ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ޔޮޓް ޓުއާސް މޯލްޑިވްސް އިން ހިންގާ އދ. ކުޑަރަށް ރިސޯޓާއި ހއ. އަލިދޫ ރިސޯޓުން ދައުލަތަށް ދައްކަން ޖެހޭ ހަތް މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ނުދައްކައިގެން، އެ ދެ ރިސޯޓް ސަރުކާރަށް ނެގުން ހުއްޓުވުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފްކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީން އެދެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް ހަސަން ޒަމީލް މިއަދު ވިދާޅުވީ ޔޮޓް ޓުއާސް އިން ހިންގި ދެ ރިސޯޓް ސަރުކާރަށް ނެގުން ހުއްޓުވުމަށް އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން ނެރުނު ވަގުތީ އަމުރު ހައިކޯޓުގައި އިސްތިއުނާފްކޮށްދިނުމަށް އެދި އެޓާނީ ޖެނެރަލް އޮފީހުގައި އެދިފައިވާނެ ކަމަށެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވީ ޔޮޓް ޓުއާސް އިން ހިންގި ދެ ރިސޯޓް ނެގުން ހުއްޓުވައިދިނުމަށް އެދި އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ނެރުނު ވަގުތީ އަމުރު އިސްތިއުނާފަށް ހުށަހެޅުމުގެ ޖާގައެއް އޮތްތޯ ބެލުމަށް ދިރާސާކުރަމުން އަންނަ ކަމަށެވެ.

"އެ ދިރާސާއަށް ފަހު އެނގޭނީ އިސްތިއުނާފްކުރެވޭނެތޯ. ވަރަށް އަވަހަށް އެކަމާމެދު ގޮތެއް ނިންމާނަން،" އޭނާ ވިދާޅުވި އެވެ.

ޔޮޓް ޓުއާސް އިން ސަރުކާރަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ހަތް މިލިއަން ޑޮލަރު ނުދައްކައިގެން ސަރުކާރުން އަލިދޫ އާއި ކުޑަ ރަށުގެ އެގްރީމަންޓް އުވާލައި ފޮނުވި ލިޔެކިޔުންތައް ބާތިލުކޮށްދިނުމަށް އެދ ިޔޮޓް ޓުއާސް އިން ވަނީ ސިވިލް ކޯޓަށް ދެ ދައުވާއެއް ހުށަހަޅައިފަ އެވެ. އަދި އެ ދައުވާގައި ވެސް އެ ދެ ރަށަށް ނޭރުމުގެ ވަގުތީ އަމުރަކަށް އެދިފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ކުރިން ވިދާޅުވީ، އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ޔޮޓް ޓުއާސް އިން ހިންގާ ދެ ރިސޯޓުގެ އެގްރިމަންޓް އުވާލާފައި ވަނީ ކުއްޔާއި ޖޫރިމަނާ ނުދައްކައިގެން ދެވަނަ ފަހަރަށް ފޮނުވި ނޯޓިސްއާ އެއްގޮތަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ކުލި ދައްކާފައި ނުވާތީ ކަމަށެވެ.

"ފުރަތަމަ ނޯޓިސް ފޮނުވުމުން ކުލި ތިން އަހަރަށް ބަހާލައި އަދި ޖޫރިމަނާ ދިހަ އަހަރަށް ބަހައި ދިނުމަށް ފަހު، އެއްބަސްވީ ކުލި ދައްކަން. ނަމަވެސް ކުލި ނުދެއްކުމުން ދެވަނަ ފަހަރަށް ނޯޓިސް ފޮނުވުމުން ވެސް ފައިސާ ނުދެއްކުމުން އެއްބަސްވުން އުވާލީ. އަދި އެ ދެ ރިސޯޓާ ހަވާލުވާން އަޅުގަނޑުމެން މިހަފުތާގައި ދާނަން،" އޭނާ ވިދާޅުވި އެވެ.