އަންކަރާ (ޖޫން 10): ތުރުކީގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލުމަށް ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ގޮވާލެއްވި ނަމަވެސް މިގޮވާލެއްވުމަށް ގޮންޖަހައި ހަމަނުޖެހުންތައް ކުރިޔަށްވުރެ ވެސް ވަރުގަދަވަމުންދާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

ތުރުކީން ލިބޭ ޚަބަރުތައް ބުނާގޮތުން އިސްތަންބޫލްގެ ތަގްސީމް މައިދާނުގައި އިއްޔެ އާއި ރޭގައި ވަނީ ފުލުހުންނާއި މުޒާހަރާކުރާ މީހުންނާ ދެމެދު ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި އެތަށް ބަޔަކަށް އަނިޔާވެފަ އެވެ. އުރުދުޣާން މިދިޔަ އާދީއްތަ ދުވަހު ވިދާޅުވެފައި ވަނީ ހަމަނުޖެހުން ހިންގާ ފަރާތްތަކަށް ދޫނުދެއްވާނެ ކަމަށާ މެދުއިރުމަތީގެ އެހެން ގައުމުތައް ހަމަނުޖެހުންތަކުގައި ހަލާކުވަމުންދާގޮތަށް ތުރުކީ ހަލާކުވެދިޔަ ނުދެއްވާނެ ކަމުގަ އެވެ. އަދި ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށް އުރުދުޣާން ގޮވާލެއްވި އެވެ. ނަމަވެސް ތުރުކީއާ އަވަށްޓެރި ސޫރިޔާގައި ފެށުނު ހަމަނުޖެހުންތަކަށް ހިއްވަރު ދެއްވައި އެގައުމުގެ އިދިކޮޅު ފަރާތްތަކަށް އެހީތެރިވުމުގައި އުރުދުޣާން ވަނީ އިސްދައުރެއް އަދާކުރައްވާފަ އެވެ.

މުރާސިލުން ބުނާ ގޮތުން މިހާރު ވެސް ތަގްސީމް މައިދާނުގައި މީހުންވަނީ ފުރިބާރުވެފަ އެވެ. ނަމަވެސް ބާރުގެ ބޭނުންކޮށްގެން އެމައިދާނުން މީހުންތައް ފޮނުވާލުމަށް ފުލުހުން މަސައްކަތް ނުކުރާކަމަށް މުރާސިލުން ބުނެ އެވެ. ތުރުކީގައި ސަރުކާރާ ދެކޮޅަށް ކުރަމުންގެންދާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިޔަށްދާތާ 16 ދުވަސް ވެފައިވާ އިރު ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީން ވަނީ އިދިކޮޅު ފަރާތްތައް އެދޭގޮތަށް އެގައުމުގައި އަވަސް އިންތިޚާބެއް ނުބާއްވާނެ ކަމަށް ބުނެފަ އެވެ.

އުރުދުޣާން ވަނީ އިސްތަންބޫލްގެ "ތަޤްސީމް" މައިދާން ޙިސާރުކޮށްގެންތިބި ސަރުކާރާ އިދިކޮޅު ފަރާތްތަކަކީ ތުރުކީގެ ދައުލަތާއި ވެރިކަމުގެ ނިޒާމު ޚަރާބުކުރުމަށް މަސައްކަތްކުރާ ބައެއްކަމަށް ސިފަކުރައްވާފަ އެވެ. އަދި ކުރިޔަށް އޮތް އިންތިޚާބުގައި ވޯޓުން އިދިކޮޅު ފަރާތްތަކަށް ފިލާވަޅެއް ދިނުމަށް ވެސް އުރުދުޣާން ވަނީ ރައްޔިތުންނަށް ގޮވާލައްވާފަ އެވެ. މީގެ 16 ވަރަކަށް ދުވަސްކުރިން ތުރުކީގެ އިސްތަންބޫލްގައި ފެށުނު އިދިކޮޅު މުޒާހަރާތަކަކީ އެސިޓީގެ "ތަޤްސީމް" މައިދާނުގައި ހުންނަ އާސާރީ ޕާކެއް ކަމަށް ކަމަށްވާ ޣާޒީ ޕާކް ތަރައްގީ ކުރުމަށް ސަރުކާރުން ރާވާފައިވާ މަޝްރޫޢަކާ ދެކޮޅަށް ފެށި މުޒާހަރާތަކެކެވެ. ނަމަވެސް ފަހުން އެ މުޒާހަރާތައް ވަނީ އުރުދުޣާންގެ ސަރުކާރާ އިދިކޮޅު ސިޔާސީ މުޒާހަރާތަކަކަށް ބަދަލުވެފަ އެވެ.

މުޒާހަރާތައް ފުޅާވެ ވެރިރަށް އަންކާރާއަށާއި އެގައުމުގެ ބޮޑެތި އެހެން ސިޓީތަކަށް ވެސް މުޒަހަރާފެތުރިފައިވާ އިރު މިކަން މިހާރު ވެފައިވަނީ އުރުދުޣާންގެ އިސްލާމީ ޚިޔާލުގެ ސަރުކާރަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައެވެ. ސަރުކާރާ އިދިކޮޅު މުޒާހަރާތަކުގައި އެތަށް ހާސް ބަޔަކު ޒަޚަމްވެ ހަތަރު މީހަކު މަރުވެފައިވެ އެވެ. (އަލްޖަޒީރާ)