10 Jun 2013, 23:55
އަސަދުﷲ އަބްދުﷲގެ ހެޓްރިކާއެކު ދިރާގު ދިވެހި ލީގުގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި ވީބީ އައްޑޫ އެފްސީ ބައްދަލު ކުރިމެޗު 5-2 ލަނޑުން ފަސޭހަކަމާއެކު ވީބީ އަތުން މާޒިޔާ މޮޅުވެއްޖެ އެވެ.
ދެޓީމުގެ ފަރާތުންވެސް ހަލުއި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ކުރިހޯދީ ވީބީ އެވެ. އެލަނޑު މެޗުގެ 28 ވަނަ މިނިޓުގައި ވީބީއަށް ކާމިޔާބުކޮށްދިނީ ހެންސްލީ އަވިލޯ އެވެ. އެހެން ނަމަވެސް އޭގެ ތިން މިނިޓް ފަހުން ލަނޑެއް ކާމިޔާބުކޮށް މާޒިޔާވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މާޒިޔާގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއީލް ޢީސާ (މެސީ) އެވެ. 38 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް މާޒިޔާއަށް އެ މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދައިދިނީ އަސަދުﷲ އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން މެޗުގެ 42 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް އަވިލޯ ވަނީ ވީބިއަށް މެޗުގެ ނަތީޖާ 2-2ން ހަމަހަމަ ކޮށްދީފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ރަނގަޅު ކުޅުމެއް ދައްކަމުންދިޔަ މާޒިޔާއަށް ދެވަނަ ފަހަރަށް މެޗުގެ ކުރި ހޯދައިދިނީ، 65 ވަނަ މިނިޓުގައި އެޓީމުގެ ކެޕްޓަން އަޙްމަދު ރަޝީދު (އައްމަޑޭ) އެވެ. އަދި 75 ވަނަ މިނިޓުގައި އަސަދުﷲ، މެޗުގައި އޭނާ ކާމިޔާބު ކުރި ދެވަނަ ލަނޑު ކާމިޔާބުކޮށް މާޒިޔާގެ ލީޑު ފުޅާކުރުމަށްފަހު އޭނާ ހެޓްރިކް ހެދިލަނޑު ކާމިޔާބުކުރީ، އޭގެ 10 މިނިޓު ފަހުންނެވެ.
މިރޭގެ މެޗުގައި އަސަދުﷲއަށް ލަނޑުޖަހާނޭ ރަނގަޅު ފުރުސަތު ތަކެއް ލިބި ބޭކާރުވެގެން ދިޔަކަން ފާހަގަކޮށްލެވެ އެވެ.
ދިވެހި ލީގުގެ ފުރަތަމަ ބުރުގައި މިދެޓީމު ބައްދަލު ކުރި މެޗު، 2-0 ލަނޑުން ވީބީ ކާމިޔާބު ކޮށްފައިވާ އިރު މިރޭގެ މެޗުން 5-2ން ވީބީ އަތުން މޮޅުވެ ލީގު ތާވަލުގެ ދެވަނައިގައި މާޒިޔާ އޮތީ 21 ޕޮއިންޓާއެކު އެވެ. ތާވަލުގެ އެއްވަނައިގައި 33 ޕޮއިންޓާއެކު ނިއުރޭޑީއެންޓް ސްޕޯޓްސް ކުލަބް އޮތްއިރު މިރޭގެ މެޗުން ބަލިވި ވީބީ، ތާވަލުގެ ފުލުގައި އޮތީ 9 ޕޮއިންޓާއެކު އެވެ.
މާޒިޔާގެ ކޯޗު އިސްމާއީލް މަހްފޫޒު (އިންމަ) ބުނީ މިރޭގެ މެޗަށް މާޒިޔާ ނުކުތީ ކުރިން ވީބީއަތުން ބަލިވެފައިވާތީ އެކަމުގެ ބަދަލު ހިފަން ކަމަށާއި، ކުރީގެ މެޗުން ވީބީ އަތުން ބަލިވީ ހެދުނު ގޯސްތަކެއްގެ ސަބަބުން ކަަމަށެވެ.
"އަޅުގަނޑުމެން މިރޭގެ މެޗަށް ނުކުތީ ކުރީގެ މެޗުން ވީބީއަތުން ބަލިވެފައިވާތީ އެކަމުގެ ބަދަލު ހިފަން. އަދި އެމެޗުން އަޅުގަނޑުމެން ބަލިވީ ހެދުނު ގޯސްތަކެއްގެ ސަބަބުންނާއި ޓީމުގެ މޯޓިވޭޝަން ދައްވުމުގެ ސަބަބުން. އެހެން ކަމުން މިރޭގެ މެޗަށް ނުކުތްއިރުވެސް އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އޮތް މޮޅުވާނޭކަން. އަދި އުންމީދު ކުރިވަރަށްވުރެ ތަންކޮޅެއް ދައްކުޅުމެއް އަޅުގަނޑުމެންގެ ފަރާތުން ފެނިގެން ދިޔަ ނަމަވެސް މިއީ ވަރަށް ފަސޭހަ މޮޅެއް" އިންމަ ބުންޏެވެ.
ވީބީގެ ކޯޗު އަހްމަދު ނަޒީހު ބުނީ، މެޗުގައި އޭނާގެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ކަމަށާއި އެހެން ނަމަވެސް މެޗުން ބަލިވާން މެދުވެރިވީ، މެޗުގެ އޮފިޝަލުން ހެދި ގޯސްތަކެއްގެ ސަބަބުން ކަމަށެވެ. ނަޒީހުގެ އިތުރުން ވީބީގެ މެނޭޖަރު އިބްރާހީމް ރަޝީދު (ސަތޯ) ވެސްވަނީ، ވީބީ ކުޅޭ މެޗު ތަކުގައި ރެފްރީން ވަރަށް ބޮޑަށް ވީބީއާ ދެކޮޅަށް ނިންމުންތައް ނިންމާކަމަށް ބުނެ، ރެފްރީންނަށާއި އަދި އެފްއޭއެމްއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.
ދިރާގު ދިވެހި ލީގުގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ 15 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައި އޮތް ކުލަބު ވެލެންސިޔާއާއި 10 ޕޮއިންޓާއެކު ތާވަލުގެ ފަހަތުން ދެވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބެވެ.