11 Jun 2013, 13:19
ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމަށް ފަހު، ކްލަބްފަރު ރިސޯޓް ހެރިޓޭޖް އޭރިއާއެއްގެ ގޮތުގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.
"ސަން"އާ ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އިއްޔެ ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމަށް ފަހު އެ ރަށް ރިސޯޓެއްގެ ގޮތުގައި ނުބޭއްވޭނެ ކަމަށެވެ.
"އަޅުގަނޑުމެން ގަސްދުކޮށްފައި ވަނީ އެތަނުގައި ގަސްތައް ވެސް ހަލާނުކޮށް އެ ރަށް ދެވަނަ ފިޔަވަހި ހިއްކަން. ނަމަވެސް ދެ ވަނަ ފިޔަވައްސަކާ އެއްލެވެލްއަކަށް އެތަން ހިއްކޭކަށް ނެތް. ދެ ވަނަ ފިޔަވަހި ހިއްކާ ނިމުމުން ހެރިޓޭޖް އޭރިއާއެއްގެ ގޮތުގައި ކްލަބްފަރު ސަރަހައްދު ބާއްވާނީ،" ސުހައިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކްލަބްފަރު އެ ކުންފުންޏާ ހަވާލުކުރަން ރައީސް އޮފީހުން ޓޫރިޒަމް މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ. އަދި ދެވަނަ ފިޔަވަހި ހިއްކަން ފެށެންދެން އެތަން ހިންގޭތޯ މަސައްކަތްކުރާނެ ކަމަށް ސުހައިލް ވިދާޅުވި އެވެ.
"މިހާރު އެތަން ރިސޯޓެއްގެ ގޮތުގައި ހިންގާ ނަމަ ކުންފުނީގެ އަސާސީ ގަވައިދަށް އިސްލާހު ގެންނަން ޖެހޭ. އޭގެ ފަހުން ރިސޯޓް ހިންގުމާ މެދު ގޮތެއް ނިންމޭނީ،" އޭނާ ވިދާޅުވި އެވެ.
ކްލަބްފަރުގެ ކުލީގެ އެއްބަސްވުމުގެ މުއްދަތު މިދިޔަ އަހަރުގެ ފަހުކޮޅު ހަމަވުން އެ ރަށް މިދިޔަ މަހުގެ 15ވަނަ ދުވަހާ ހަމަޔަށް ހިންގާފައި ވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ންނެވެ.