11 Jun 2013, 17:11
ޑިފެންސް މިނިސްޓްރީގެ މަސައްކަތުގެ ދާއިރާ އަށް ގެނައި ބަދަލު މަޖިލީހުން ފާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވި ގޮތާ ދެކޮޅަށް ސަރުކަރުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ހަތަރު މެންބަރަކު ވޯޓު ދެއްވައިފި އެވެ.
މަޖިލީހުން ފާސް ކުރުމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުށަހެއްޅުއްވި މައްސަލަ ތަޅުމުން މިއަދު ބޭރުކޮށްލީ އެމްޑީޕީން ހުށަހެޅުއްވި ހުށަހެޅުމަކަށް މެންބަރުންގެ އަޣުލަބިއްޔަތު ލިބުމުންނެވެ.
މަޖިލީހުން އާންމުކޮށްފައިވާ ވޯޓުތަކުގެ ތަފްސީލުން އެނގޭ ގޮތުގައި އެމްޑީޕީގެ ހުށަހެޅުމަށް، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ހަތަރު މެންބަރަކު ތާއިދުކޮށް، ވޯޓު ދެއްވާފައިވެ އެވެ.
އެއީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމިން އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ހަނިމާދޫ ދާއިރާގެ މެންބަރު މުހައްމަދު މުޖުތާޒުގެ އިތުރުން ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އެވެ.
ރައީސް ވަހީދު ހުށަހެޅުއްވި މައްސަލަ ތަޅުމުން ބޭރުކޮށްލުމަށް އެމްޑީޕީން ހުށަހެޅުމުން، އެ ވޯޓުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިނުގަންނަވަ އެވެ. ނަމަވެސް އެ ވޯޓަށް އެހި އިރު، އެމަނިކުފާނު ތަޅުމުގައި އިންނެވި އެވެ. މަޖިލީހުގެ ނައިބު ރައީސް އަދި ޕީޕީޕިއެމް ޕާލަމެންޓްރީ ގްރޫޕްގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނަޒިމް ވެސް ވަކިކޮޅަށް ވޯޓު ނުދެއްވައި ތަޅުމުގައި އިންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވި ގޮތާ ދެކޮޅަށް ޕީޕީއެމުން މިއަދު ވޯޓު ދީފައިވާ އިރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދު ﷲ ޔާމިން މިދިޔަ މެއި 20ގައި "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވިދާޅުވެފައި ވަނީ ސަރުކާރު ނެތިދާވަރުގެ ކަމެއް މަޖިލީހުގެ ތެރެއިންކޮށްފައި ނުވާނެ ކަމަށެވެ.
"ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރުމަކީ ސަރުކާރު ނެތިދާވަރުގެ ކަމެއް މަޖިލީހުގެ ތެރެއިން ކުރިމަތިވެއްޖެ ކަމަށްވަންޏާ، ޕީޕީއެމުން އަމަލުކޮށްފައި އޮތް ގޮތް ބައްލަވާ. އެކަމަކު ސަރުކާރުން ރައްޔިތުންގެ މަސްލަހަތު ނެތް ގޮތުގައި ސަރުކާރުން ގާނޫނާ ހިލާފަށް ކަމެއް ދަންޏާ ފާޑުކިޔައި މަގުދައްކައި ހަމަމަގަށް އެޅުވުމަކީ ޕީޕީއެމުން ކުރަންޖެހޭ ކަމެއް،" ޔާމިން ވިދާޅުވެފައިވެ އެވެ.
ރައީސް ވަހީދު މަޖިލީހަށް މިއަދު ހުށަހެޅުއްވާފައި ވަނީ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރު (އެންޑީއެމްސީ) އާއި ވައިގެ ދަތުރުފަތުރުގެ ސަމާލަތާ ބެހޭ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މަސައްކަތް ޑިފެންސް މިނިސްޓްރީ އަށް ބަދަލުކޮށްފައިވާތީ މަޖިލީހުން އެކަން ފާސް ކުރުމަށެވެ. ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ)ގައި ވާގޮތުން މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއަށް ބަދަލު އައިސްފިނަމަ މަޖިލީހުން ފާސްކުރަންޖެހެ އެވެ.
މަޖިލީހުން އެކަމެއް ފާސް ނުކޮށްފި ނަމަ، މިނިސްޓްރީގެ މަސައްކަތުގެ ދާއިރާ ބަދަލު ނުކުރެވޭނެ ކަމަށް އެޓާނީ ޖެނަރަލް އައިޝަތު ބިސާމް މިއަދު ވަނީ ވިދާޅުވެފަ އެވެ.