11 Jun 2013, 21:06
ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގުރޫޕް(ސީމެގް) އިން ރާއްޖޭގެ މައްސަލައެއް ބެލުމުން އެކަމާ ގުޅިގެން ގާނޫނީ ލަފާ ހޯދުމަށް އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ރާއްޖެ އިން ބޭރުގެ ގާނޫނީ މާހިރަކަށް 1.2 މިލިއަން ރުފިޔާ އިތުރަށް ދީފައިވާކަން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް މިއަދު ނެރުނު އެޓާނީ ޖެނެރަލް އޮފީހުގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ސީމެގް އިން ރާއްޖޭއާ ގުޅޭ މައްސަލައެއް ބަލަން ފެށުމުން އެކަމާ ގުޅިގެން އިނގިރޭސި ވިލާތުގެ ގާނޫނީ މާހިރަކާއި އޭޖީ އޮފީހާއި ދެމުދެ ވެވުނު އެއްބަސްވުމެއްގެ ދަށުން ކޮންސަލްޓޭޝަން ފީއަކީ 75،000 ސްޓާލިން ޕައުންޑް(1،785.283ރ.) ކަމަށެވެ. ނަމަވެސް 75000 ޕައުންޑް(1785283ރ.) އިތުރުން 1،252.661ރ. އެފަރާތްތަކަށް އޭޖީ އޮފީހުން ދައްކާފައިވާ ކަމަށާއި އަދި އެއީ ކޮންކަމަކަށް ދިން ފައިސާއެއް ކަމެއް އެއްވެސް ލިޔެ ކިޔުމަކުން އެގެން ނެތް ކަމަށެވެ.
ސީމެގް މައްސަލާގައި ސަރުކާރުން ލަފާ ހޯދާފައި ވަނީ ގޯޑަން ބްރައުންގެ ބޮޑުވަޒީރުކަމުގައި އިނގިރޭސި ވިލާތުގެ އެޓާނީ ޖެނެރަލެއްގެ މަގާމު ފުރުއްވާފައިވާ އަދި ލޭބާ ޕާޓީގެ ޝެޑޯ ކެބިނެޓްގައި އެޓާނީ ޖެނެރަލެއްގެ މަގާމުގައި ހުންނެވި، ބެރޮނަސް ސްކޮޓްލެންޑް އެވެ.
އެރިޕޯޓްގައި ބުނެފައި ވަނީ އެ ގާނޫނީ މާހިރު މާލެ އައިސް ކުރައްވާ ދަތުރުތަކަށް ހިނގާ ހަރަދުތަކުގައި އަމަލުކުރާނެ ގޮތް އެ އެއްބަސްވުމުގައި ބުނެފައި ނުވާ އިރު އެ ގާނޫނީ މާހިރާއި އޭނާގެ އެސިސްޓެންޓް ރާއްޖެ އައުމަށް ޓިކެޓްގޮތުގައި 10،7530ރ. ހަރަދުކޮށްފައިވާ އިރު އެ ދެމީހުންގެ ހުރުމުގެ ހަރަދަށް 1،372ރ. އެކު ޖުމުލަ 108،902ރ. އޭޖީ އިން ހަރަދުކޮށްފައިވާ ކަމަށެވެ.
އެރިޕޯޓްގައި ފާހަގަކޮށްފައި ހުރި އިތުރު ކަންތައްތަކުގެ ތެރޭގައި އިނގިރޭސި ވިލާތުން ގެނައި ލޯޔަރުންނަށް ހަރަދުކޮށްފައިވާއިރު އެމަސައްކަތާއި ބެހޭގޮތުން ސޮއިކޮށްފައިވާ އެއްބަސްވުމުގައި މަސައްކަތުގެ އަގާއި ސަރުކާރުން ކުރަން ޖެހޭ އެހެނިހެން ހަރަދުތަކުގެ ތަފްސީލް ހިމަނާފައިނުވާކަން ފާހަގަކޮށްފައިވެއެވެ. އަދި އޮޑިޓާ ޖެނެރަލް ވަނީ ގާނޫނާއި ހިލާފަށް އަމަލުކުރި ފަރާތްތަކާމެދު ފިޔަވަލުއެޅުމަށް ލަފާ އަރުވާފަ އެވެ.