އެކިއެކި ފަރާތްތަކަށް އިލްކެޝަންސް ކޮމިޝަނުން ދައްކަން ޖެހި ނުދެއްކި ހުރި ބިލްތަކަށް ދެ މިލިއަން ރުފިޔާ ައަށް އަރާ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނަށް ދިމާވެފައިވާ ބަޖެޓުގެ ދަތިކަމާ ގުޅިގެން މިއަދު މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ އެ ކޮމިޝަނަށް ފައިސާ ލިބުމުގައި ޑިލޭ ވުންތަކެއް އުޅޭ ކަމަށެވެ. އަދި މިހާތަނަށް ވެސް އެކޮމިޝަނުން ދައްކަން ޖެހޭ 231 މިލިއަން ރުފިޔާ ނުދެއްކި ހުރި ކަމަށް ވެސް ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ މި އަހަރަކީ ރިޔާސީ އިންތިހާބު އޮތް އަހަރު ކަމަށްވާތީ މި އަހަރުގެ ފަހު ކޮޅު ލޯކަލް ކައުސިލް އިންތިހާބަށް ތައްޔާރުވާން ޖެހޭތީ މި އަހަރު އެކޮމިޝަނަށް ބޮޑު ބަޖެޓެއް ބޭނުންވާ ކަމަށެވެ. އަދި މި އަހަރު އެ ކޮމިޝަނަށް 159 މިލިއަން ރުފިޔާގެ ބަޖެޓަކަށް އެދުނު ނަމަވެސް އެކޮމިޝަނަށް ލިބިފައި ވަނީ 59 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި އަދި މި އަހަރުގެ ރިޔާސީ އިންތިހާބަށް އަދި ނުވަ މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަ ބޭނުންވޭ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް 37 މިލިއަން ރުފިޔާ. އަދި ދެވަނަ ބުރަށް 17 މިލިއަން ރުފިޔާ ބޭނުންވޭ، އެގޮތުން އަދި އެބަބޭނުންވޭ ނުވަ މިލިއަން ރުފިޔާ،" ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރު އެކޮމިޝަނަށް ދީފައިވާ 59 މިލިއަން ރުފިޔާގެ ބަޖެޓްގެ ތެރެއިން މިހާތަނަށް 13.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު ބާކީ 45.7 މިލިއަން ރުފިޔާ އެބަ ހުރި ކަމަށެވެ. އަދި ހަރަދު ކުޑަކުރުމުގެ ގޮތުން އެކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން މުއައްޒިފުންގެ ކެއުން ފަދަ ހަރަދުތައް ކުޑަކޮށްފައިވާ ކަމަށެވެ. އަދި ބައެއް ހަރަދުތައް ހީކުރި ވަރަށް ވުރެ ކުޑަވެސް ވެފައިވާ ކަމަށާއި އެގޮތުން މީގެ ކުރިން 11ރ. އަށް ޕްރިންޓް ކުރި ވޯޓް ކަރުދާސް ހަމަ އެފެންވަރުގައި 2ރ. އަށް މި އަހަރު ޕްރިންޓް ކުރެވޭ ކަމަށެވެ.

ބަޖެޓު ހޯދުމަށް ކުރެވޭ މަސައްކަތްތަކާ ގުޅިގެން ފުއާދު ވިދާޅުވީ އެކަމާ ގުޅިގެން ފިނޭންސް މިނިސްޓަރާއި ރައީސުލްޖުމްހޫރިއްޔާ އާ ވެސް ބައްދަލުކޮށްފައިވާނެ ކަމަށާއި އެ ދެ ބޭފުޅުން ވެސް ބަޖެޓުގެ ތާށިކަމެއް ދިމާނުވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ. އެގޮތުން މިހާރު އިލެކްޝަނަށް ދީފަިއވާ ބަޖެޓު ހުސްވުމުގެ ކުރިން އިތުރު ބަޖެޓެއް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.