11 Jun 2013, 17:03
އެޓާނީ ޖެނެރަލް(އޭޖީ) އޮފީހަށް މިދިޔަ އަހަރު ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް 16.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް މިއަދު ނެރުއްވާފައިވާ އެޓާނީ ޖެނެރަލް އޮފީހުގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އެ އޮފީހަށް މިދިޔަ އަހަރު ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކު 16.9 މިލިއަން ރުފިޔާ އެއޮފީހުން ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެ އިން ބޭރުގެ ގާނޫނީ މާހިރުންގެ ލަފާ އެކިއެކި ކަންކަމުގައި ހޯދުމަށް އެ ފައިސާ އިން 16.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓްގައި އެ އޮފީހަށް ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް ހަރަދުކޮށްފައިވާ މައްސަލާގައި އެޓާނީ ޖެނެރަލް އޮފީހުން ބުނެފައި ވަނީ އެ އޮފީހުން މިދިޔަ އަހަރު ބަޖެޓް ތައްޔާރު ކުރި އިރު ކުރިން ލަފާކޮށްފައިނުވާ ބޮޑެތި ހަރަދުތަކެއް އެކިއެކި މައްސަލަތަކުގައި ކުރަން ޖެހުނު ކަމަށާއި އެގޮތުން ގާނޫނީ ލަފާ ހޯއްދެވުމަށް މިދިޔަ އަހަރު ބޮޑެތި ހަރަދުތަކެއް ކުރަން ޖެހުނު ކަމަށެވެ. އެގޮތުން ޖީއެމްއާރް މައްސަލާގަޔާއި ވެރިކަން ބަދަލުވުމުން ސީމެގް އެޖެންޑާގައި ރާއްޖެ ހިމެނުނު މައްސަލާގަޔާއި ބޯޑާ ކޮންޓުްރޯލް ފަދަ މައްސަލަތަކުގައި ލަފާ ހޯދެއްވުމަށް ހަރަދުތައް ކުރައްވާފައިވާ ކަމަށް ބުނެފައިވެ އެވެ.
އޮޑިޓް އޮފީހުން ބުނީ ބަޖެޓަށް ވުރެ އިތުރަށް ނަގާފައިވާ ފައިސާ އަކީ މާލިއްޔަތު ގާނޫނާ ހިލާފަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށެވެ. އަދި އެކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ލަފާދެއްވާފައިވެ އެވެ.
އޭޖީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓްގައި އިތުރަށް ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި މާލިއްޔަތު ގަވައިދުގައި ބުނެފަިއވާ ތިން ފަރާތެއްގެ އަގު ހޯދެއްވުމަކާ ނުލައި ފްލައިޓް ޓިކެޓް ގަތުމަށް އެ އޮފީހުން 45994ރ. ހޭދަކޮށްފައިވާ ކަމަށެވެ.
އަދި އެއޮފީހަށް ލިބެންޖެހޭ 38573ރ. މިދިޔަ އަހަރުގެ ނިޔަލަށް ހޯދާފައިނުވާ ކަމަށާއި އެ ފައިސާތަކުގެ ތެރެއިން 38273ރ. އަކީ އެ އޮފީހުން ހިންހި "އެޑްވާންސް ސެޓްފިކެޓް އިން ލޯ" ކޯސް ފުރިހަމަ ނުކުރި ފަސް ފަރާތަކުން ދައްކަވަން ޖެހޭ ފައިސާ ކަމަށް ބުނެފައިވެ އެވެ. އަދި އެ ފައިސާ ނުދައްކާތާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު އެ ފައިސާ ނުދައްކާ މީހުންގެ މައްސަލަ ޝަރީއަތަށް ހުށަނާޅާ ކަމަށާއި ނަމަވެސް ދެ ބޭފުޅެއްގެ މައްސަލަ ސިވިލް ކޮޓަށް ހުށައަޅާފައިވާ ކަމަށް ބުނެފައިވެ އެވެ.
އޮޑިޓާ ޖެނެރަލްގެ އެރިޕޯޓްގައި ވަނީ ގާނޫނާ ހިލާފުވި ފަރާތްތަކާ މެދު ފިޔަވަޅުއެޅުމަށް އަންގައިފަ އެވެ.