އަންނަ މަހު ބަނގްލަދޭޝްގައި ބާއްވާ ފީބާ އޭޝިޔާ މުބާރާތުގެ 16 އަހަރުން ދަށުގެ ކޮލިފިކޭޝަން ބުރުގައި ވާދަކުރުމަށް 14 ކުޅުންތެރިން ހިމެނޭ ސްކޮޑެއް ބާސްކެޓް އެސޯސިއޭޝަނުން އެކުލަވާލައިފި އެވެ.

ކޮލިފިކޭޝަން ބުރު އޮތީ ބަންގްލަދޭސްގެ ވެރިރަށް ޑާކާގައި އަންނަ މަހުގެ ތިނަކުން ފަހަކަށެވެ.

ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ، ސާދަ ކުޅުންތެރިން ގެ ސްކޮޑެއް އެކުލަވާލި ކަމުގައިވީ ނަމަވެސް މުބާރާތުގައި ވާދަކުރުމަށް ޑާކާއަށް ދާނީ ޖުމްލަ 12 ކުޅުންތެރިންގެ ސްކޮޑެއް ކަމަށެވެ. އަދި އެ 12 ކުޅުންތެރިންގެ ނަންތައް ވަރަށް އަވަހަށް އެސޯސިއޭޝަނުން އިއުލާން ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖޭ ޓީމުގެ ހެޑް ކޯޗަކީ އަހްމަދު ފަޔާޒް އެވެ. އަދި ޓީމުގެ އެސިސްޓެންޓު ކޯޗަކީ އަބްދުލް ހާދީ (ހާޑީ) އެވެ.

އޮފިޝަލް ވިދާޅުވީ، ކޮލިފިކޭޝަން ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ގައުމަކަށް ސެޕްޓެމްބަރު މަހު އިރާންގެ ވެރިރަށް ތެހެރާންގައި އޮންނަ ތިން ވަނަ ފީބާ އޭޝިއާ 16 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.