ކުށްކުރާ ކުޑަކުދީން އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ގެނައުމަށްޓަކައި ޖުވެނައިލް ކޯޓުން ކުރިއަށް ގެންދާ އިސްލާހީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު 2010 ވަނަ އަހަރުން ފެށިގެން ދީފައިވާ ކުދީންގެ ތެރެއިން މިހާތަނަށް 48 ކުއްޖަކު އެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާކަމަށް ޖުވެނައިލް ކޯޓުން ބުނެފި އެވެ.

ޖުވެނައިލް ކޯޓުން މިއަދު ބުނީ 2010 ވަނަ އަހަރުން ފެށިގެން މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ޖުމްލަ 73 ކުދިންނަށް ދީފައިވާއިރު އޭގެތެރެއިން 48 ކުއްޖަކު އެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވާ ކުދިންގެ ތެރޭގައި ހިމެނެނީ 2010 ވަނަ އަހަރު ފުރުސަތު ދެވުނު 29 ކުދިންނާއި 2011 ވަނަ އަހަރު ފުރުސަތު ދެވިފައިވާ 30 ކުދީންނާއި މިދިޔަ އަހަރު ފުރުސަތު ދެވިފައިވާ ހަތް ކުދީންގެ އިތުރުން މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ފުރުސަތު ދެވިފައިވާ ނުވަ ކުދީން ކަމަށް ވެސް ޖުވެނައިލް ކޯޓުން ބުންޏެވެ.

އެ ޕްރޮގްރާމް ނިންމާފައިވާ 48 ކުދީންގެ ތެރޭގައި ހިމެނެނީ 2010 ވަނަ އަހަރު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ 24 ކުދީންނާއި 2011 ވަނަ އަހަރު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ 19 ކުދީންނާއި މިދިޔަ އަހަރު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަސް ކުދީން ކަމަށް ވެސް ޖުވެނައިލް ކޯޓުން ބުންޏެވެ.

ޖުވެނައިލް ކޯޓުން ބުނީ އެ ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި ކުށްކުރާ ކުޑަކުދީން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނެސް އެކުދިންނަކީ މުޖުތަމައުއަށް ފައިދާހުރި ބޭނުންތެރި ކުދިންތަކަކަށް ހެދުން ހިމެނޭ ކަމަށެވެ.

ޖަލަށް ހުކުމް ކުރެވޭ ކުދީންގެ ތެރެއިން ކިޔަވާކުދީންނާއި ވަޒީފާތަކުގައި އުޅޭ ކުދީންނަށް އެކުދީންގެ ކިޔެވުމުގެ ފުރުސަތާއި ވަޒީފާއަށް ދިޔުމުގެ ފުރުސަތު ގެއްލިގެން ނުދާނެ ގޮތުގެ މަތިން ހުކުމް ތަންފީޒުކުރެވެމުންދާއިރު ކިޔެވުމާއި ވަޒީފާއަށް ދިޔުމުގެ ފުރުސަތު ދިނުމާއި އަދި މަސައްކަތާއި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތަކުގައި އެކުދީން ބައިވެރިކޮށްދިނުމަށް ފުރުސަތު ތަވަސް ކޮށްދިނުމަކީ ވެސް އެ ޕްރޮގްރާމްގެ މަގުސަދެއް ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ.

ދެހާސް ދިހަވަނަ އަހަރުން ފެށިގެން އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ދެވިފައިވާ 73 ކުދީންގެ ތެރެއިން ކާމިޔާބުކަމާ އެކު އެ ޕްރޮގްރާމްތައް ފުރިހަމަކޮށް އިސްލާހުވެ އަނބުރާ މުޖުތަމައުއަށް ގެނެވި އާއިލާތަކާއި ހަވާލުކުރެވިފައި ވަނީ 17 ކުދިންކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ. އަދި ތަފާތު އެކި ސަބަބުތަކާއި ހުރެ ޕްރޮގްރާމް ފުރިހަމަނުކޮށް ތިބި ކުދީންނާއި ފަރުވާ ފުރިހަމަ ކުރިނަމަވެސް ކުށްތަކުރާރުކޮށްފައިވާ ކުދީންތިބިކަން ފާހަގަ ކުރެވޭ ކަމަށް ވެސް ޖުވެނައިލް ކޯޓުން ބުންޏެވެ.