11 Jun 2013, 01:57
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ރަނިންމޭޓަކަށް ކަނޑައަޅުއްވާފައިވާ ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީނު އަލީ އަކީ މިހާތަނަށް ނިކުންނަވާން ތިބި ރަނިންމޭޓުންގެ ތެރެއިން "އެންމެ ވަރުގަދަ" އަދި "ޕްރޮފެޝަނަލް" ރަނިންމޭޓު ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދުގެ ރަނިންމޭޓަކަށް ތަސްމީނު ކަނޑައެޅުއްވުމަށް ފަހު މިރޭ ޅ. ނައިފަރުގައި ބޭއްވި ކޯލިޝަންގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ތަސްމީނު ބަދުނާމުކޮށް އޭނާ އަކީ އެކަމަށް ތަޝައްރަފް ނުފުދޭ މީހެއް ކަމަށް ދެއްކުމަށް އެކި ކަހަލަ ވާހަކަތައް ދައްކަމުންދާ ކަމަށާއި ނަމަވެސް އަދާލަތުން ތާއިދުުކުރާ ރައީސް ވަހީދުގެ ކޯލިޝަނުން ކަނޑައަޅުއްވާފައިވާ ރަނިންމޭޓަކީ އެންމެ ޕްރޮފެޝަނަލް ރަނިމޭޓު ކަމަށެވެ.
"އަޅުގަނޑުމެންގެ ކޯލިޝަނުގެ ރަނިންމޭޓު ބަދުނާމު ކުރުމަށް ޓަކައި ނުވަތަ އެކަމަށް ތަޝައްރަފް ފުދިގެން ނުވާ ކަމަށް ހާމަ ކުރުމަށް ވަރަށް ގިނަ ބަޔަކު މަސައްކަތްތަކެއް ކުރަމުންގެންދިޔަ. އެހެން ނަމަވެސް އަޅުގަނޑު އެންމެ ޖުމަލައަކުން ބުނަންޏާ ބުނަން ޖެހޭނީ މާތް ﷲ އިރާދަކުރެއްވިއްޔާ މި ފަހަރު ނިކުންނަން ތިބި ރަނިންމޭޓުންގެ ތެރޭގައި އެންމެ ވަރުގަދަ ރަނިންމޭޓަކީ މިއީއޭ، މިއީ ރާއްޖޭގައި ހުރި ޕްރޮފެޝަނަލް ރަނިންމޭޓޭ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ކުރީގެ ރައީސް މައުމޫނަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު ސިޔާސީ މުފައްކިރު ކަމަށް އެންމެވެސް ގަބޫލުކުރާ އިރު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް މައުމޫނުގެ ރަނިންމޭޓުކަން ތަސްމީނު ކަނޑައެޅުއްވީ ތަސްމީނަކީ ޕްރިފެޝަނަލް ރަނިންމޭޓަކަށްވާތީ ކަމަށެވެ.
"މިވާހަކަތައް ދައްކަވާ ބޭފުޅުން ނުވިސްނާ ތަސްމީނަކީ ކޮންބޭފުޅެއް ކަމެއް. ރައީސް މައުމޫނު 25 އަހަރު ވެރިކަން ކުރައްވާފައި 30 އަަހަރު ވެރިކަން ކުރެއްވުމަށް ފަހު އެހާ ގިނަ ގާބިލް ބޭފުޅުން ކައިރީގައި ތިއްބަވަނިކޮށް ރަނިމޭޓަކަށް ތަސްމީނު އަލީ ނެންގެވީ ޕްރިފެޝަނަލް ވީމަ ނޫންތޯ،"
އިމްރާން އިތުރަށް ވިދާޅުވީ ޑީއާރުޕީ ރޫޅާލުމަށް ފަހު ޕީޕީއެމް އުފެއްދީ ތަސްމީނަށް ދެރެއެއް ދިނުމުގެ ބޭނުމުގައި ބަޔަކު ރާވައިގެން ކަމަށާއި ނަމަވެސް ޑީއާރުޕީން ކަނޑާލައިގެން ޕީޕީއެމް އަށް ގެންދެވުނީ ގާތްގަނޑަކަށް 10،000 މެންބަރުން ކަމަށާއި އަދިވެސް ޕީޕީއެމްއާ އެއްވަރަށް ޑީއާރުޕީގައި މެންބަރުން އެބަތިބި ކަމަށެވެ.
އިމްރާން އިތުރަށް ވިދާޅުވީ ވޭތުވި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ވަނީ ރާއްޖެ އިން ސައްތައިން ސައްތަ މުސްލިމްކަން ފިލުވާލަން ކަމަށާއި ކޯލިޝަނަށް ވެރިކަން ލިބިއްޖެ ނަމަ އެ ފުރުސަތު ކޯލިޝަން ސަރުކާރުން ނުދޭނެ ކަމަށެވެ.
"ރާއްޖޭގައި 900 އަހަރު ކުރިން އޮތް ސައްތައިން ސައްތަ އިސްލާމްކަން ނައްތާލުމަށް ވޭތުވެ ދިޔަ ސަރުކާރުން ކުރި މަސައްކަތް ކާމިޔާބުވިޔަ ނުދީ އަޅުގަނޑުމެން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ﷲ އިރާދަކުރެއްވިޔާދެން މި އިންތިހާބު ކާމިޔާބުކުރެއްވިޖެއްޔާ،"
ހަމަ އެހެންމެ ރައީސް ވަހީދު ކޯލިޝަނަށް އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ރައީސް ނަޝީދުގެ ސަރުކާރުން ދައުލަތުގެ ބަޖެޓުން ހޭދަކުރައްވައިގެން ވެފައިވާ ހިޔާނަތުގެ މައްސަލަތައްބަލައި ބަދަލުހޯދާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ ނަޝީދުގެ ސަރުކާރުން ރައްޔިތުންގެ ހަތަރު ބިލިއަން ރުފިޔާ އަށް ހިޔާނަތްވެފައިވާ ކަމަށެވެ.
އިމްރާން ވިދާޅުވީ ކޯލިޝަނުގައި ހަތަރު ޕާޓީން ބައިވެރިވި ނަަމަވެސް އަންނަ ރިޔާސީ އިންތިހާބު "އެއްލަކިން" ކާމިޔާބު ކުރެވިދާނެ ކަމަށެވެ.
"މިހާރު މި ފެންނަ މަންޒަރުތަކުން މި ހަތަރު ޕާޓީން ދެ ވަނަ ބުރުގެ އެއްވަނައަކަށް ވެސް ނޫން. މިހާރު މަންޒަރުތައް ބަދަލުވާންފެށި ގޮތުން އަޅުގަނޑަށް މިހާރު އިރާދަކުރެއްޔާ ފެންނަނީ ކިހިނެތޯ. ގައުމުގައިގެން ކުރިއަށް އެއްލަކިން އިރާދަކުރެއްވިޔާ އަޅުގަނޑުމެން ނިންމާލާނީ ،" އިމްރާން ވިދާޅުވި އެވެ.