ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށް ބުނެ ޑރ. މުހައްމަދު ޖަމީލު އަހްމަދުގެ މައްޗަށް އެމްޑީޕީން ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ޑރ. ޖަމީލުގެ މައްޗަށް އެމްޑީޕީން ދައުވާ ކޮށްފައި ވަނީ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައި ގާނޫނުތަކުން ރައީސް ނަޝީދަށް ލިބިފައިވާ އިންސާފުން ޝަރީއަތް ކުރުމުގެ ހައްގަށް ހުރަސްއަޅައި، އެމަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުވައި ވަކި ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ޑރ. ޖަމީލު ވާހަކަދައްކަވާފައިވާތީ ކަމަށް ބުނެ އެކަން ތަކުރާރު ނުކުރުމަށް ޖަމީލުގެ މައްޗަށް އަމުރު ކޮށްދިނުމަށް ކަމަށެވެ.

އެމްޑީޕީގެ ބަހުންނާއި ޑރ. ޖަމީލުގެ ގާނޫނީ ވަކީލުގެ ބަހުން ވެސް އޭނާ އަކީ މިހާރު ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ބޭފުޅެއް ނޫންކަން އެނގެން އޮންނަ ކަމަށާއި އެހެންކަމުން އެ މަގާމުގައި ނެތް ބޭފުޅެއްގެ މައްޗަށް އެ މަގާމުގައި ހުންނަވައިގެން ކުރެއްވި ކަމެއް ތަކުރާރު ނުކުރުމަށް އަންގާނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.