11 Jun 2013, 09:43
ތެހެރާން (ޖޫން 11): އީރާނުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓެއް ކަމަށްވާ ޣުލާމް ޢަލީ ޙައްދާދު ރިޔާސީ ރޭހުން ވަކިވެވަޑައިގެންފި އެވެ.
ރިޔާސީ އިންތިޚާބަށް އެންމެ ހަތަރު ދުވަހަށް ވެފައިވަނިކޮށް ރިޔާސީ ރޭހުން ވަކިވެވަޑައިގެންނެވިކަން އިޢްލާންކުރައްވަމުން އޭނާ ވިދާޅުވީ ރިޔާސީ ރޭހުން ވަކިވެވަޑައިގެންނެވީ އަމިއްލަ ސަބަބުތަކަކާ ގުޅިގެން ކަމުގަ އެވެ. އީރާނުގެ ޕާލަމެންޓްގެ ރައީސްކަން ވެސް ކުރައްވާފައިވާ ޙައްދާދަކީ އެގައުމުގެ ދީނީ މުރްޝިދު އާޔަތުﷲ ޢަލީ ޚަމަނާއި އަށް ތާއީދުކުރާ ކޮންޒަވެޓިވް ފިކުރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
ރިޔާސީ ރޭހުން ވަކިވެވަޑައިގެންނެވިކަން އިޢްލާން ކުރުމަށް ނެރުއްވި ބަޔާނުގައި ޙައްދާދު ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އީރާނުގެ ގައުމީ މަސްލަޙަތާއި އިސްލާމީ އިންގިލާބުގެ ޕްރިންސިޕަލްތަކަށް ރިޢާޔަތްކޮށްގެން ގައުމުގެ ރައީސް ކަމަށް އެންމެ އެކަށޭނަ ބޭފުޅަކު އިންތިޚާބު ކުރުމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.
ޙައްދާދު ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމުން އީރާނުގެ ރިޔާސީ ރޭހުގައި މިހާރު ވަދަކުރައް ވަނީ ހަތް ކެންޑިޑޭޓުންނެވެ. މިކެންޑިޑޭޓުންގެ މެދުގައި މިދިޔަ ހަފްތާގައި ބޭއްވުނު ޓީވީ ބަހުސުގައި ކޮންމެ ބޭފުޅަކު ވެސް ވަނީ އެބޭފުޅެއްގެ ސިޔާސަތުތަކާއި އެޖެންޑާ އާއި ތަސައްވުރު ހާމަކުރައްވާފަ އެވެ. އަދި ބައެއް ކެންޑިޑޭޓުން އީރާނުގެ މިހާރުގެ ރައީސް މަޙްމޫދު އަޙްމަދީ ނެޖާދުގެ އިޤްތިސާދީ އަދި ޚާރިޖީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައިވެ އެވެ. (އަލްޖަޒީރާ)