ކޮރަލް ހޮޓެލްގެ ހަތަރު ވަނަ ފްލޯގައި ރޯވި އަލިފާން މީގެ އިރުކޮޅެއް ކުރިން ނިއްވާލާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ބުނެފި އެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކު ބުނީ މ. ދޮންބުޅާގޭގައި ދިހަ ބުރިއަށް ހަދާފައިވާ ހޮޓަލުގެ ހަތަރު ވަނަ ފްލޯގެ ކޮޓަރިއެއްގައި މިރޭ 1:00 ހާއިރު ރޯވިއިރު އެ ހޮޓަލުގައި ޓޫރިސްޓުން ވެސް ތިބި ކަމަށެވެ. ނަމަވެސް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން އެތަނަށް ގޮސް ވަރަށް އަވަހަށް އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަންގެ ނޫސްވެރިން އެތަނަށް ދިޔައިރު އަލިފާންގަނޑު ވަނީ ނިއްވާލައިފަ އެވެ. އަދި އެ ހާދިސާ ހިނގީ އެ ހޮޓަލުގެ ހަތަރު ވަނަ ފްލޯގެ ކޮޓަރިއެއްގައި ކަމަށް އެތަނަށް ދިޔަ ނޫސްވެރިޔާ ބުންޏެވެ.

"އެތަނުގެ ކޮޓަރިއެއްގައި އެކަނި ރޯވީ. އަލިފާންގަނޑު ބޮޑުވެ ނުފެތުރެނީސް ވަނީ ނިއްވާލާފައި. އެތަނަށް ލިބުނު ގެއްލުމެއް މުޅިން ސާފެއް ނުވޭ،" އޭނާ ބުންޏެވެ.

މިހާދިސާ ހިނގަން މެދުވެރި ސަބަބެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެ އެވެ.

ކޮރަލް ހޮޓެލް އެންޑް ސްޕާގެ ނަމުގައި ހިންގާ 36 ކޮޓަރީގެ ހޮޓަލަކީ ނަޖާހް އާޓް ޕެލަސް އިން ހިންގާ ތަނެކެވެ.