11 Jun 2013, 13:53
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރާއި ވައިގެ ދަތުރުފަތުރުގެ ސަމާލަތާ ބެހޭ ކަންކަން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ދަށަށް ގެނެސް، އެ ތިން އިދާރާ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގުމަށް ނުފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފި އެވެ.
ޑިފެންސް މިނިސްޓްރީގެ މަސައްކަތުގެ ދާއިރާ ބަދަލުކޮށް، އެ ވުޒާރާގެ މަސައްކަތް އެގޮތަށް ފާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހަށް ހުށަހެޅުއްވި ހުށަހެޅުން ފާސް ކުރަން ނުފެންނަ ކަމަށް ވޯޓަށް އެހުމުން އެ ހުށަހެޅުމަށް ތާއިދުކޮށް 27 މެންބަރުން ވޯޓު ދެއްވި އެވެ. އެ ހުށަހެޅުމާ ދެކޮޅަށް 23 މެންބަރުން ވޯޓު ދެއްވި އިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވާ މެންބަރަކު އިންނެވި އެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއަށް ބަދަލު ގެނައުމުން ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ)ގެ ދަށުން މަޖިލީހުން ފާސް ކުރަންޖެހެ އެވެ. ނަމަވެސް ޑިފެންސް މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއަށް ބަދަލު ގެނައުމަށް މަޖިލީހުން ދެކޮޅު ހެދުމުން ޑިފެންސް މިނިސްޓްރީގެ ދަށުން އިމިގްރޭޝަނާއި ޑިޒާސްޓާގެ އިތުރުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މަސައްކަތް ޑިފެންސް މިނިސްޓްރީގެ ދަށުން ނުހިންގޭނެ އެވެ.
މަޖިލީހުން ފާސްވި ހުށަހެޅުމަކީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ކުބޭ) ހުށަހެޅުއްވައި މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ތާއިދު ކުރެއްވި ހުށަހެޅުމެކެވެ.
ނަމަވެސް ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ މައުސޫމް ހުށަހެޅުއްވީ ތިން އިދާރާގެ މަސައްކަތް ޑިފެންސް މިނިސްޓްރީގެ ދަށަށް ގެންނަން މަޖިލީހުން ފާސް ކުރުމަށެވެ. އެ ހުށަހެޅުމަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ތާއިދު ކުރެއްވި ނަމަވެސް އެމްޑީޕީން ހުށަހެޅި ހުށަހެޅުން ފާސްވުމުން ފަހުން ހުށަހެޅި ހުށަހެޅުމަކަށް ވޯޓަކަށް ނާހަ އެވެ.
ކުރީގެ ހައުސިން އެންޑް އެންވަޔަރަމަންޓް މިނިސްޓްރީން ހިންގަމުން ދިޔަ ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރު ޑިފެންސް މިނިސްޓްރީގެ ދަށަށް ބަދަލު ކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު އެވެ. އަދި ހޯމް މިނިސްޓްރީގެ ދަށުން ހިންގި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ގޮތަށް ބަދަލު ކުރީ މިދިޔަ އަހަރުގެ ޑިސެންބަރު 28 ގަ އެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދައި އެ އިދާރާގެ ދަށަށް ވައިގެ ދަތުރުފަތުރުގެ ސަމާލަތާ ބެހޭ ކަންކަން ގެނެސްފައި ވަނީ މިއަދުގެ ޖެނުއަރީ އެކަކުން ފެށިގެންނެވެ.