18 Mar 2010, 14:11
19:00
ޔޫރަޕްގެ ހަތަރު ޤައުމަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު ހަވީރު މާލެ ވަޑައިގެންފި އެވެ.
އެމަނިކުފާނުގެ މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ޖަރުމަނުވިލާތަށް ކަމަށާއި، ޖަރުމަނުވިލާތަށް ކުރެއްވި ދަތުރުފުޅުގައި، އެގައުމުގެ ޗާންސެލަރާ އެމަނިކުފާނު ބައްދަލުކުރެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެ އެވެ. އަދި ޖަރުމަނުވިލާތުގައި ބޭއްވި ދުނިޔޭގެ އެންމެބޮޑު ޓޫރިޒަމް ފެއަރ އައި.ޓީ.ބީ. ބަރލިންގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި ކަމަށާއި، ބަރލިންގެ ފްރައި ޔުނިވަރސިޓީގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
ޖަރުމަނުވިލާތުން ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ އައިސްލެންޑަށް ކަމަށާއި، މިދަތުރުފުޅުގައި އައިސްލެންޑުގެ ރައީސާ ބައްދަލުކުރެއްވި ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެ އެވެ. އަދި، ޔުނިވަރސިޓީ އޮފް އައިސްލެންޑުގައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައްވައި އެމަނިކުފާޏު ތަޤްރީރު ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ސްވިޓްޒަރލެންޑަށް ވަޑައިގެން އެޤައުމުގެ ނާއިބު ރައީސާ ބައްދަލުކުރައްވައި ދެޤައުމުގެ ގުޅުމާބެހޭގޮތުން މަޝްވަރާތައް ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
އެމަނިކުފާނުގެ މިދަތުރުފުޅު ނިންމަވާލެއްވީ ފިންލެންޑުން ކަމަށާއި، ފިންލެންޑުގައިވެސް އެޤައުމުގެ ރައީސާ އާއި ކުރީގެ ރައީސާ އެމަނިކުފާނު ބައްދަލުކުރެއްވި ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެ އެވެ.