ނިއުދިއްލީ (ޖޫން 11): އިންޑިޔާގެ އެންމެބޮޑު އިދިކޮޅު ޕާޓީކަމަށްވާ ބަހަރްތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ހުރިހާ މަޤާމްތަކަކުން އިސްތިއުފާ ދެއްވަން ނިންމަވައިފިކަން އެޕާޓީގެ ކުރީގެ ލީޑަރު އަދި އެއްފައުންޑަރު އެލްކޭ ޢަދުވާނީ އިޢްލާން ކުރައްވައިފި އެވެ.

ޢަދުވާނީ ވިދާޅުވީ ބީޖޭޕީގެ މިހާރުގެ ލީޑަރުންގެ ޢަމަލުތަކާއި ވިސްނުން ހުންނަނީ ޕާޓީގެ މަސްލަޙަތާއި ގައުމީ މަސްލަޙަތަށް ވުރެ އެމީހުންގެ އަމިއްލަ އެޖެންޑާ ކުރިޔަށް ނެރުމުގެ މައްޗަށް ކަމަށްވާތީ ޕާޓީގައި ހުންނަވަން ބޭނުންފުޅުނުވާ ކަމުގަ އެވެ. ޢަދަވާނީ އަކީ އިންޑިޔާގެ ދާޚިލީ ވަޒީރުކަން ވެސް ކުރައްވާފައިވާ އުމުރުން 85 އަހަރުގެ ތަޖްރިބާކާރު ބޭފުޅެކެވެ. ހިންދޫ ގައުމީ ފިކުރުގައި ހައްދުފަހަނަޅާފައިވާ ބޭފުޅެއް ކަމަށްވާ ޢަދަވާނީ ވަނީ ބީޖޭޕީގެ އިސް ލީޑަރުކަން ވެސް ކުރައްވާފަ އެވެ.
ޢަދުވާނީ ވިދާޅުވީ ޕާޓީގެ ޒުވާން ލީޑަރުން އަމިއްލަ މަސްޙަތު ކުރިޔަށް ނެރެގެން ހިންގާ ޙަރަކާތްތައް ހުއްޓުވައި ޕާޓީ އިސްލާޙު ކުރެވޭތޯ ޕާޓީގެ އެތެރެއިން މަސައްކަތް ކުރައްވުމަށް ފަހު ރަނގަނޅުވާނެ ކަމުގެ އުންމީދު ގެއްލިފައިވާ ކަމުގަ އެވެ. ޕާޓީގެ މަޤާމުތަކުން އިސްތިއުފާ ދެއްވައި ޕާޓީގެ ޙަރަކާތްތަކާ ދުރުގައި ހުންނެވުމަށް ނިންމެވީ މިކަމުގެ ސަބަބުން ކަމަށް ޢަދަވާނީ ވިދާޅުވި އެވެ.

އިންޑިޔާގައި ޝާއިޢުކުރެވިފައިވާ މީޑިޔާ ބައެއް ރިޕޯޓްތައް ބުނާގޮތުން ބީ.ޖޭ.ޕީގެ އިންތިޚާބާބެހޭ ކޮމިޓީގެ އިސްވެރިއަކަށް ހިންދޫ ގައުމީ ފިކުރުމުގެ ހަރުކަށި ޚިޔާލުގެ ބޭފުޅެއް ކަމަށްވާ ނަރަންދުރަ މޮޑީ ހަމަޖެއްސުމުން ޢަދަވާނީ ވަނީ ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެންފަ އެވެ. އަދި ޕާޓީގެ ޒުވާން ބައެއް ލީޑަރުންގެ ޢަމަލުތަކާ ހިތްޕުޅާނުވެގެން ޢަދަވާނީ ބީޖޭޕީގެ ޙަރަކާތްތަކާ ދުރުގައި ހުންނަވާތާ މިހާރު ދުވަސްތަކެއް ވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)