިހާރު ފެށިފައިވާ އަހްލީ ހަނގުރާމައާއި ޢިރާޤުފަދަ މެދުއިރުމަތީގެ ގައުމުތަކުގައި މީގެ ދިހަވަރަކަށް އަހަރުން ފެށިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގެ މަލާމާތް ރައްދުވާފަރާތަކީ ހުޅަނގުގެގައުމުތައް ކަމަށް ޕޫޓިން ވިދާޅުވި އެވެ.
ސޫރިޔާގައި އަހްލީ ހަނގުރާމައަކަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ލީބިޔާގެ ގައްޒާފީގެ ވެރިކަން ބާރުގެ ބޭނުންކޮށްގެން ވައްޓާލެވުނުހާ ފަސޭހައިން ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލެވިދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ހީކުރުމާއި މިގޮތަށް ސޫރިޔާގައި ވެސް ކަންތައްވެދާނެ ކަމަށް ބަލައި ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ހަތިޔާރުގައި ހިފުމަށް ގަތަރާއި ތުރުކީއާއި އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ފަދަ ޔޫރަޕްގެ ބާރުތަކުން ހިއްވަރުދިނުން ހިމެނޭކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުން ބޮޑު އަހްލީ ހަނގުރާމައަށް ދެއަހަރު ވެފައިވާ އިރު މިހަނގުރާމައިގާ ލައްކައެއްހާ މީހުން ވަނީ މަރުވެފަ އެވެ.އަދި ހަނގުރާމައިގެ ސަބަބުން ޒަޚަމްވެފައިވާ މީހުން އެތައް ލައްކައަކުން ގުނާލެވޭ އިރު ސޫރިޔާގެ އާބާދީގެ ދިހަބައިކުޅަ އެއްބައި މީހުން ވަނީ ހަނގުރާމައިގެ ޙާލުގައިޖެހި ގެދޮރުގެއްލި މަގުމަތިވެ ރެފިއުޖީންނަށް ވެފަ އެވެ. އަދި ސޫރިޔާގެ ގިނަ ސިޓީތަކާއި އަވަށްތަކާއި ވިލެޖްތައް ވެސް ވަނީ ސުންނާފަތިވެ ވީރާނާވެފަ އެވެ.
ސޫރިޔާގެ އަހްލީ ހަނގުރާމައިގާ އެގައުމުގެ ސަރުކާރަށް އެހީތެރި ވަނީ ރަޝިޔާ އާއި އީރާނާ އަދި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުންނެވެ. އިދިކޮޅު ހަނގުރާމަވެރިންނަށް އެހީތެރިވަނީ އެމެރިކާ އާއި ޔޫރަޕްގެ ބާރުތަކާއި ގަލްފުގެ ބައެއް ޢަރަބި ގައުމުތަކުންނާއި ތުރުކީންނެވެ. (ނޫސްއެޖެންސީތައް)