ސަލާމަތީ ބާރުތައް އެމްޑީޕީގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ދެއްކެވި ވާހަކަތައް ޑިފެންސް މިނިސްޓްރީން ކުށްވެރިކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ސިފައިންގެ ގާނޫނުގައިވާ ގޮތުން، ސިފައިންނަކީ ހުރިހާ ވަގުތެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި އެއިރަކު ހުންނަވާ ފަރާތެއްގެ ސީދާ އަމުރުގެ ދަށުގައި ތިބޭ ބަޔެކެވެ. ނަމަވެސް ވެރިކަމާއި ހަވާލުވާތާ ތިން މަސް ދުވަސް ތެރޭ ސަލާމަތީ ބާރުތައް ބާރުގެ ދަށަށް ސަލާމަތީ ބާރުތައް ގެންނަވާނެ ކަމަށް ވިދާޅުވުމަކީ، އެވާހަކަ ދެއްކެވި ފަރާތަށް ރާއްޖޭގެ ދުސްތޫރީ ނިޒާމް ހަމަޖެހިފައިވާ ގޮތް އެނގިވަޑައިނުގަންނަވާ ކަން ދޭހަވާ ކަމެއް ކަމުގައި އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ދިވެހި ރާއްޖޭގެ އަމިއްލަ ވެރިކަން ރައްކާތެރިކޮށް، ސަރަޙައްދުގެ ރައްކާތެރިކަން ދަމަހައްޓައި. ގާނޫނު އަސާސީ އާއި ދިމިގުރާތީ މުއައްސަސާތައް ހިމާޔަތްކޮށް، ގާނޫނު ދަމަހައްޓައި. ތަންފީޒުކޮށް، އަމަންއަމާންކަން ދަމަހައްޓައި ކުއްލި ހާލަތްތަކުގައި އެހީތެރިކަން ދިނުމަށް އުފައްދާފައިވާ ސަލާމަތީ ބާރުތަކަކީ، އެއްވެސް ސިޔާސީ ޕާޓީއެއްގެ ނުވަތަ ސިޔާސީ ފަރާތެއްގެ ބާރުގެ ދަށުގައި އޮންނަ މުއައްސަސާތަކެއް ނޫނެވެ.،" ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ސިފައިންގެ ހިދުމަތަކީ އެހިދުމަތަށް ކުރިމަތިލާ މީހުން ވަކި ތަމްރީނުތަކެއް ހަދާ ވަކި އުސޫލުތަކެއް ހިފަހައްޓާ ހިދުމަތެއް ކަަމަށާއި ސިފައިންގެ ސީނިއާ ރޭންކުތަކުގައި ތިއްބަވާ ފަރާތްތަކަކީ ގައުމީ ހިދުމަތުގައި އެމީހުންގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކޮށްފައިވާ ފަރާތްތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި، އެފަރާތްތަކަށާއި އާއްމުކޮށް އެންމެހާ ސިފައިންނަށް ބިރުދެއްކުމުގެ ގޮތުން ސިޔާސީ ޕާޓީއެއްގެ އިސް ފަރާތަކުން އެފަދަ ވާހަކަތައް ދެއްކުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމުގައި ދެެކޭ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ. އަދި ސަލާމަތީ ބާރުތަކަށް ނިސްބަތްވާ ގޮތަށް އެފަދަ ވާހަކަތައް ނުދެއްކެވުމަށް ޑިފެންސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެމްޕީއެލް ސަރަހައްދުގައި ހުންނަ އެ ޕާޓީގެ ހަރުގޭގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ބަދަލުކޮށްލުމުގައި ހިނގި "ބަޣާވާތުގައި" ބައިވެރިވި ފުލުހުންނާއި ސިފައިން ކުރި ކުށުގެ އަދަބު އެ ފަރާތްތަކަށް ދޭނެ ކަމަށާއި އެ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ. އަދި ފުލުސް އޮފީހާއި ސިފައިން ގޭގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށް ވެސް އަލީ ވަހީދުގެ ވާހަކައިގައި ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ހީނުކުރާތި ދުނިޔެ އުމުރަށް ތިބެވޭނެ ތަނެއް ކަމަށް އެތަނަކީ [ސިފައިންގެއަކީ]. ތިން މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ބާރުގެ ދަށަށް ފުލުސް އޮފީހާއި ސިފައިންގެ ނަގާނަން. އަދި ފުލުހުންނާ ސިފައިންގެ ތެރޭގައި ތިބި ޅަފުރާގެ ކުދިން ކަންބޮޑުވާނެ ކަމެއް ނެތް. ބަޣާވާތް ކުރި ހުރިހާ އިސް މީހުން އަޅުގަނޑުމެން ކަނޑާ ގެއަށް ފޮނުވާލާނަން. އިސްމީހުން ކަނޑާ ފޮނުވާލާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.