ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރާއި ވައިގެ ދަތުރުފަތުރުގެ ސަމާލަތާ ބެހޭ ކަންކަން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ދަށަށް ގެނެސް، އެ އިދާރާތައް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ ކަމަށް މަޖިލީހަށް އަންގައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވެވި ސިޓީގައި ބުނެފައި ވަނީ ޑިފެންސް މިނިސްޓްރީގެ ހިންގުމުގެ ދާއިރާ އަށް ބަދަލު ގެނެސްފައިވުމުން މަޖިލީހުން އެކަން ފާސްކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާއަށް ބަދަލު ގެނައުމުން ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ)ގެ ދަށުން މަޖިލީހުގެ ރުހުން އެކަމަށް ހޯދަން ޖެހެ އެވެ.

ކުރީގެ ހައުސިން އެންޑް އެންވަޔަރަމަންޓް މިނިސްޓްރީން ހިންގަމުން ދިޔަ ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރު ޑިފެންސް މިނިސްޓްރީގެ ދަށަށް ބަދަލު ކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު އެވެ. އަދި ހޯމް މިނިސްޓްރީގެ ދަށުން ހިންގި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ގޮތަށް ބަދަލު ކުރީ މިދިޔަ އަހަރުގެ ޑިސެންބަރު 28 ގަ އެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދައި އެ އިދާރާގެ ދަށަށް ވައިގެ ދަތުރުފަތުރުގެ ސަމާލަތާ ބެހޭ ކަންކަން ގެނެސްފައި ވަނީ މިއަދުގެ ޖެނުއަރީ އެކަކުން ފެށިގެންނެވެ.

ރައީސް ވަހީދު މަޖިލީހަށް ފޮނުއްވެވި ސިޓީގައި ބުނެފައި ވަނީ ޑިޒާސްޓާގެ މަސައްކަތާއި އިމިގްރޭޝަންގެ މަސައްކަތް ޑިފެންސަށް ބަދަލު ކުރީ މަސައްކަތުގެ ބާވަތުން އެ މަސަައްކަތް ހިންގާ ވިލަރެސް ކުރުމުގެ ކަންކަން ހަރުދަނާކޮށް އެ މަސައްކަތްތައް ލުއި ފަސޭހަގޮތެއްގައި ހިންގޭނީ ޑިފެންސްގެ ދަށުން ކަމަށެވެ.

"ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރު ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖެއްސީ އެ އިދާރާތަކާ ހަވާލުކޮށްފައިިވާ މަސައްކަތުގެ ބާވަތުން އެ މަސަައްކަތް ހިންގާ ވިލަރެސް ކުރުމުގެ ކަންކަން ހަރުދަނާކޮށް އެ މަސައްކަތްތައް ލުއި ފަސޭހަގޮތެއްގައި ހިންގޭނީ އެ އިދާރާތައް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާގޮތަށް ހަމަޖައްސައިގެން ކަމަށް ފެންނާތީ އެވެ."

ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ކަންކަން އޭވިއޭޝަން ސެކިއުރިޓީގެ ކޮމާންޑް ދަށް ގެނައި ސަބަބެއް ރައީސްގެ ސިޓީގައި ފާހަގަކޮށްފައިނުވެ އެވެ. ރައީސް ވަހީދު ވިދާޅުވެފައި ގާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ވައިގެ ދަތުރުފަތުރުގެ ސަމާލަތާއި ރައްކާތެރިކަން ބެލެހެއްޓުމާއި ވައިގެ ދަތުރު ފަތުރުގެ މިންގަނޑުތަކާއި ފެންވަރުތައް ހިފަހައްޓަމުންދޭތޯ ބެލުމުގެ އިމްތިޒާމް، ހަމަޖެއްސުމަށް އެ އިދާރާގެ ދަށަށް މަސައްކަތް ބަދަލުކޮށްފައިވާ ކަމަށެވެ.

"އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެއްދީ ދިވެހި ރާއްޖޭގައި މަދަނީ ވައިގެ ބަނދަލުތައް އިތުރުވަމުން ދިއުމާއި، އިތުރު ވައިގެ ބަނދަރުތައް ބައިނަލް އަގުވާމީ ފެންވަރަށް ތައްޔާރީ ކުރުމުގެ މަސައްކަތް ކުރަމުންދާތީ ދިވެހިރާއްޖޭގައި އަމަލު ކުރަމުންދާ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގާނޫނުތަކާއި ހިންގަމުން ގެންދާ ގަވާއިދުތަކާއި ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ވައިގެ ދަތުރުފަތުރުގެ ސަމާލަތާއި ރައްކާތެރިކަން ބެލެހެއްޓުމާ ބެހޭ އެންމެހައި ހިދުމަތްތައް ފޯރުކޮށްދޭނެ މިންގަނޑުތަކާއި ފެންވަރުތައް ކަނޑައެޅުމާއި އެ މިންގަނޑުތަކާއި ފެންވަރުތައް ހިފަހައްޓަމުންދޭތޯ ބެލުމުގެ އިމްތިޒާމް، ހަމަޖެއްސުމަށްޓަކަ އެވެ،"

ޑިފެންސް މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއަށް ބަދަލު އައިސްފައިވާ ކަން މިއަދުގެ ޖަލްސާ އަށް ހުށަހެޅުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ކުބޭ) ހުށަހެޅުއްވީ އެ ތިން އިދާރާގެ މަސައްކަތް ޑިފެންސަށް ބަދަލު ކުރަން ނުފެންނަ ކަމަށެވެ. އޭނާ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ މަޑެވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.

ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ މައުސޫމް ހުށަހެޅުއްވީ އެ ތިން އިދާރާގެ މަސައްކަތް ޑިފެންސް މިނިސްޓްރީގެ ދަށަށް ގެންނަން ފެންނަ ކަމަށެވެ. އެ ހުށަހެޅުމަށް ތާއިދު ކުރެއްވި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ.

އެ ދެ ހުށަހެޅުމަށް ވެސް މިއަދު މެންދުރުފަހު 1:30ގައި ވޯޓަށް އަހާނެ އެވެ.