31 Oct 2010, 16:13
ބޭންކް އޮފް މޯލްޑިވްސް އިން ފޯރުކޮށްދޭ މޯލްޑިވްސް މޯބައިލް ބޭންކިންގެ ހިދުމަތަށް ރެޖިސްޓްރީ ކުރުމަށްޓަކައި ކަމަށް ބުނެ، ވަގު ވެބް ސައިޓަކަށް ވަނުމަށް ބުނާ އެސްއެމްއެސްއެއް އެކިފަރާތްތަކަށް ފޮނުވަމުންދާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލް އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ބޭންކުން ފޯރުކޮށްދެމުން އަންނަ މޯބައިލް ބޭންކިންގެ ހިދުމަތް ރެޖިސްޓްރީ ކުރުމަށްޓަކައި ކަމަށް ބުނެ، ފޮނުވަމުންދާ އެ އެސްއެމްއެސްގައި ވަނުމަށް އެދިފައިވާ އެ ވެބްސައިޓް އެޑްރެހަކީ ޑަބްލިއުޑަބްލިއުޑަބްލިއު ޑޮޓް ބޭންކް އޮފް މޯލްޑިވްސް ޑޮޓް ނެޓް ކަމަށެވެ. އަދި އެ ވެބްސައިޓަށް ވަނުމަށް އެދި އެސްއެމްއެސް ކުރަމުންދާ ނަމްބަރަކީ 00455 ކަމަށާއި އެ ވެބްސައިޓަށް ވަނުމުން އެފަރާތެއްގެ އެކައުންޓްތަކާއި ކާޑު ނަމްބަރާއި މުއްދަތު ހަމަވާ ތާރީހު އަދި ކާޑުގެ ސެކިއުރިޓީ ކޯޑުގެ މައުލޫމާތު ފުރާނެ ފޯމެއް ހިމަނާފައިވާ ކަމަށް ވެސް އެނޫސް ބަޔާނުގައިވެ އެވެ.
ބޭންކުން ބުނީ އެފަދަ މައުލޫމާތުތައް އެ ވަގު ވެބްސައިޓް ހިންގާ ފަރާތަކަށް ލިބިއްޖެ ނަހަމަ ގޮތުގައި ބޭނުންތަކެއް ކުރެވިދާނެތީ އެކަމަށް ރައްކާތެރި ވުމަށެވެ.
ދިވެހި ބޭންކުގެ ނޫސްބަޔާނުގައި އެ ބޭންކުގެ ކަސްޓަމަރުންގެ ސަމާލުކަމަށް ޓަކައި އެ ބޭންކުން ދެމުން އަންނަ މޯބައިލް ބޭންކިންގެ ހިދުމަތަށް އެދި ރަޖިސްޓްރީ ކުރާނެ ސައްހަ ގޮތުގެ މައުލޫމާތު ވެސް ވަނީ ހިމަނާފަ އެވެ. އެގޮތުން އެހިދުމަތް ހޯދުމަށް އެދޭ ފަރާތެއް ނަމަ ކަސްޓަމަރު ސޮއިކޮށް ހުށަހަޅާ އެޕްލިކޭޝަން ފޯމް ހުށަހެޅުމަށާއި އިންޓަނެޓް ބޭންކިން އަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއް ނަމަ އެފަރާތެއް، މޯލްޑިވްސް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ނުވަތަ އޭޓީއެމް މެދުވެރިކޮށް، އެފަރާތެއްގެ ކާޑާއި ޕިން ބޭނުންކޮށްގެން ހިދުމަތް ހޯދުމަށް ވަނީ އެދިފަ އެވެ. އަދި ކައިރި މުސްތަގްބަލެއްގައި އެގޮތަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.
ބީއެމްއެލުން ބުނީ އެކި ފަރާތްތަކުގެ ބޭންކް އެކައުންޓްތަކާއި ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމަށް ޓަކައި އެފަދަ މައުލޫމާތު ހޯދުމަށް މިހާރަކަށް އައިސް ބޭނުންކުރާ އާއްމު އެއް ވަސީލަތަކީ ކަސްޓަމަރު އިތުބާރު ކުރާނެ ފަދަ ފަރާތެއްގެ ނަމުގައި އެފަރާތްތަކުން ފޮނުވާފައިވާ މެސެޖެއް ހެން ހީވާ ފަދަ ގޮތަކަށް އެސްއެމްއެސް ނުވަތަ އީމެއިލް އެއް ފޮނުވައިގެން، އެ އެސްއެމްއެސް ނުވަތަ އީމެއިލްގައި ހިމަނާފައިވާ މައުލޫމާތު ނުވަތަ ލިންކެއް މެދުވެރިކޮށް ވަދެވޭ ވަގު ވެބްސައިޓެއްގައި އެކްސެސް ކޯޑު ބޭނުންކުރުމަށް ނުވަތަ އެކައުންޓްގެ މައުލޫމާތު ހާމަކުރުމަށް ދޭ މެސެޖްތައް ކަމަށެވެ. އަދި އެފަދަ ވަގު ވެބްސައިޓްތައް އާއްމު ގޮތެއްގައި ހުންނަނީ އަސްލު ސައިޓާ އެއްގޮތަށް، ރަނގަޅު ލޯގޯތައް ވެސް ބޭނުންކޮށްފައި ކަމަށް ވެސް ބީއެމްއެލުން ބުނެ އެވެ.
އެހެންކަމުން އެއްވެސް ފަރާތަކުން ލިބޭ އެފަދަ އެސްއެމްއެސް އެއް ނުވަތަ އީމެއިލްއެއްގައި ހިމެނޭ ލިންކެއް ބީއެމްއެލްގެ ވެބްސައިޓަށް ނުވަތަ މޯލްޑިވްސް އިންޓަނެޓް ބޭންކިން ސައިޓަށް ވަނުމަށްޓަކައި ބޭނުން ނުކުރުމަށާއި އަބަދުވެސް ބްރައުސާގައި ބޭންކުގެ ވެބްސައިޓް އެޑްރެސް ކަމުގައިވާ ޑަބްލިއުޑަބްލިއުޑަބްލިއު ޑޮޓް ބޭންކް އޮފް މޯލްޑިވްސް ޑޮޓް ކޮމް ޑޮޓް އެމްވީ ޖަހައިގެން އެސައިޓް މެދުވެރިކޮށް ވަނުމަށާއި އަދި އެކައުންޓެއްގެ ނުވަތަ ކާޑެއްގެ ނަމްބަރު، ނުވަތަ އެކްސެސް ކޯޑެއް އީމެއިލް މެދުވެރިކޮށް އެއްވެސް ފަރާތަކަށް ނުފޮނުވުމަށާއި އެއްވެސް އެކައުންޓެއްގެ ނުވަތަ ކާޑެއްގެ ނަމްބަރު ނުވަތަ އެކްސެސް ކޯޑެއް ހާމަކުރުމަށް ބޭންކުގެ ފަރާތްތަކުން ނޭދެވޭނެ ކަމަށް ވެސް ބީއެމްއެލުން ބުނެ އެވެ. އަދި އީމެއިލް މެދުވެރިކޮށް އެއްވެސް ކޯޑެއް އެކައުންޓްގެ ވެރިފަރާތަކަށް ވެސް ނުފޮނުވޭނެ ކަމަށް ވެސް ބީއެމްއެލުން ވަނީ ބުނެފަ އެވެ.
"މި ބޭންކުން ދޫކުރާ މޯލްޑިވްސް އިންޓަނެޓް ބޭންކިންގެ ހިދުމަތާއި މޯބައިލް ބޭންކިން އަކީ ވަރަށް ރައްކާތެރިކޮށް ތައްޔާރުކުރެވިގެން ދެވެމުންދާ ހިދުމަތެއް. ނަމަވެސް ވަކި އެކައުންޓެއްގެ ރައްކާތެރިކަން ހިފެހެއްޓުމަށް ޓަކައި، އެފަރާތަކަށް ދޫކުރެވިފައިވާ ކާޑާއި އެކްސެސް ކޯޑްތައް ( ކާޑު ނަމްބަރު، މުއްދަތު ހަމަވާ ތާރީހު، ފިން އަދި ކާޑުގައި ހިމެނިފައިވާ ސެކިއުރިޓީ ކޯޑު އެކަންއުންޓް ނަމްބަރު، އިންޓަނެޓް ބޭންކިން ޔޫސާ އައިޑީ، ސެކިއުރިޓީ ކޯޑު އަދި ޕާސްވަރޑް) އެހެން އެއްވެސް ފަރާތަކަށް ނުލިބޭނެ ގޮތަށް ރައްކާތެރިކަމާ އެކު ބެހެއްޓުމަކީ ކަސްޓަމަރުން ކުރަން ޖެހޭ ކަމެއް." ބީއެމްއެލްގެ އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެފަދަ މައްސަލައެއް ބީއެމްއެލްގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.