ޑިފެންސް މިނިސްޓްރީގެ މަސައްކަތުގެ ދާއިރާ އަށް ބަދަލު ނުގެނައުމަށް މަޖިލީހުން ފާސް ކުރުމުން، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ފިޔަވައި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މަސައްކަތް ޑިފެންސް މިނިސްޓްރީ އަށް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ނަމަ، އެކަން ކަނޑައެޅުއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމަށް އެޓާނީ ޖެނަރަލް އައިޝަތު ބިސާމް މިއަދު ވިދާޅުވެއްޖެ އެވެ.

ތިން އިދާރާއެއްގެ މަސައްކަތް ޑިފެންސް މިނިސްޓްރީއަށް ބަދަލުކޮށް، އެ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާ އަށް ގެނެސްފައިވާ ބަދަލު މަޖިލީހުން ފާސް ކުރުމަށް ރައީސުމްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވުމުން މަޖިލީހުން މިއަދު ފާސްކޮށްފައި ވަނީ ރައީސް އެދިވަޑައިގެންނެވި ގޮތާ ދެކޮޅަށެވެ. ޑިފެންސް މިނިސްޓްރީގެ މަސައްކަތުގެ ދާއިރާ ބަދަލު ނުކުރުމަށް ފާސް ކުރީ މަޖިލީހުގެ 27 މެންބަރެެއްގެ އަޣުލަބިއްޔަތު ލިބިގެންނެވެ.

މަޖިލީހުން މިއަދު ފާސްކުރި ނިންމުމާ ގުޅޭ ގޮތުން އެޓާނީ ޖެނަރަލް މިއަދު ވިދާޅުވީ ޑިފެންސް މިނިސްޓްރީގެ މަސައްކަތުގެ ދާއިރާ ބަދަލު ކުރުމާ ގުޅޭ ގޮތުން ރައީސް އަލުން ވިސްނެވުމަށް ފަހު މަޖިލީހަށް އަނެއްކާ ވެސް ފޮނުވަން ޖެހޭނެ ކަމަށެވެ.

"ރައީސް އެކަމާމެދު ގޮތެއް ނިންމަން ޖެހޭނީ. ބޭސިކް އައިޑިއާއަކީ އެކަން އިސްލާހުކޮށްފައި އަލުން މަޖިލީހަށް ފޮނުއްވުން. އަދި އެތަންތަން ހިންގަން ޖެހޭނީ މަޖިލީހުން ފާސްކޮށްގެން،" ބިސާމް ވިދާޅުވި އެވެ.

މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތައް ކަނޑެޅުމާ ގުޅޭ ގޮތުން ގާނޫނު އަސާސީގެ 116 މާއްދާގެ (ހ)ގައި ބުނަނީ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް މަޖިލީހުން ފާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެ މާއްދާގެ (ށ)ގައި ބުނަނީ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ކަނޑައަޅައިފައިވާ ގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ފެންނަ ހިޔާލާއި މަޝްވަރާ ރައީސުލްޖުމްހޫރިއްޔާއަށް ދެވިދާނެ ކަމަށެވެ.

ގާނޫނު އަސާސީގެ އެ މާއްދާތަކާ ހަވާލާދެއްވައި ބިސާމް ވިދާޅުވީ އިމިގްރޭޝަން ފިޔަވައި އެންޑީއެމްސީއާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މަސައްްކަތް ޑިފެންސުން ހިންގަން ރައީސް ބޭނުންފުޅު ނަމަ މަޖިލީހުން ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. ނަމަވެސް ބިސާމް ވިދާޅުވީ އިމިގްރޭޝަން ގާނޫނުގައިވާ ގޮތުން އެ އިދާރާ ރައީސް ކަނޑައަޅާ މިނިސްޓްރީއަކާ ހަވާލުކުރެވިދާނެ ކަމަށެވެ. އެހެން ކަމުން އެ އިދާރާގެ ހިންގުން އެހެން މިނިސްޓްރީއަކާ ހަވާލުކުރަން މަޖިލީހުގެ ރުހުން ހޯދަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ބެހޭ ކަންކަން ބެލެހެއްޓުމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ މިއަހަރުގެ ޖެނުއަރީ 1، ވަނަ ދުވަހު އެވެ. އެ އިދާރާ އުފެއްދި ތާރީހުން ފެށިގެން އެ ތަން ހިންގަމުންދަނީ ޑިފެންސް މިނިސްޓްރީގެ ދަށުންނެވެ.

ކުރީގެ ހައުސިން އެންޑް އެންވަޔަރަމަންޓް މިނިސްޓްރީން ހިންގަމުން ދިޔަ ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރު ޑިފެންސް މިނިސްޓްރީގެ ދަށަށް ބަދަލު ކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު އެވެ. އަދި ހޯމް މިނިސްޓްރީގެ ދަށުން ހިންގި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ގޮތަށް ބަދަލު ކުރީ މިދިޔަ އަހަރުގެ ޑިސެންބަރު 28ގަ އެވެ.