ރިޔާޟް (ޖޫން 11): ސޫރިޔާގެ ރައްޔިތުންގެ މިއަހަރުގެ ޙައްޖުގެ ކަންތައްތަކާބެހޭ ގޮތުން މުޢާމަލާތްކުރާނެ ރަސްމީފަރާތަކީ ސޫރިޔާ އިދިކޮޅު އިއްތިޙާދު ކަމަށް ސައޫދީ ސަރުކާރުން ބުނެފި އެވެ.

މިކަން ހާމަކުރައްވަމުން ޙައްޖުގެ ކަންތައްތަކާ ބެހޭ ސައޫދީ ވުޒާރާގެ ތަރްޖަމާން ޙާތިމް ޤާޟީ ވިދާޅުވީ ސޫރިޔާގެ ރައްޔިތުންގެ މިއަހަރުގެ ޙައްޖުގެ ކަންތައްތަކާ ބެހޭ ހުރިހާ މުޢާމަލާތެއް ސަޢޫދީ ސަރުކާރުން ހިންގާނީ ސޫރިޔާގެ އިދިކޮޅު އިއްތިޙާދާ ކަމުގަ އެވެ. މިކަމާބެހޭ ގޮތުން ސޫރިޔާގެ އދިކޮޅު އިއްތިޙާދާ މަޝްވަރާކުރުމަށް އެ އިއްތިޙާދުގެ ވަފްދެއް ސައޫދީ އަރަބިޔާ އަށް ވަޑައިގެން މިހާރު އުޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޫރިޔާގެ އިދިކޮޅު އިއްތިޙާދުން ވަނީ ޙައްޖުގެ ކަންތައްތަކާ ބެހޭ ކޮމިޓީއެއް ދާދިފަހުން އެކުލަވާލައި އެކަން އިޢްލާން ކޮށްފައެވެ. އަދި މިއަހަރު ހައްޖަށް ދިޔުމަށް ބޭނުންވާ ސޫރިޔާގެ ރައްޔިތުން، އެއިއްތިޙާދުގެ ޙައްޖުގެ ކަންތައްތަކާ ބެހޭ ކޮމިޓީގައި ނަންނޯޓްކޮށް ރަޖިސްޓްރީ ކުރުމުގެ ކަންތައް ކުރިޔަށް ގެންދިޔުމަށް ވެސް ސޫރިޔާގެ އިދިކޮޅު އިއްތިޙާދުން ވަނީ އިޢްލާންކޮށްފަ އެވެ.

މިއަހަރު ހައްޖަށް ދިޔުމަށް ބޭނުންވާ ސޫރިޔާގެ ރައްޔިތުން، ރަޖިސްޓްރީކުރުމަށް ޓަކައި އިދިކޮޅު އިއްތިޙާދުގެ ހައްޖުގެ ކަންތައްތަކާ ބެހޭ ކޮމިޓީން ވަނީ އެއިއްތިޙާދުގެ ކޮންޓްރޯލްގެ ދަށުގައިވާ ސޫރިޔާގެ ތިން ސަރަޙައްދެއްގައި ޙައްޖުގެ ކަންތައްތަކާ ބެހޭ އޮފީސްތަކެއް ހުޅުވާފަ އެވެ. އަދި ރެފިއުޖީންގެ ގޮތުގައި ބޭރު ގައުމުތަކުގައި ދިރިއުޅޭ ސޫރިޔާގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ތުރުކީގެ އިސްތަންބޫލްގަ އާއި މިސްރުގެ ޤަހިރާގައި ވެސް ވަނީ ޙައްޖާބެހޭ އޮފީސްތަކެއް ހުޅުވާފަ އެވެ.

ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ގިނަ ރަށްތަކާއި ވިލެޖްތައް ވަނީ މުޅިން ކަހަލަ ގޮތަކަށް ފަނާވެ ވީރާނާވެ އެތަންތަން ދޫކޮށް މީހުން ގޮސްފަ އެވެ. އަދި ރައްޔިތުންގެ ތެރެއިން ލައްކައެއްހާ މީހުން މަރުވެ މިލިޔަނެއްހާ މީހުން ޒަޚަމްވެފައިވާ އިރު ފަސް މިލިޔަނެއްހާ މީހުން ދިރިއުޅެމުންދަނީ ވަރަށް ނިކަމެތި ޙާލުގައި ރެފިއުޖީންގެ ގޮތުގަ އެވެ. އަދި އެތައް ލައްކަ ކުޑަކުދިން ޔަތީމްވެ އެތައްލައްކަ އަންހެނުން ވެސް ވަނީ ހުވަފަތްވެ ޙާލުގައި ޖެހިފައެވެ.
ސޫރިޔާގެ އަހްލީ ހަނގުރާމައިގާ އެގައުމުގެ ސަރުކާރަށް އެހީތެރިވަނީ އީރާނާއި ރަޝިޔާއާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުންނެވެ. އިދިކޮޅު ހަނގުރާމަވެރިންނަށް އެހީތެރިވަނީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކާއި އަދި ޢަރަބި ބައެއް ގައުމުތަކުންނެވެ. (އަލްޖަޒީރާ)