11 Jun 2013, 11:50
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އައްޑޫ ސިޓީގެ ހަތަރު ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ބީލަމަށް ހުޅުވާލުމަށް ހުއްދަ ނުދޭކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
މިއަހަރުގެ ބަޖެޓުގައި ބިން ހިއްކުމުގެ ރަށްތަކުގެ ތެރޭގައި ނުހިމެނޭ އައްޑޫ ސިޓީގެ ސ. ހިތަދޫ އާއި ސ. މަރަދޫ އާއި ސ.މަރަދޫ ފޭދޫ އާއި ސ. ފޭދޫ ބިން ހިއްކުމުގެ މަސައްކަތް ބީލަމަށް ހުޅުވުމުން އެއީ ބަޖެޓުގައި ހިމަނާފައި ނެތް މަޝްރޫއަކަށްވާތީ އެޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ ހުއްދަ ދިން ގާނޫނީ އަސާސްތައް ސާފުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއިން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގެ ޖަވާބުގައި އެ މިނިސްޓްރީން ބުނެފައި ވަނީ އެ ހަތަރު ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ބީލަމަށް ހުޅުވާލުމުގެ ހުއްދަ އެ މިނިސްޓްރީން ދިފައި ނުވާ ކަމަށެވެ.
"2013 ވަނަ އަހަރުގެ ބަޖެޓުގެ ޕީއެސްއައިޕީގެ ބިންހިއްކުމުގައި ކަނޑައެޅިފައި ނުވާ ހަތަރު ރަށެއްގެ ބިން ހިއްކުމަށް ބީލަމަށް ހުޅުވާލައިފައިވާ ކަންތަކާއި ގުޅޭގޮތުން ދަންނަވަމެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މި ހަތަރު ރަށް ކުރިއަށްގެންދިއުމަށް ބީލަމަށް ހުޅުވާލުމަށް މި މިނިސްޓްރީން ހުއްދަދީފައި ނުވާނެ ވާހަކަ ދެންނެވީމެވެ." ފިނޭންސް މިނިސްޓްރީން މާލިއްޔަތު ކޮމެޓީއަށް ފޮނުވި ސިޓީ ގައި ބުނެފައިވެ އެވެ.
އެސިޓީ އާ ގުޅިގެން މިއަދުގެ ކޮމެޓީގައި ހުރިހާ މެމްބަރުން ވެސް ވިދާޅުވެފައި ވަނީ އައްޑޫގައި ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ މެމްބަރުން ވެސް އެދޭ ކަމަށާއި ނަމަވެސް އެކަން ކުރަން ޖެހޭނީ ގާނޫނާއި ގަވައިދުގެ ތެރެއިން ބަޖެޓުގައި ހިމަނައިގެން ކަމަށެވެ.
ފިނޭންސް މިނިސްޓްރީން މާލިއްޔަތު ކޮމެޓީއަށް ފޮނުވި ސިޓީއާއި ގުޅިގެން މިއަދު ހައިސިން މިނިސްޓްރީގެ ބަހެއް ލިބިފައިނުވާއިރު މީގެ ކުރިން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އައްޑޫގެ އެ ހަތަރު ރަށް ބިންހިއްކުމަށް ނިންމީ ގާނޫނާއި އެއްގޮތަށް ކަމަށާއި އެ މަސައްކަތް ރާވާފައިއޮތް ގޮތަށް ކުރިއަށްގެންދާނެ ކަމަށެވެ.