ދުނިޔޭގެ ތަފާތު ގައުމުތަކުގައި ވަގު ވިޔަފާރި ކުރާ ކަމުގެ ރެކޯޑް އޮންނަ އާތަ ބްރަދާސް މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ ގޮޑަޒިން ސަރްގަސްޔާން އުމުރު ދުވަހަށް ރާއްޖެ ނާދެވޭ ގޮތަށް މިއަދު ޑީޕޯޓުކޮށްލައިފި އެވެ.

ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ރާއްޖޭގައި ލޯކަލް އިންވެސްޓްމެންޓް ރަޖިސްޓްރީ ކޮށްގެން އެކި ވިޔަފާރި ދިވެހި ރާއްޖޭގައި ކުރުމުގެ އިތުރުން މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކާ ގުޅި ގޭންގުތަކަށް އެހީތެރިވެދީ މާރާމާރީ ހިންގުމުގައި ބައިވެރިވި ކަމުގެ ތުހުމަތު އާތާބްރަދާސްގެ މައްޗަށް ކުރެވޭ ކަމަށެވެ. އަދި ގޮޑާޒިން ޑީޕޯޓް ކުރުމަށް ކޮންޓްރޯލަރު އޮފް އިމިގްރޭޝަނަށް ހުށަހެޅީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަތަކުގެ ތަހުގީގު ކުރުމަށް ފަހު ކަމަށެވެ. އަދި އެ މައްސަލަތަކުގެ ބާވަތަށާއި އޭނާ އާއި އޭނާ ޙިއްސާވާ ކުންފުނީގެ ވިޔަފާރީގެ ބައިވެރިންކަމަށް ބެލެވޭ މީހުންނާ ބެހޭ ގޮތުން ޢާއްމުކޮށް ލިބެން ހުރި މަޢުލޫމާތުތަކާއި އެމީހުންނާ ގުޅޭ ގޮތުން ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މަޢުލޫމާތުތަކަށް ބަލާ އިރު އެފަދަ ބަޔަކު ރާއްޖޭގައި އިންވެސްޓްކޮށް، ވިޔަފާރި ކުރުމުގެ ފުރުޞަތު ދިނުމަކީ ދިވެހި ރާއްޖޭގެ އިގްތިޞާދާއި ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ފެންނާތީ ޑީޕޯޓް ކުރީ ކަމަށެވެ.

ފުލުހުން ބުނީ އެމައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު އިމްޕޯޓް އެކްސްޕޯޓް ލައިސަންސް ހޯދައި ކުންފުނީގެ ވިޔަފާރި ހިންގުމަށް ލޯކަލް އިންވެސްޓްމަންޓް ރަޖިސްޓްރީކޮށް ވިޔަފާރި ކުރުމުގައި އެ ފަރާތްތަކަށް އެއްވެސް ފަރާތަކުން ޤާނޫނާއި ޚިލާފަށް އެހީތެރިކަން ފޯރުކޮށްދީފައިވޭތޯ ފުލުހުން ބަލަމުން އަންނަ ކަމަށެވެ. އަދި އެމައްސަލަތައް ތަހުގީގު ކުރުމަށް ފަހު ޤާނޫނާ ޚިލާފު ވެފައިވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިތުރުން ދިވެހިރާއްޖޭގައި ބިދޭސީން އިންވެސްޓް ކުރުމަށް ހުޅުވާލާފައިވާ ފުރުޞަތުގެ ތެރެއިން އެފަދަ ކަމެއް ހިންގުމަށް މަގުފަހިވި ކަންކަން ދެނެގަނެ، އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ޓަކައި އަޅަންޖެހޭނެ ކަމަށް ފެންނަ ފިޔަވަޅުތަކުގެ ރެކޮމެންޑޭޝަންތައް ކަމާ ބެހޭ ފަރާތްތަކަށް ފޮނުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އާތާ ބްރަދާސްއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ސިޔާސީ އިސް ފަރާތްތަކާ ގުޅިގެން ބޮޑެތި ޖަރީމާތައް ހިންގުމުގެ އިތުރުން ޑްރަގްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމަށް ތުހުމަތު ކުރެވޭ، އަރްމީނިއާގެ، އާތާ ބްރަދާސްގެ ތެރެއިން ރާއްޖެ އައި މީހުންގެ ތެރެއިން އާތާ ބްރަދާސް ހޯލްޑިންގްސްގެ ޗެއާމަން އަރުތޫރު ސަރަގްސިޔަން ވަނީ ރާއްޖެ އިން ފުރައިގެން ގޮސްފަ އެވެ.