އިސްލާމިކް ފައުންޑޭޝަނުގެ ދީނީ ޗެނަލް، އެވްވީޓީވީ ހިންގަމުން އަންނަ އިމާރާތަށް ކުލި ނުދައްކައިގެން ތިން ފަަހަރެއްގެ މަތިން ނޯޓިސް ދިނުމަށް ފަހު އިމާރާތް ހުސްކުރުމަށް އިމާރާތުގެ ވެރިފަރާތުން އަންގައިފި އެވެ.

އެވްވީޓީވީ ސްޓޭޝަން ހިންގަމުން އަންނަ އިމާރާތަކީ ކުރިން އެމްވީޓީވީ ހިނގުމުގެ ހުއްދަ ބްރޯޑްކާސްޓިން ކޮމިޝަނުން ދީފައިވާ "މީޤާތު ލިލް ހައްޖި ވަލް އުމްރާ ޕްރައިވެޓް ލިމިޓަޑް" ކުރީގެ އެމްޑީ އަދި އިސްލާމިކް ފައުންޑޭޝަންގެ ކުރީ ނައިބް ރައީސް މުހައްމަދު ފައުޒީ 30 އަހަރަށް ކުއްޔަށް ހިފާފައިވާ އިމާރާތެއްގައި ހިނގަމުން އަންނަ ޓީވީޗެނަލެކެވެ. މިހާރު އެ ކުންފުނީގެ އެމްޑީއަކީ އެމްވީޓީވީގެ އެމްޑީ އަދި އެ ކުންފުނީގެ ވެސް އެމްޑީ އެވެ.

އިމާރާތުގެ ވެރިފަރާތް، ފައުޒީ ސޮއިކުރައްވައި ފުލުހުންގެ އިދާރާއަށާއި އިސްލާމިކް ފައުންޑޭޝަނަށް މި މަހު 5 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށް ބުނެފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އިސްލާމިކް ފައުންޑޭޝަނާ އެކު ހަދާފައިވާ ވަގުތީ އެއްބަސްވުން ބަދަލު ކުރުމަށް ޖަމިއްޔާގެ ސެކެރެޓަރީ އިބްރާހިމް ނާޒިމަށް 2013 މާޗްގެ ތެރޭގައި އަންގާފައިވާނެ ކަމަށާއި އަލުން އެ އިމާރާތް ކުއްޔަށް ދެވޭނީ ޗެނަލް ހިންގުމަށް ކުއްޔަށް ދޭ ގޮތަށް ކަން ވެސް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެ ކަމަށް އެ ޖަމިއްޔާ އިން އިޖާބަދީފައިނުވާކަން ވެސް އެސިޓީގައި ފާހަގަކޮށްފައިވެ އެވެ. ކުރިން އެއްބަސްވެފައި ވަނީ ޖަމިއްޔާއާ އެކުގަ އެވެ.

އެ ޖަމިއްޔާ އިން ހިންގާ އެމްވީޓީވީ ހުސްކުރުމަށް ނޯޓިސް ފޮނުވާފައިވާ އިރު އެ ޓީވީ ޗެނަލް ހިންގުމުގެ ލައިސަންސް އިއްޔެ ވަނީ އެ ޖަމިއްޔާގެ ދަށުން އުފެއްދި އެހެން ކުންފުންޏެއްގެ ދަށަށް ބަދަލުކޮށްފަ އެވެ.

ޓީވީޗެނަލް ހިންގަމުން އަންނަ އިމާރާތުގެ ކުލި ދެއްކުމަށް ހަތް މަސް ދުވަސް ދީފައިވާއިރު ކުލީގެ ގޮތުގައި މި ޖޫން މަހާއި ހަމައަށްވާ 84،000 ރުފިޔާ އާއި ފައުޒީގެ އަތުން އަނބުރޭ ދޭ ގޮތަށް ޖަމިއްޔާގެ ރައީސް އިބްރާހިމް ފައުޒީ ނަގާފައިވާ 12000 ރުފިޔާ އާ އެކު ޖުމްލަ 96000 ރުފިޔާ މިއަދުގެ ނިޔަލަށް ދެއްކުމަށް ވެސް އިސްލާމިކް ފައުންޑޭޝަނަށް ފޮނުވާފައިވާ އެ ސިޓީގައިވެ އެވެ.

މީގެ އިތުރުން އެ ޖަމިއްޔާ އާ އެކު ވެފައިވާ އެއްބަސްވުމުގައި ވިދި ވިދިގެން ދެ މަސް ދުވަހު ކުލި ނުދެއްކިއްޖެ ނަމަ އެއްބަސްވުން ބާތިލު ކުރެވޭނެ ވާހަކަ ވެސް ވަގުތީ އެއްބަސްވުމުގައި ލިޔެފައިވާނެ ކަމަށް އެސިޓީގައި ބުނެފައިވެ އެވެ. އެގޮތުން ބަލާއިރު ވެސް އެ އެއްބަސްވުން ބާތިލުވެފައިވާ ކަމަށާއި އިމާރާތުގެ ހަތް މަސް ދުވަހުގެ ކުލި ނުލިބިގެންު އެހެން ހިއްސާދާރުން އަޅާނެ ފިޔަވަލާކާ ދޭތެރޭ އޭނާ ޒިންމާނުވާނެ ކަމަށް ވެސް އިމާރާތުގެ ވެރިފަރާތުން ބުނެފައިވެ އެވެ.

އިސްލާމިކް ފައުންޑޭޝަންގެ ރައީސް ފައުޒީ ވިދާޅުވީ ކުލި ނުދައްކައިގެން އެފަދަ ނޯޓިސްއެއް އެޖަމިއްޔާއަށް ލިބިފައިނުވާ ކަމަށެވެ. އަދި އެ އިމާރާތުގެ މަރާމާތަށާއި ތަނުގެ ކުލީގެ އެޑްވާންސާ އެކު މުޅި ޖުމްލަ ގާތްގަނޑަކަށް ފަސް ލައްކަައެއްހާ ރުފިޔާ އެ އިމާރާތަށް ހަރަދުވެފައިވާ ކަމަށެވެ. ނަމަވެސް ކުލީގެ މައްސަލަ ކުއްލިއަކަށް ނުކުތީ އެޖަމިއްޔާގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބް ރައީސް ޝައެހް އިބްރާހިމް ފަރީދުގެ ޖަމިއްޔާގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމުގެ ވާހަކަތައް ފެންމަތިވެގެން އެވާހަކަތައް ދައްކަން ފެށުމުން ކަމަށެވެ.

"މިކަންތައްތަކުގެ އަސްލަކީ އަޅުގަނޑުމެންނަށް ފަރީދުގެ ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެގެން އެވާހަކަތައް ދެއްކުން. ދެން އެކަމުގެ ހައްލެއްގެ ގޮތުގައި އެދިވަޑައިގަތީ އެއް ލައްކަ ރުފިޔާ އަށް މުޅި ޗެނަލް ބަދަލުކޮށްދިނުމަށް. އެހެން ނަމަވެސް އެކަންތައްތައް ނުވުމުން އެކި ގޮތް ގޮތުން އުނދަގޫކޮށް ތަނުން ފެން ކަނޑާލީ، އެއަށް ފަހު ތަނުގެ ތެރެއަށް ވަދެ މާރާމަރީއެއް ހިންގި މައްސަލައެއް ފުލުހުންނަށް ވާނީ ހުށަހަޅައިފައި. އަޅުގަނޑުމެންނަށް ބަދަލު ނުދެނީސް އެތަނުން ނުނިކުންނާނަން،" ފައުޒީ ވިދާޅުވި އެވެ.

އިމާރާތުގެ ވެރިފަރާތް ކަމުގައިވާ މުހައްމަދު ފައުޒީ ވިދާޅުވީ އެ ޖަމިއްޔާއާ އެކު ވެފައިވާ ވަގުތީ އެއްބަސްވުން ބަދަލު ނުކޮށްގެން މިދިޔަ އެފްރީލް މަހު އެއް ފަހަރު އަނގަބަހުން އެންގުމަށް ފަހު، ލިޔެ ކިޔުމުން ފުރަތަމަ ނޯޓިސް މިދިޔަ މަހުގެ 25ގައި ވެސް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް އިމާރާތުގެ ތެރެއަށް ވަދެ މާރާމާރީ ހިންގި ކަމުގެ ވާހަަކަތައް އޭނާ ވަނީ ދޮގުކުރައްވާފައިފަ އެވެ.

"މީގާތިލް ހައްޖުގެ ދަށުން އެތަން ހިންގަމުން މިގެންދިޔައީ. އަޅުގަނޑުގެ އެތަނުގައި އޮންނަ ހިއްސާ ބަހާލައި ބޯޑު ފުޅާކޮށް ކަންތައްތައް ކޮށްފައި އޮއްވާ، އަޅުގަނޑު ހަދާފައި ހުރި ތަނެއްގެ ތަޅުބަލުކޮށް ކަންތައްތަކެއް ކޮށްފައި ވަނީ. އޭރު އަޅުގަނޑު އެތަނުގެ އެމްޑީއަކީ، އެހެންވެ އަޅުގަނޑު އެތަނުގެ ދޮރުގައި ޖަހާލައިފައި ތަޅުދަނޑި ދޭށޭ ބުނާ ވަގުތު ފުލުހުން މިގެންނަނީ. ދެން ފުލުހުން އަޅުގަނޑު ގެންގޮސް ބަލާ އިރު އެތަނުގެ އެމްޑީގެ މަގާމުގައި މިހުރީ އަޅުގަނޑު ދެން އެމީހުން އަޅުގަނޑު ދޫކޮށްލީ،" ނޫރުލް ގުރުއާން ވެސް ހިންގަވަމުން އަންނަ ފައުޒީ ވިދާޅުވި އެވެ.

އެމްވީޓީވީ ހިންގާ އިމާރަތް ހެދުމަށް 500،000 ވަރަކަށް ރުފިޔާ ހަރަދުވެފައިވާ ކަމަށް އިސްލާމިކް ފައުންޑޭޝަނުން ބުނި ނަމަވެސް އެތަން ހެދުމަށް 706،635 ރުފިޔާ ހަރަދުކޮށްގެން ވެރިފަރާތުން ހަދާފައިވާ ތަނެއް ކަމުގައި އޭނާ ވިދާޅުވި އެވެ.