އާއްމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ސޮނީގެ ވީޑިއޯ ގޭމް ކޮންސޯލް ޕުލޭސްޓޭޝަންގެ ޕީއެސް 4 ވިއްކުމަށް ހަމަޖެހިފައި ވަނީ 399 އެމެރިކާ ޑޮލަރަށް ކަމަށް އެކުންފުނިން ބުނެފި އެވެ.

އެމެރިކާގެ ލޮސް އެންޖެލީސްގައި ކުރިއަށް އިލެކްޓްރޯނިކް އެންޓާޓެއިންމަންޓް އެކްސްޕޯގައި ސޮނީއިން ޕީއެސް ފޯ އެމެރިކާގައި ދައްކާލުމަށް ފަހު ބުނީ، އެމެރިކާގައި ޕީއެސް ފޯ ލޯންޗުކުރާނެ އަގަކީ 399 އެމެރިކާ ޑޮލަރު ކަމަށެވެ.

ސޮނީއިން ޕީއެސް ފޯ ލޯންޗުކުރާނެ އަގުތައް އިއުލާންކޮށްފައިވާ ނަމަވެސް، ޕީއެސްފޯ ލޯންޗުކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައެއް ނުވެ އެވެ.

ސޮނީއިން ޕީއެސް ފޯގެ އަގު އިއުލާންކޮށްފައި ވަނީ މައިކްރޯސޮފްޓުން އެކުންފުނީގެ އެކްސްބޮކްސް ގޭމް ކޮންސޯލްގެ އެކްސްބޮކްސް ވަންގެ އަގު އިއުލާނުކުރުމަށް ފަހުގަ އެވެ. މައިކްރޯސޮފްޓުން ބުނެފައި ވަނީ އެކުންފުނީގެ އެކްސްބޮކްސް ވަން ލޯންޗުކުރާނެ އަގަކީ 499 އެމެރިކާ ޑޮލަރު ކަމަށެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ސޮނީ އިން 399 އެމެރިކާ ޑޮލަރަށް ޕީއެސް ފޯ ލޯންޗުކުރަން ނިންމާފައި ވަނީ މައިކްރޯސޮފްޓްގެ އެކްސްބޮކްސް އަށް ވުރެ އަގުހެޔޮވުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދާނެތީވެ އެވެ.

މައިކްރޯސޮފްޓުން ބުނެފައި ވަނީ އެކްސްބޮކްސް ވަން މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ލޯންޗުކުރެވޭނެ ކަމަށެވެ.