ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) 45، ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާގެ ދިފާއުގައި އޭނާ ހުށަހެޅި ހެކީންގެ ހެކިބަސް ނަގައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހޯރައިއްބެގެ ފަރާތުން ދިފާއުގައި ހުށަހަޅާފައިވާ ފަސް މީހެއްގެ ހެކިބަސް ނަގާފައިވާ ކަމަށެވެ. އަދި މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހަ މީހުންގެ ހެކިބަސް ނަގާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ހޯރައިއްބެގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ކުރިމަތީ އޮންނަ ގޯޅިތެރޭގައި ހުންނަ ގ. މާވަސްގޭގެ ތެރެއިން އޭނާ ހައްޔަރު ކުރި ހާދިސާއާ ގުޅިގެންނެވެ.

ފުލުހުން ބުނެފައި ވަނީ އެގޭ ކޮޓަރިއެއްގެ ތެރެއިން އޭނާ ހައްޔަރު ކޮށްފައި ވަނީ 17 އަހަރުގެ އަންހެން ކުއްޖަކާ އެކު ބަރަހަނާކޮށް އޮއްވައި ކަމަށެވެ.

ހޯރައިއްބެ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އަށް އިންކާރުކޮށްފަ އެވެ.

އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުން އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ނެވެ.

އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) ގައި ބުނަނީ ޖިންސީ ނިޔަތެއް އޮވެގެން މީހަކު ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލައިފި ނަމަ އެކުރަނީ ކުށެއް ކަމަށެވެ.

އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ނ) ގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.