ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރަން ޖެހޭ ވިޔަފާރި ކުންފުނިތައް ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތު އެއް މަސް ދުވަހަށް އިތުރުކޮށްފި އެވެ.


މޯލްޑިވްސް އިންލޭންޑް ރެވެނިއު އެތޯރިޓީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޓެކްސް ނެގުމާ ބެހޭ ޤާނޫނުގެ ދަށުން ރާއްޖޭގައި ފިޔަފާރި ކުރާ ހުރިހާ ފަރާތްތައް އެ އެތޯރިޓީގައި ރަޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތު އިއްޔެ ނިޔަލަށް ހަވަވިއިރު ތިން ހާހަށް ވުރެ ގިނަ ވިޔަފާރި ކުންފުނިތަކުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މުއްދަތު ހަމަވިއިރު ވެސް މާލެ އާއި އަތޮޅުތަކުގައި ވިޔަފާރިކުރާ ވަރަށް ގިނަ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް އެދެމުންދާތީ ރާއްޖޭގައި ހިންގާ ވިޔަފާރިތައް އެ އޮތޯރިޓީގައި ރަޖިސްޓްރީ ކުރުމުގެ މުއްދަތު އެއް މަސް ދުވަސް އިތުރުކޮށް، ރަޖިސްޓްރީކޮށް ނިންމަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ  މި މަހު 30ގެ ނިޔަލަށް ކަމުގައި ހަމަޖައްސާފައިވާ ކަމަށެވެ.


އެހެންނަމަވެސް ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އެ އެތޯރިޓީގައި ރަޖިސްޓްރީކުރަން ޖެހޭ އެންމެހާ ފަރާތްތަކުން ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތަށް 7 ނޮވެންބަރު 2010ގެ ކުރިން އެ އެތޯރިޓީގައި ރަޖިސްޓްރީކޮށް ނިންމަން ޖެހޭ ކަމަށެވެ.


ޓެކްސްނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން އެ އޮތޯރިޓީގައި ރަޖިސްޓްރީކުރަން ޖެހޭ، ރާއްޖޭގައި ވިޔަފާރި ކުރާ އެންމެހާ ފަރާތްތަކާއި ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއިދޭ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގައި ބަޔާންވެފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީކޮށް ނިންމުމަށް ވެސް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން އިލްތިމާސްކުރެ އެވެ.