31 Oct 2010, 16:17
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަން ހަމަޖައްސައިފި އެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވާގޮތުން، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ފުރަތަމަ ކަމެއްގެ ގޮތުގައި މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފައި ވަނީ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރައްވާފައިވާ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯއްދެވުމަށް ޓަކައި ރައީސުލްޖުމްހުރިއްޔާ ފޮނުއްވާފައިވާ މައްސަލަ ހުށަހެޅުމެވެ.
މި މަހު 25 ން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑައިލީ، މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ (ވ) އަކީ، ވަޒީރުންނަށް ރުހުން ދިނުމުގައި، ގާނޫނު އަސާސީ އާ ހިލާފު މާޢްދާއެއް ކަމަށް ވިދާޅުވެ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މަޖިލީހުގައި ކޯޅުން ގަދަވެ ޖަލްސާ ކުރިއަށް ނުގެންދެވިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ އަލުން މި ފަށަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 171 (ވ) ގައި ބުނާ އިޖުރާއަތްތަކަކީ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ނ)ގެ ދަށުން ވަޒީރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރުތައް ފަހަނައަޅައިދާ އިޖުރާއަތްތަކެއް ކަމަށް ވާތީ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ނ)ގެ ދަށުން ގަވައިދުގެ 171ގެ (ވ) އަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމުން ހަމައެކަނި މަނާވީ ވަޒީރުން ކޮމެޓީއަށް ހާޒިރުކޮށް އިންޓަވިއު ކުރުން އެކަނި ކަމަށެވެ.
ގާނޫނު އަސާސީގެ 129 ވަނަ މާއްދާގައި ބުނަނީ، ކެބިނެޓަށް ރައީސް އައްޔަން ކުރައްވާ ބޭފުޅުންނަށް ރުހުން ހޯދުމަށް، އެ ބޭފުޅުން ރައީސް އައްޔަން ކުރައްވާ ދުވަހުން ފެށިގެން، ހަތް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އިބުތިދާއީ ބަހުސަށް ވެސް ވަރަށް ގިނަ ބިލްތަކެއް ވަނީ އެޖެންޑާ ކޮށްފަ އެވެ. އޭގެ ތެރޭގައި، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ، ހަޅުތާލު ކުރުމުގެ ބިލާއި ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި ޕަބްލިކް އެންޓާ ޕްރައިޒަސް ކޮމިޝަންގެ ބިލު ހިމެނެ އެވެ. އަދި މާވަށު ދާއިރާގެ މެންބަރު އަބުދުލް އަޒީޒު ޖަމާލު އަބޫބަކުރު ހުށަހަޅުއްވާފައިވާ، އިމިގްރޭޝަނާ ބެހޭ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި ސަރުކާރަށް ތަކެތި ގަތުމާއި ހިދުމަތް ހޯދުމުގެ ބިލާއި އެކައުންޓްގައި ފައިސާނެތި ޗެކް ދޫކުރުން މަނާ ކުރުމުގެ ބިލު ހުށަހެޅުމަށް ވެސް ވަނީ އެޖެންޑާ ކޮށްފަ އެވެ.
ނުނިމި ހުރި މައްސަލަތަކުގެ ގޮތުގައި، ކުރިއަށް ގެންދިއުމަށް އެޖެންޑާ ކޮށްފައިވާ ބިލުތަކުގެ ތެރޭގައި، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ހުށަހަޅުއްވާފައިވާ، ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލާއި މާވަށު ދާއިރާގެ މެންބަރު އަބުދުލް އަޒީޒު ޖަމާލު އަބޫބަކުރު ހުށަހަޅުއްވާފައިވާ، ދިވެހި ރާއްޖޭގެ ތައުލީމުގެ ބިލު ހިމެނެ އެވެ.
މާދަމާގެ ޖަލްސާއަށް ކޮމިޓީން ހުށަހަޅާފައިވާ ކަންތަކުގެ ގޮތުގައި ކުރިއަށް ގެންދިއުމަށް އެޖެންޑާކޮށްފައި ވަނީ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވުމަށް ސަލާމަތީ ބާރުތަކަށް އަންގާ އެންގުންތަކާ އެއްގޮތަށް ކޮމިޓީގެ ބައްދަލުވުންތަކަށް ހާޒިރުވެވަޑައި ނުގަންނަވާ މައްސަލައަށް ގޮތެއް ނިންމުމަށް އެދި އެ ކޮމިޓީން ހުށަހަޅުއްވާފައިވާ ރިޕޯޓް ކުރިއަށް ގެންދިއުމެވެ. އޭގެ އިތުރުން ބޭންކިންއާ ބެހޭ ބިލާއި، ގާނޫނު އަސާސީއަށް އިސްލާހް ގެނައުމުގެ ބިލުގެ މަސައްކަތް ވެސް ވަނީ އެޖެންޑާ ކޮށްފަ އެވެ.