ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ކްލަބް ވެލެންސިޔާއާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެއްޖެ އެވެ.

ދެޓީމުގެ ކުޅުން ދާދި ހަމަހަމަކޮށް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދަނިކޮށް ވެލެންސިޔާއަށް ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތެއް ލިބުނެވެ. ވެލެންސިޔާގެ ޢަބްދުލްވާހިދު ވިކްޓަރީގެ އޭރިޔާގެ ތެރެއަށް ނަގައިދިން ރީތި ހުރަސް، އޭރިޔާ ތެރޭގައި ހުރި މުއާން މޫސާމަނިކު ބޮލުންޖަހައި ފޮނުވާލި ބޯޅަ ދިޔައީ ވިކްޓަރީގެ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މިއަދުގެ މެޗުގައި ވިކްޓަރީގެ ގޯލް ބެލެހެއްޓީ އަލަށް އެކުލަބާ ގުޅުނު ކްލަބް އީގަލްސްގެ ކުރީގެ ކީޕަރު އަޙްމަދު ފައިރޫޒްއެވެ. ފައިރޫޒްވަނީ މިއަދުގެ މެޗުގައި ރަނގަޅު ބޯޅަތަކެއް ދިފާއު ކޮށްފައެވެ. އެގޮތުން މެޗުގެ 52 ވަނަ މިނިޓުގައި ވެލެންސިޔާގެ އިބްރާހީމް ހަމްދާން ފޮނުވާލި ބާރު ހަމަލާ ފާހަގަ ކޮށްލެވެއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކްލަބް ވެލެންސިޔާގެ މިޑަފީލްޑަރު ޢަބްދުﷲ ރަޝީދު މާހިރު (އަބޫ) އެވެ.

މިއަދުގެ މެޗް އެއްވަރުވުމުން ކުޅުނު 11 މެޗުން 16 ޕޮއިންޓާއެކު ކްލަބް ވެލެންސިޔާ އޮތީ ތާވަލުގެ ތިންވަނައިގައެވެ، އަދި 11 މެޗް ކުޅެގެން 11 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކުލަބް އޮތީ ތާވަލުގެ ހަ ވަނައިގަ އެވެ.

މެޗަށްފަހު ވިކްޓަރީގެ ކޯޗް ވްލަޑިމިއާ ގޮފާ ބުނީ އޭނާގެ ޓީމުގެ ފަރާތުން ފެނުނު ކުޅުމާ ދޭތެރޭގައި އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހޭ ކަމަށާއި އަދި ވިކްޓަރީ ފަދަ، ރާއްޖޭގެ ފުޓްބޯޅައިގައި ވަރުގަދަ ތާރީހެއް އޮތް ކުލަބެއް މިހާ ދަށް ހާލަތެއްގައި އޮތުމުން ވަރަށް ބޮޑަށް މާޔޫސްވާ ކަމަށެވެ.

ކްލަބް ވެލެންސިޔާގެ ކޯޗް މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ، މެޗުގެ ނަތީޖާއާ ދޭތެރޭގައި ހިތްހަމަ ނުޖެހޭ ކަމަށާއި މިއަދުގެ މެޗުގައި ކުލަބަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތުތަކެއް އުފެއްދުނު ނަމަވެސް ގޯލްތެރެއަށް ބޯޅަ ފޮނުވާލާނޭ ކުޅުންތެރިއަކުން ނެތް މައްސަލަ އެވެ.

ދިރާގު ދިވެހި ލީގުގައި މިރޭވެސް މެޗެއް ކުޅުމަށްވަނީ ހަމަޖެހިފަ އެވެ. އެގޮތުން 9:00ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ، 12 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައި އޮތް ބީޖީ ސްޕޯޓްސް ކުލަބާއި 10 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައި އޮތް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ.