ރާއްޖޭގައި ޝާއިއު ކުރާ ފޮތްތަކާއި މަޖައްލާތަކާއި ނޫސްތަކުގެ އިތުރަށް ރާއްޖޭގައި ނެރޭ ވީޑިއޯތަކާއި އޯޑިއޯތައް ގައުމީ ކުތުބުހާނާ އަށް ޖަމާކުރަން ޖެހޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ރާއްޖެ އިން ނެރޭ މައިކްރޯ ފިލްމްސް އާއި މިއުޒިކާއި އިލެކްޓްރޯނިކް މީޑިއާ އިން ޝައިއުކުރާ ތަކެއްޗާއި މެޕް ނުވަތަ ޗާޓުތަކާއި ޕްލޭންތަކާއި ޕޯސްޓަރު ފަދަތަކެތި ގައުމީ ކުތުބުހާނާއަށް ޖަމާކުރަންވާނެ ކަމަށެވެ. އަދި ރާއްޖެގައި އެތަކެތި ޝާއިއުކޮށް ނެރޭ ފަރާތްތަކުން އެ ތަކެތީގެ ނަކަލު، ގައުމީ ކުތުބުހާނާ އަށް ފޮނުވަން ވާނެ ކަމަށާއި އެތަކެތި ކުތުބުހާނާ އަށް ފޮނުވަން ވާނީ ފޮނުވާ ފަރާތެއްގެ ހަރަދުގައި ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ދިވެއްސަކު ނުވަތަ ދިވެހީންގެ ބަޔަކު ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން އިންޓަނެޓް މެދުވެރިކޮށް، އިންޓަނެޓްގައި ޝާއިއުކުރާ އެކިއެކި ތަކެތީގެ ނަކަލު ކުތުބުހާނާގެ ބޭނުމަށް ރައްކާކޮށް ޖަމާކުރެވިދާނެ ކަމަށް ވެސް ބިލުގައި ބުނެ އެވެ. ބިލު ތަސްދީގު ކުރުމުގެ ކުރިން ރާއްޖޭގައި ޝައިއުކޮށް ނެރުނު ތަކެތީ ބޭނުންވެގެން ކުތުބުހާނާއިން އެދިއްޖެ ނަމަ، އެތަކެތި ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ގައުމީ ކުތުބުހާނާގެ ބިލު ބުނާ ގޮތުން އެ ގާނޫނުގެ މާއްދާއަކާ ހިލާފުވުމަކީ ކުށެކެވެ. އެގޮތުން ކުތުބުހާނާއަށް ޖަމާކުރަން ޖެހޭ ތަކެތި ވަކި މުއްދަތެއްގައި ޖަމާނުކޮށްފި ނަމަ އެ އެއްޗެއްގެ އަގުގެ ދެ ގުނައަށްވުރެ ބޮޑުނޫން، އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ކުތުބުހާނާއިން ދޫކުރަންޖެހޭ އެއްޗެއް އަނބުރައި ގެނައުމަށް ކަނޑައަޅާ މުއްދަތުގައި ފަހުން ރައްދުނުކޮށްފި ނަމަ ބަދަލު ހޯދަންޖެހޭނެ ކަމަށް ވެސް ބަޔާންކުރެ އެވެ. އެކަންތައްތައް ފިޔަވައި އެ ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާއަކާ ހިލާފުވެއްޖެ ނަމަ މައްސަލައިގެ ކުޑަބޮޑު މިނަލަށް ބަލައި 100ރ. އިން ފެށިގެން 25،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ.

ގައުމީ ކުތުބުހާނާގެ ކަންތައްތައް ހިނގަމުންދާ ގޮތާ މެދު މަސްއޫލިއްޔަތު އުފުލާނެ ބޭފުޅެއްގެ ގޮތުގައި ވާޒިރުންގެ މަޖިލީހުގެ ތެރެއިން ވަޒީރަކު ކަނޑައަޅަންވާނެ ކަމަށް ބިލުގައިބުނެ އެވެ. އަދި ގައުމީ ކުތުބުހާނާގެ އިސްވެރިޔާގެ ލަފާދިނުމަށްޓަކައި އެޑުވައިޒަރީ ބޯޑެއް ވާޒީރު އައްޔަން ކުރައްވާނެ ކަމަށާއި އެ ބޯޑުގެ މެންބަރުންގެ އަދަދަކީ ހަތް މެންބަރުން ކަމަށް ބިލުގައި ބަޔާންކުރެ އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ބިލު، މަޖިލީހުން ބަލައިގަނެ ފާސްކޮށް ތަސްދީގުވުމާއެކު ގާނޫނެއް އުވޭނެ ކަމަށް ބުނެ އެވެ. އެއީ ކުތުބުހާނާއަށް ތަކެތި ޖަމާކުރުމުގެ ގާނޫނެވެ. އެއީ 2006 އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ތަންފީޒު ކުރަމުންދާ ގާނޫނެކެވެ.

މިއަދުގެ ޖަލްސާއަށް ގައުމީ ކުތުބުހާނާގެ ބިލު ހުށަހެޅުމުން މަޖިލީހުގެ ހެނދު ދަންފަޅީގަ އާއި މެންދުރު ފަހު މެންބަރުން ވަނީ އެ ބިލަށް ބަހުސްކޮށް، ނިންމާފަ އެވެ.