ދެކުނު އެފްރިކާގެ މިނިވަންކަމުގެ ބާނީ ނެލްސަން މަންޑޭލާ "މަރުވިޔަ ދިނުމަށް" އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ އެންޑްރޭ އެމްލެންގާނީ ގޮވާލައްވައިފި އެވެ.

މިހާރު އުމުރު ފުޅުން 94 އަހަރުފުޅު ވެފައިވާ، މަންޑޭލާގެ ހާލަތަށް ބަދަލެއް ނައިސް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންގެންދަވާތާ މިހާރު ހަތަރު ދުވަސްވެފައިވާ އިރު، މަންޑޭލާގެ ހާލު ވަރަށް ސީރިއަސް ކަމަށް ޑޮކްޓަރުން ބުނެ އެވެ.

މަންޑޭލާ ފަރުވާ ހޯއްދަވަމުން ދަނީ މިނިވަންކަމަށް ކުރި މަސައްކަތުގެ ތެރެއިން ޖަލުގައި ހޭދަކުރެއްވި ދުވަސްވަރު ފުރަތަމަ ޖެހިވަޑައިގަތް ފުއްޕާމޭގެ އާލާސްކަންފުޅަކަށެވެ.

މި އާލާސްކަންފުޅަކީ އޭރުންސުރެން އެކި ފަހަރު މަތިން މަންޑޭލާ ފަރުވާ ހޯއްދަވަމުން އަންނަ އާލާސްކަންފުޅެކެވެ. މިގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މަންޑޭލާ ވަނީ ފުއްޕާމޭގެ އިންފެކްޝަނަކަށް 18 ދުވަސް ވަންދެން ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފަ އެވެ.

މަންޑޭލާގެ ގާތް އެކުވެރިއެއްގެ އިތުރުން ޖަލުގައި ހޭދަކުރެއްވި ދުވަސްވަރު މަންޑޭލާއާ އެކު ޖަލަށް ލެއްވި ބޭފުޅެއް ކަމަށްވާ އެންޑްރޫ އެމްލެންގާނީ ވިދާޅުވީ މަންޑޭލާގެ އާއިލާ އިން މިހާރު ކަލާންގެ ބޭނުން ގޮތެއް ވާން ދޫކޮށްލަން ޖެހޭ ކަމަށެވެ.

"މަންޑޭލާގެ އާއިލާ އިން އެބަ ޖެހޭ އޭނާ ދޫކޮށްލަން. ކަލާނގެ ބޭނުން ގޮތެއް ވުމަށް. އާއިލާ އިން މަންޑޭލާ ދޫކޮށްލުމުން، ސައުތު އެފްރިކާގެ މީހުން ވެސް އެކަމަށް އިހުތިރާމް ކުރާނެ." އެމްލެންގާނީ ވިދާޅުވި އެވެ.

ސައުތު އެފްރިކާގެ ބައެއް މީޑިއާތަކުން ބުނީ މަންޑޭލާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި މަންޑޭލާ އަށް ޒިޔާރަތްކުރާ އާއިލާގެ މީހުންނަށް ޒިޔާރަތް ކުރެވެނީ ވެސް "އެންޓި ބަގް މާސްކް" ނުވަތަ ޖަރާސީމަށް ނުވަދެވޭ ޒާތުގެ މާސްކުތައް އަޅައިގެން ކަމަށެވެ.

މިފަހަރު މަންޑޭލާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހުކުރު ދުވަހުގެ ރޭ ހާލުކޮޅު ގޯސްވުމުން ކަމަށް މައުލޫމާތު ލިބެ އެވެ.

މަންޑޭލާއަކީ ސައުތު އެފްރިކާގައި ކަޅު ނަސްލުގެ މީހުންނަށް ކުރާ ތަފާތުކުރުންތައް ނައްތާލާ އެމީހުންގެ މިނިވަންކަމަށް މަސައްކަތް ކުރެއްވި އެފްރިކާގެ ގައުމީ ބަތަލެކެވެ. މިނިވަން ކަމަށް ކުރެއްވި މަސައްކަތައްޓަކައި މަންޑޭލާ ވަނީ 27 އަހަރު ޖަލުގައި ހޭދަކުރައްވާފަ އެވެ.

މިނިވަންކަމަށް ކުރެއްވި މަސައްކަތް ކާމިޔާބުކޮށް، 1994 ވަނަ އަހަރުން ފެށިގެން 1999ގެ ނިޔަލަށް މަންޑޭލާ ވަނީ ސައުތު އެފްރިކާގެ ރައީސްކަން ކުރައްވާފަ އެވެ.

އޭގެ ފަހުން ހިލޭ ސާބަހަށް ތަފާތު ގިނަގުނަ މަސައްކަތްތައް ކުރެއްވުމަށް ފަހު މަންޑޭލާ ރިޓަޔާކުރައްވާފައި ވަނީ 2004 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން އާއްމު ހަފުލާތަކުން މަންޑޭލާ ފެނިފައެއް ނުވެ އެވެ.