11 Jun 2013, 09:08
މަސްތުވާ ތަކެއްޗަށް ދެވި ހިފާފައި ތިބޭ ކުދިންނަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ކ. ހިންމަފުށީގައި ހިންގާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ދެވޭ ފަރުވާތަކަކީ އެއްވެސް ހަރުދަނާ ކަމެއް ނެތް ފަރުވާތަކެއް ކަމަށް މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އަންހެން ޖަމިއްޔާ ކަމަށްވާ ސޯސައިޓީ ފޯ ވިމެން އެގެއިންސްޓް ޑްރަގް (ސްވޮޑު) އިން ބުނެފި އެވެ.
ސްވޮޑް ޖަމިއްޔާގެ ޗެއަޕާސަން ފާތުމަތު އާފިޔާ "ސަން"އަށް މިއަދު ވިދާޅުވީ ރާއްޖޭގައި މަސްތުގެ ވަބާގައި ޖެހިފައި ތިބި ދެ ޖިންސުގެ މީހުންނަށް ކ. ހިންމަފުށިންދޭ ފަރުވާއަކީ ނަމަކަށް ތައްޔާރު ކޮށްގެންދޭ ފަރުވާއެއް ކަމަށާއި އެ ފަރުވާގެ ސަބަބުން ރަނގަޅު އެއްވެސް ނަތީޖާއެއް ނުފެންނާނެ ކަމަށެވެ. އަދި ރީހެބުން ފަރުވާ ފުރިހަމަ ކުރުމަށް ފަހު މާލެ އަށް ބަދަލު ކުރާ ކުދިން ވެސް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރެވިފައި ނެތް ކަމަށް ވެސް އާފިޔާ ވިދާޅުވި އެވެ.
"އެންޑީއޭގެ ޕްރޮގްރާމްތަކަކީ އެހާ ކަމުދާ ޕްރޮގްރާމްތަކެއް ނޫން. އެ ޕްރޮގްރާމްތަކުގައި އެއްވެސް ހަރުދަނާ ކަމެއް ނެތް. އެ އޮތީ ހަމަ އެއްޗަކަށް އެއްޗެއް ހަދާފައި. ހަމަ އެކަނި ސެންޓަރެއް ހުޅުވިކަން. އެ ތަނުގައި ޕްރޮގްރާމް އެކުލަވާލާފައި ވަނީވެސް ވަރަށް އާދައިގެ ގޮތަކަށް. އެހެންވީމަ އެ ކޮޅުގެ ފަރުވާ ނިންމާފައި އަންނަ ކުދިން ވެސް އެކަށީގެންވާ ގޮތެއްގައި ބެލޭނެ އިންތިޒާމެއް ހަމަޖެހިފައެއް ނެތް. ދެން ހަމަ ރިލެޕްސްވާނީ، މިއީ ވަރަށް ދެރަ ކަމެއް،" އާފިޔާ ވިދާޅުވި އެވެ.
މަސްތުވާ ތަކެތި ބޭނުންކުރާ އަންހެންކުދިންގެ ތެރެއިން ގިނަ ކުދިންނަކީ އެ ތަކެތި ބޭނުން ކުރާން ފެށުމުން އާއިލާގެ އެހީތެރިކަން ކަނޑާލާ ބޭނުން ގޮތަކަށް އުޅުމަށް ދޫކޮށްލާ ކުދިން ކަމަށާއި އެފަދަ ކުދިން އެ ޖަމިއްޔާގެ އެހީގައި ފަރުވާ އަށް ދާން އެދެމުންދާ ކަމަށް ވެސް އާފިޔާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ގޮތަށް އެދެމުން ދިޔަ ނަމަވެސް ސެންޓަރުގައި ޖާގަ ނެތުމުގެ ސަބަބުން އެ ފުރުސަތު ފަހިކޮށް ދިނުމަކީ އެ ޖަމިއްޔާ އަށް އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ މައި ޖަމިއްޔާ ކަމަށްވާ ޖާނީން ބުނެފައި ވަނީ ރާއްޖޭގައި މަސްތުގެ ވަބާގައި ޖެހި މަގު އޮޅެމުންދާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ އިރު އެ މީހުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށްޓަކައި ބައިތިއްބާނެ ޖާގަ ރާއްޖޭގެ ރީހެބުތަކުގައި ނެތް ކަމަށާއި އެކަން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ އަމިއްލަ ފަރާތްތަކަށް ރީހެބްތައް ހިންގުމުގެ ފުރުސަތު ވީހާ ވެސް އަވަހަކަށް ހުޅުވާލެވިގެން ކަމަށެވެ.
ހިންމަފުށީ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުގައި ހުންނަނީ މުޅިއެކު ގާތްގަނޑަކަށް 160އެއްހައި ކުދީންގެ ޖާގަ އެވެ.