ރާއްޖޭގެ ވިޔަފާރިތަކާއި ޓޫރިޒަމް އިޝްތިހާރު ކުރުމަށް ހާއްސަކޮށްގެން "މޯލްޑިވުސް ޓުރޭޑް އެންޑް ޓޫރިޒަމް ޕުރޮމޯޝަން"ގެ ނަމުގައި ޗައިނާގައި އޮފީހެއް ހުޅުވައިފި އެވެ.

ދާދި ފަހުން އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުން ޗައިނާ އަށް ކުރެއްވި ދަތުރުފުޅެއްގައި އެ ގައުމުގެ ކުންމިން ސިޓީގައި އެ އޮފީސް ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު އެވެ.

އެ ދަތުރުފުޅާ ބެހޭ ގޮތުން "ސަން" އާ ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ނައިބު މުހަންމަދު މަލީހު ޖަމާލް ވިދާޅުވީ ސަރުކާރުގެ އެއްވެސް ހަރަދަކާ ނުލައި ހިންގުމަށް ނިންމާފައިވާ އެ އޮފީހުގައި މިވަގުތު ޗައިނާގެ ދެ މުއައްޒިފަކު މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން އެ އޮފީހުން ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

"މިއޮފީސް ހިނގާނީ ރާއްޖެ ޕްރޮމޯޓް ކުރުމާއި ރާއްޖެ އަށް އިންވެސްޓްމަންޓްތައް ގެނައުމާއި އެކިއެކި ޕްރޮމޯޝަންތައް ހިންގުމާއި ޖާނަލިސްޓުން މިކޮޅުން ގެނައުމާއި ވަރަށް ވައިޑް އޮފީހެއްގެ ގޮތުގައި،" މަލީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އޮފީހުގެ ބޭނުންކޮށްގެން ރާއްޖެ އަށް ޗައިނާގެ މަތީ ފަންތީގެ ޓޫރިސްޓުން ގެނައުމަށް މަސައްކަތް ކުރާނެ ކަމަށާއި އެފަދަ އޮފީހެއްގެ ސަބަބުން އެކަމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ. އަދި މުސްތަގުބަލުގައި ޗައިނާގެ ގިނަ ސިޓީތަކެއްގައި އެފަދަ އޮފީސްތައް ހުޅުވުމަށް މަސައްކަތްކުރާނެ ކަމަށް މަލީހު ވިދާޅުވި އެވެ.