11 Jun 2013, 11:43
ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ޔޫސުފް ނައީމް އެ ޕާޓީން މިއަދު ވަކިވެވަޑައިގެންފި އެވެ.
ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް "ސަން"އަށް މިއަދު ވިދާޅުވީ އޭނާ ޑީއާރްޕީ ވަކިވެވަޑައިގެންނެވިޔަސް ގުޅޭނެ ޕާޓީއެއް އަދި ނުނިންމަވާ ކަމަށާއި ނަމަވެސް އަވަސް މުސްތަގުބަލެއްގައި ޕާޓީއަކަށް ސޮއި ކުރައްވާނެ ކަމަށެވެ.
ޑީއާރްޕީން ވަކިވެވަޑައިގެންނެވީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ "ޕާޓީން ވަކިވީ މާބޮޑު ކަމެއް ވެގެނެއް ނޫން" ކަމަށާއި އެ ޕާޓީ ދޫކޮށްލަން ޖެހުނު ސަބަބު މީޑިޔާއަށް ފަހުން ހިއްސާ ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު އެ ޕާޓީން ވަކިވީ މާބޮޑު ކަމެއް ވެގެނެއް ނޫން. އަޅުގަނޑު އެ ޕާޓީ ދޫކޮށް، ގުޅޭނެ ފިކުރެއް އަދި ނުނިންމަން. އެކަން މީޑީޔާއަށް ފަހުން އަންގާނަން،" ޔޫސުފް ނައީމް ވިދާޅުވި އެވެ.
ޔޫސުފް ނައީމް ޑިއާރްޕީން ވަކިވެވަޑައިގެންފައި ވަނީ އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ރަނިންމޭޓަކަށް ވެވަޑައިގެންފައިވާ ކަން އިއްޔެ އިއުލާންކޮށްފައިވަނިކޮށެވެ.
ރައީސްގެ ރަނިންމޭޓަކަށް ތަސްމީން ވެވަޑައިގެންނެވި ކަން އިއްޔެ އިއުލާން ކުރުމާއެކު ޑީއާރްޕީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ވަނީ އެ ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއަށް ސޮއި ކުރައްވާފަ އެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޗުއްޓީގައި ޑީއާރްޕީގެ މަޖިލިސް މެންބަރު އަދި މަޖިލީހުގެ ރައީސް ކެޔޮދޫ ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ވެސް ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އަދި އިއްޔާއި މިއަދު ޑިއާރްޕީން ވަކިވެވަޑައިގެންނެވި މަޖިލިސް ދެ މެންބަރުންނާއެކު ޑީއާރްޕީގެ މަޖިލިސް މެންބަރުންގެ ގޮތުގައި ތިއްބަވާނީ ނުވަ މެންބަރުންނެވެ.