01 Nov 2010, 04:08
ރައްޔިތުންގެ މަޖީލީހުގެ ތަޅުން ހޫނުވެ މިއަދުގެ ޖަލްސާ ވެސް ހުއްޓާލައިފި އެވެ.
މިއަދުގެ ޖަލްސާ ފެއްޓުމާ އެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ރީކޯ މޫސާ ވިދާޅުވީ، ސުޕްރީމް ކޯޓުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ (ވ) އުވާލާފައި ކަމަށާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުނަށް ރުހުން ދެވޭނީ މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމަށް ފަހު ކަމަށެވެ.
އެ ޒުވާބު ފެއްޓުމުން، މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ޕާޓީތަކާ އެކު މަޝްވަރާ ކުރެއްވުމަށް މިއަދުގެ ޖަލްސާ ހުއްޓަވާލެއްވީ ކަމަށެވެ.
މިއަދުގެ ޖަލްސާ އަށް އޮތީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށްފަ އެވެ.
ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނީ ވަޒީރުންނަށް ރުހުން ދިނުމުގައި މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ (ވ) އަށް އަމަލު ކުރަން ނުޖެހޭ ކަމަށެވެ. ނަމަވެސް ހަމަ އެ ހުކުމްގައި ބުނެފައި ވަނީ އެ މާއްދާގެ (ވ) ގަވައިދުން އުވާލަން ނުޖެހޭ ކަމަށެވެ.
މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ (ވ) ގައި ބުނެފައި ވަނީ މަޖިލީހުން ރުހުން ދޭން ޖެހޭ ބޭފުޅުން، މަޖިލީހުގެ ކޮމެޓީ އަށް ހާޒިރުކޮށް އިންޓަވިއު ކުރެވިދާނެ ވާހަކަ އެވެ. ނަމަވެސް ކޯޓުގެ ހުކުމްގައި ބުނަނީ އެ ބަޔަށް އަމަލު ކުރަން ނުޖެހޭ ވާހަކަ އެވެ.
ގާނޫނު އަސާސީގެ 129 ވަނަ މާއްދާގައިވާ ގޮތުން، ރައީސް ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރައްވާ ބޭފުޅުން، ރުހުން ހޯދުމަށް ހަތް ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.