ނ. ކުރެދިވަރުގައި ކަނޑުއަޑީގެ ހޮޓަލެއް ހަދަން ބޭރުގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓަރު އަހުމަދު އަދީބު މިއަދު ވިދާޅުވީ އެ ރަށުގައި "ސްޕޭސް އޭޖް- އަންޑަވޯޓާ ހޮޓެލް" ހަދަން ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ސުވިސް އިންވެސްޓަރަކާއި ޕޮލެންޑް އިންވެންޓަރަކު ގުޅިގެން ކަމަށެވެ.

"އެ މީހުން ޕްލޭން ޓޫރިޒަމް މިނިސްޓްރީއާ ހިއްސާކުރުމުން އަޅުގަނޑުމެން ވާނީ އެކަން ކުރިޔަށް ގެންދަން މަރުހަބާ ކިޔާ ކަމަށް ބުނެފައި. އެހެން ނޫނީ އެފަދަ އިންވެސްޓަރުން ދެން ދާނީ ކޮންމެވެސް އެހެން ގައުމަކާ ދިމާލަށް. މިއަދު ރާއްޖެއިން އެކަމަށް އެއްބާރުލުން ނުދިން ނަމަ އެ މީހުން ދާނީ ކޮންމެ ވެސް އެހެން ޓޫރިޒަމް މަންޒިލަކަށް،" އަދީބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގާތްގަނޑަކަށް 150 މިލިއަން ޑޮލަރުގެ މަޝްރޫއެއް ދަށުން ކުރެދިވަރުގައި ކަނޑު އަޑީގެ ހޮޓާ ހަދަނީ، އޭގެ ބައިތައް ރާއްޖެއިން ބޭރުގައި އުފައްދައިގެން ގެނެސް އަޑިއަށް ފައްތާ ގޮތަށް ކަމަށެވެ.

ކުރެދިވަރަކީ ސީއެސްއާރް މަޝްރޫއު އަކާއި އެކީ އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ރަށެކެވެ.

ދުނިޔޭގެ ޚަބަރުފަތުރާ މަޝްހޫރު ސީއެންއެންގެ ވެބްސައިޓްގައި ބުނެފައި ވަނީ އެ ހޮޓާ ހެދުމުން އެއީ ދުނިޔޭގައި ހުރި އެންމެ ބޮޑު ކަނޑު އަޑީގެ ހޮޓަލަށް ވެގެންދާނެ ކަމަށެވެ.

އެ ވެބްސައިޓްގައި ބުނެފައި ވަނީ "ދަ ވޯޓާ ޑިސްކަސް ހޮޓެލް"ގެ ނަމުގައި ހަދާ ކަނޑުއަޑީގެ ހޮޓަލުގައި ވަށައިގެން ހަރަކާތްކުރާ ގޮތަށް 21 ކޮޓަރި ހުންނާނެ ކަމަށެވެ.

"މިކަހަލަ ރީތި ފަރުތައް ބަލާލަން ޑައިވްކުރަން ނުކުރޭ ވަރަށް ގިނަ މީހުން އެބަތިބި. އެކަމަކު އަޅުގަނޑުމެން މި އުޅެނީ އެނދުގައި އޮވެގެން މިކަހަލަ ރީތި ތަންތަން ބަލާލުމުގެ ފުރުސަތު ހޯދައިދޭން،" އެ ހޮޓާ ޑިޒައިންކުރާ ޕަވަލް ޕޮޑެސްކީ ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

އެ ހޮޓަލުގެ ކުރެހުންތަކުގައިވާ ގޮތުން ކަނޑު އަޑީގައި ހަދާ ހޮޓަލާ ގުޅުވައިގެން ފެނުންމަތީ ހަތް މީޓަރު އުހުގައި ޑިސްކް ބައްޓަމަށް ހަދާ ދެ ލައުންޖްގައި ލަގްޒަރީ ރެސްޓޯރަންޓާއި ސްޕާއެއް ހުރެ އެވެ. އަދި ޑިސްކް ބައްޓަމަށް ހަދާފައިވާ ލައުންޖްތައް ހުންނަނީ ކަނޑުއަޑީގައި ހުންނަ 21 ކޮޓަރިއާއި ބިއްލޫރި ޓަނަލްތަކުން ގުޅާލައިފަ އެވެ.

"ބައެއް މީހުން މި ޑިޒައިން ފެނިފައި ބުނަނީ ހީވަނީ ޖޭމްސް ބޮންޑްގެ ފިލްމެއްހެންނޭ ހީވަނީ. އަޅުގަނޑަކީ ފިލްމްތަކަށް ވަރަށް ޝައުގުވެރިކަން ހުންނަ މީހެއް. ފަހަރު ވެދާނެ އެއީ ކަމަށް މި ހިޔާލު އައި ސަބަބަކީ،" ޕޮޑެސްކީ ބުންޏެވެ.

އެންމެ ޒަމާނީ ފެންވަރަށް ހަދާ ހޮޓަލުގައި އެންމެފަހު ލަގްޒަރީ ވަސީލަތްތައް ހިމެނެ އެވެ. އެގޮތުން ހެލިޕޭޑަކާއި ރޫފްޓޮޕް ސުވިމިން ޕޫލް ވެސް ހިމެނެ އެވެ. އޭގެ އިތުރުން ތިން ސަބްމެރިން ވެސް ބޭނުންކުރަން ހަމަޖެހިފައިވާ އޭނާ ބުނެފައިވެ އެވެ.

ޕޮޑެސްކީ ބުނެފައި ވަނީ އެ ހޮޓާ ހަދާއިރު ތިމާވެއްޓަށް ޚާއްސަ އިސްކަމެއްދޭނެ ކަމަށެވެ. އެގޮތުން ފަރުތަކުގެ ދިރުން ނުގެއްލޭ ގޮތަށް އަދި ފަރުތައް އަލާވާނެ ގޮތަށް މަސައްކަތްކުރާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

ރާއްޖޭގައި ހިންގާ ކޮންރެޑް މޯލްޑިވްސް ރަންގަލީގެ ފަޅުތެރޭގައި "އިތާ"ގެ ނަމުގައި ކަނޑުއަޑީގެ ރެސްޓޯރަންޓެއް ހަދާފައިވެ އެވެ. އަދި ޕާއެކުމް ރިސޯޓް މޯލްޑިވްސް ހުވަފެންފުށީގައި ކަނޑުއަޑީގެ ސްޕާއެއް ހަދާފައިވެ އެވެ.