11 Jun 2013, 22:23
މަރުކަޒީ ބޭންކް އެމްއެމްއޭގެ "ޓޯޓަލް ފޮރިން ކަރަންސީ ފައިނޭންޝަލް އެސެޓް" މަސް ދުވަހުގެ ތެރޭގައި 84 މިލިއަން ރުފިޔާ އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކު އެމްއެމްއޭ އިން އާންމުކޮށްފައިވާ އެ ބޭންކްގެ މިދިޔަ މޭ މަހުގެ މާލީ ހިސާބުތައް ދައްކާ ގޮތުން "ޓޯޓަލް ފޮރިން ކަރަންސީ ފައިނޭންސްޝިއަލް އެސެޓްސް" މަސް ދުވަހުގެ ތެރޭގައި 84 މިލިއަން ރުފިޔާ އިތުރުވެފައިވާ އިރު "ލޯކަލް ކަރަންސީ ފައިނޭންޝަލް އެސެޓް" ވަނީ 73 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެހެންކަމުން މިދިޔަ މަސް ދުވަހުގެ ތެރޭގައި އެ ބޭންކުގެ "ޓޯޓަލް ފައިނޭންޝަލް އެސެޓް" ވަނީ 10.8 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. އޭޕުރީލް މަހު "ޓޯޓަލް ފައިނޭންޝަލް އެސެޓް" ހުރީ 10.6 ބިލިއަން ރުފިޔާ އަށެވެ.
އެމްއެމްއޭގެ މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާ އިރު އެ ބޭންކުގެ "ޓޯޓަލް ފައިނޭންޝަން ލައިބިލިޓީ" ވަނީ މަސް ދުވަހުގެ ތެރޭގައި 72 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަދި އެ ބޭންކްގެ ޓޯޓަލް ލައިބިލިޓީ ވަނީ 10.3 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އަދި މަސް ދުވަހުގެ ތެރޭގައި އެމްއެމްއޭގެ ރިޒާވް ވަނީ ތިން މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
އެމްއެމްއޭ އިން ހިމަނާފައި ހުރި ނޯޓުތަކުގައި ބުނެފައި ވަނީ ދައުލަތުގެ ރިޒާވު މަތިވުމާއި ދަށްވުން ބިނާވެފައި ވަނީ އެމްއެމްއޭގެ ރައުސްމާލުގައި ހިމެނޭ ރަނާއި ބޭރު ފައިސާއާ އަދި ރުފިޔާގެ އަގަށް އަންނަ ބަދަލުތަކުގެ މައްޗަށް ކަމަށެވެ.