ގައުމުގައި ހުރި ގޮންޖެހުންތައް ހައްލުުކުރުމަށް ޓީމެއް ބޭނުންވާ ކަމަށާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ފަހަތްޕުޅުގައި މަސައްކަތްކުރާ ޓީމެއް ނެތް ކަމަށް ގައުމީ ޕާޓީގެ ރައީސް އަދި ރައީސް މުހައްމަދު ވަހީދުގެ ހާއްސަ މުޝީރު ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދުގެ ކޯލިޝަނުން ރޭ ޅ. ނަފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ހަސަން ސައީދު ވިދާޅުވީ ރިޔާސީ މައިދާނަށް ނިކުމެވަޑައިގެން އެކަނި ގައުމައިގެން ކުރިއަށް ނުދެވޭނެ ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ފަހަތްޕުޅުގައި މަސައްކަތް ކުރާނެ ޓީމެއް ފެންނާން ނެތް ކަމަށެވެ.

"ރިޔާސީ އިންތިހާބަށް އެކަނި ނިކުމެވަޑައިގެން އެކަމެއް ނުކުރެވޭނެ. ގައުމުގެ ގޮންޖެހުންތަކަށް ބަލާއިރު ޓީމެއް ބޭނުންވޭ. ގާސިމް އިބްރާހިމް ފަތްޕުޅުގައި އަޅުގަނޑުމެންނަކަށް އެ ޓީމެއް ނުފެނޭ. ޓީމަކަށް ނޫނީ ތަފާތު ހިޔާލުގެ ބޭފުޅުން ގުޅިގެންނުނީ ގައުމުގެ ހުރި ގޮންޖެހުންތައް ހައްލެއް ނުކުރެވޭނެ. ވަރަށް އިހްލާސްތެރިކަމާ އެކު އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑަކަށް އެ ޓީމެއް ގާސިމާ އެކު ނުފެނެއޭ،"

މީގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ އެކު އޮތީ ތިން އަހަރަ ފަހަތަށް ގެންދާ ޓީމެއް ކަމަށާއި ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާ އެކު އޮތީ 30 އަހަރު ފަހަތަށް ގެންދާ ޓީމެއް ކަމަށް ފާހަގަ ކުރައްވަމުން ޑރ. ހަސަން ވިދާޅުވީ ގައުމައިގެން ކުރިއަށްދާ ހަމަ އެކަނި ބަޔަކީ ރައީސް ވަހީދުގެ ކޯލިޝަން ކަމަށެވެ.

"އަޅުގަނޑުމެންގެ ކެންޑިޑޭޓަށް. ރަނިންމޭޓަށް ފުރުސަތު ނުދެއްވައިފި ނަމަ އަޅުގަނޑުމެން ދެން ދާނީ 30 އަހަރުގެ ފަހަތަށް ނުވަތަ ތިން އަހަރުގެ ފަހަތަށް. މިއިން ކޮންމެ ބަޔަކީ ގައުމައިގެން ފަހަތަށްދާ ބަޔެއް. ގައުމައިގެން ކުރިއަށްދާން އޮތް ޓީމަކީ މި ޓީމް،"

އެހެންކަމުން ޓީމެއް ނެތް މީހެއް ކައިރިއަށްތޯ ދާނީ ނުވަތަ ފަހަތަށްދާ ޓީމެއް ކަރިއަށްދާ ޓީމެއް ކަރިއަށްތޯ ނުވަތަ ގައުމައިގެން ކުރިއަށްދާ ޓީމެއް ކައިރިއަށްދާ ޓީމެއް ކައިރިއަށްތޯ ދާނީ މިއަދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.